މަސައްކަތެއް ނެތުމުން މިއަދު ވެސް މަޖިލީހުގެ ޖަލްސާ ނުބާއްވާ

ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް އެޖެންޑާނުކޮށް ނުބާއްވަން ނިންމައިފިއެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. އެކަމަކު، މި ހަފުތާގައި އަދި އެންމެ ޖަލްސާއެއް ވެސް ބާއްވާފައެއް ނުވެއެވެ. ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށް ފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ މި މަހު ހަތެއްގައެވެ. މަޖިލީހުގެ ޖަލްސާ މިއަދު ވެސް ކެންސަލްކުރިއިއިރު މަޖިލީހުގެ އިދާރާއިން ރަސްމީ ސަބަބެއް ނާންގައެވެ. https://sun.mv/205067 އެކަމަކު، 'ސަން'އާ ވާހަކަދެއްކި ބައެއް މެންބަރުން ވިދާޅުވީ، ޖަލްސާތައް ނުބާއްވަނީ މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނެތުމުން ކަމަށެވެ. ޖަލްސާ ނުބޭއްވި ނަމަވެސް މަޖިލީހުގައި މިއަދު ދެ ކޮމިޓީއެއް ބާއްވަން ވަނީ އެޖެންޑާކޮށްފައެވެ. އެއީ، ލާމަރުކަޒީ ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއެވެ. ދެ ކޮމިޓީ ވެސް ބާއްވަން އެޖެންޑާކޮށްފައިވަނީ 11:00 އަށެވެ. މަޖިލީހަށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވަންޖެހޭ ބިލުތައް ނުފޮނުވާ ލަސްވާ ކަމަށާއި މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނަނީ އެހެންވެ ކަމަށް މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ތުހުމަތުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވަޒީރުން މަޖިލީހުން ހާޒިރުކުރަން މެންބަރުން އެދުމުން ވެސް އެ ބޭފުޅުން ހާޒިރުނުކުރާތީއާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އިއްޔެ ވަނީ ގަރާރެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. ވިހިވަނަ މަޖިލީހުގެ މެންބަރުން: ސަބަބެއް ނެތި ޖަލްސާތައް ކެންސަލްކުރާކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައި -- ފޮޓޯ/ މަޖިލިސް އޭނާ ވަނީ ބައެއް ވަޒީރުންނާ ސުވާލުކުރުން އެޖެންޑާނުކޮށް ލަސްކުރައްވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި، އެ މަނިކުފާނު މަގުބޫލު އެއްވެސް ސަބަބެއް ނެތި، މަޖިލީހުން ވަކި ގޮތެއް ވެސް ކަނޑަނާޅައި ޖަލްސާތައް ނުބާއްވާތީ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެހެންވެ، މަޖިލީހުގެ ޒިންމާތައް އަދާކުރަން ހުރަސްއެޅޭ ކަމަށް މީކާއިލްގެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. މަޖިލީސް މެންބަރުންގެ މުސާރައާ އެކަށިގެންވާ މަސައްކަތެއް އެ މެންބަރުން ނުކުރާ ކަމަށް ބުނެ އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ގޮތުން މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރަ މާ ބޮޑު ކަމަށް ބުނެ، އެ މުސާރަ ކުޑަކުރަން ގޮވާލައި މި ފަހުން ޕެޓިޝަނެއްގައި ވެސް ބައެއް މީހުން ސޮއިކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ