ބޭނުންނުކުރިޔަސް ވޭޕް އަތުލައި ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް
އީ-ސިނގިރޭޓާއި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިއަދު ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ. ވޭޕާއި އީ-ސިނގިރޭޓު ބޭނުންކުރުން މިދިޔަ ނޮވެންބަރު 15 އިން ފެށިގެން ރާއްޖޭގައި ވަނީ އެއްކޮށް މަނާކޮށްފައެވެ. ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ތަކެތީގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފައިވާއިރު، ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ ޖީލުގެ މީހުންނަށް ސިނގިރޭޓު މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަން ތަންފީޒުކުރަން ގާނޫނަށް އިސްލާހު ގެންނަން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. https://sun.mv/205370 އެ އިސްލާހުގައިވަނީ ވޭޕާއި އީ-ސިނގިރޭޓު ބޭނުންނުކުރި ނަމަވެސް ގެންގުޅެނިކޮށް ފެނުނަސް އަތުލެވޭ ގޮތަށް ވެސް ބަދަލުކޮށްފައެވެ. އެ ގޮތުން، އާންމު ތަނެއްގައި އެ ފަދަ އާލާތެއް ގެންގުޅެނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު އޮންނާނެއެވެ. އެކަމަކު، އެފަދައިން އަމަލުކުރަންވާނީ: އެ އަމަލު ހުއްޓުވުމުގެ ބާރު ލިބިގެންވާކަން ހާމަކުރުމާ އެކު ގާނޫނާ ހިލާފަށް ކުރި ކަންތައް ބަޔާންކުރުން އީ-ސިނގިރޭޓެއް ނުވަތަ ވޭޕެއްކަން ކަށަވަރުކުރަން ފުލުސް އޮފިސަރާ ހަވާލުކުރަން އެންގުން ބުނުމުން ހަވާލުނުކޮށްފި ނަމަ އެކަށިގެންވާ މިންވަރަށް ބާރުގެ ބޭނުންކޮށްގެން ވެސް އަތުލެވޭނެ ވޭޕެއް ނުވަތަ އީ-ސިނގިރޭޓެއްކަން ޔަގީންކުރެވުމުން އެއީ ގާނޫނާ ޚިލާފު އަމަލެއް ކަމާއި އެ އާލާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިދާނެ ކަމާއި ޖޫރިމަނާ ކުރެވިދާނެކަން އެންގުން ގާނޫނުގައި ވާގޮތަށް ޖޫރިމަނާކޮށް، ލިޔުން ހަވާލުކުރުން ބޭނުންކުރި ނުވަތަ ގެންގުޅުނު އާލާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީކަން އަންގައި، އެކަމުގެ ލިޔުން ހަވާލުކުރުން މި ގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ގިނަވެގެން 45 ދުވަހުގެ ތެރޭގައި ނައްތާލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ. ގާނޫނު ކުރިން އޮންނަ ގޮތުން ވޭޕާއި އީ-ސިނގިރޭޓު އަތުލެވޭނީ ނުވަތަ ޖޫރިމަނާކުރެވޭނީ ބޭނުންކުރަނިކޮށް ފެނިއްޖެ ނަމައެވެ. https://sun.mv/204728 ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު އެ ކަމަށް ބޭނުންކުރާ އާލަތްތައް ރާއްޖެ އެތެރެކުރުމާއި ވިޔަފާރިކުރުމާއި ހިލޭ ބެހުމާއި އަދި ބޭނުންކުރުމަކީ ވެސް މިހާރު ވެސް މަނާ ކަންކަމެވެ. ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް މިއަދު ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވާ ޖީލަށް ސިނގިރޭޓު މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމުގެ ގޮތުންނެވެ. މި އިސްލާހު ފާސްވުމާ އެކު ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން އެ ޖީލަށް ސިނގިރޭޓު މަނާވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ