ވަޒީރުކަން ދިފާއުކޮށް އިހުސާން: 9ގައި ނޫނަސް ހޮޅުދޫއަށް ދިޔައިން

މީގެ ދެ ހަފުތާ ކުރިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ނ. ހޮޅުދޫއަށް ކުރައްވި ދަތުރު ނިންމަވާލައްވައި، ފުރަން ވަޑައިގަތް މަގުމަތީގައި އެ ރަށު ރައްޔިތުންނަށް ކަމަކަށް ވައުދެއް ވެވަޑައިގަތެވެ. އެހެން ގޮތަކަށް ބުނާނަމަ އިހުސާން ވަޑައިގަތި ހޮޅުދޫ ރައްޔިތުންނަށް 'ބެޓެއް' ކުރައްވާފަ އެވެ. އެ 'ބެޓު'ގެ ހަރާދަކީ އަދާކުރައްވާ ހޯމްލޭންޑް މިނިސްޓަރުކަމުގެ ވަޒީފާ އެވެ:
"މި ރަށުގައި އަޅުގަނޑު 9ގައި ނެތިއްޔާ، 10 ވަނަ ދުވަހު އަޅުގަނޑު ނުހުންނާނަން ވަޒީރަކަށް،" އިހުސާން ވިދާޅުވި އެވެ.
އިހުސާނު ހޮޅުދޫއަށް ވަޑައިގަތި އެ ރަށު ޒަކިއްޔާ މޫސާގެ މަރުގެ ހަގީގަތް ބުނެދެވިފައި ނުވާތީ ސިލްސިލާކޮށް އެ ރަށު މީހުން އިހުތިޖާޖު ކުރަމުންދަނިކޮށެވެ.
ބޮޑެތި ޒަހަމްތަކާ އެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. ނަމަވެސް ތަހުގީގަށް ފަހު ފުލުހުން ބުނެފައިވަނީ އެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
އެކަމާ ހިތްހަމަނުޖެހި ހޮޅުދޫގައި ސިލްސިލާކޮށް ކުރަމުންދިޔަ އިހުތިޖާޖުތަކާ ގުޅިގެން އިހުސާނުގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ހިމެނޭހެން ފުލުހުންގެ އިސްވެރިންގެ ޓީމެއް ވަނީ 25 ފެބްރުއަރީގައި އެ ރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ.
ޖެހިގެން އައި ދުވަހު ފުރަން ލޯންޗަށް އަރާވަޑައިގަންނަވަން ދިޔަ މަގުމަތީގައި އިހުސާނު އެ ރަށު ރައްޔިތުންނާ ބައްދަލުކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އެ ދުވަސްވަރު އާންމުވި އެވެ. ވީޑިއޯގައި އެއްކޮޅުން އިވެނީ ރައްޔިތުންގެ ކަންބޮޑުވުންތަކެވެ. ތަހުގީގާ މެދު ހުރި ސުވާލުތަކަށް ޖަވާބެއް ނުލިބި ލަސްވުމާއި އިހުތިޖާޖުތަކުގައި ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކާއި އެކަން ނުބެލޭކަމުގެ ޝަކުވާތަކެވެ.
ޝަކުވާތައް އައްސަވައި، ޝެޑިއުލް ބެއްލެވުމަށްފަހު އެތަނުގައި ހުރި ކޮންމެވެސް މީހެއްގެ ގާތުގައި އިހުސާން ވަކިން ތާރީހެއް ވިދާޅުވެ އެވެ. އެ މީހާގެ އެދުމަކަށް ވީ "ތަންކޮޅެއް ބާރަށް، އެންމެންނަށް އަޑު އިވޭވަރަށް" ތާރީހު ވިދާޅުވުމަށެވެ.
"އަޅުގަނޑު، މާޗު މަހުގެ 9ގައި އިރާދަކުރެއްވިއްޔާ މި ރަށަށް އަންނާނަން. އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރާނަން،" އިހުސާން ވިދާޅުވި އެވެ.
ދެން ވެސް ވީޑިއޯގައި އިވެނީ އާންމުންގެ ޝަކުވާތަކެވެ.
"[މައްސަލަ] ސޯލްވް ކިޔާފައި ދިޔަޔަސް ކަމަކު ނުދާނޭ. ރައްޔިތުންގެ ޓެކްސް ފައިސާއިންނޭ ތިޔަބޭފުޅުން މި ގެންގުޅެނީ. އެހެންވީމަ ކަމަކު ނުދާނޭ. އަޑުއަހާކަށް ބޭނުމެއް ނޫން، 6 މަސް ވީއޭ،" ދެ ދުވަސް ތެރޭ ރޯދަމަސް ފެށޭނެކަން ވެސް ހަނދާން ކޮށްދެމުން މީހަކު ބުނާ އަޑު އިވެ އެވެ.
ޔަގީންކަން ދެެއްވަން އިހުސާނު އަނެއްކާ ވެސް ވިދާޅުވީ 9 މާޗުގައި ވަޑައިގަންނަވާނެ ކަމެވެ. ނަމަވެސް ސިޔާސީ ބޭފުޅަކު އެގޮތަށް ދޭ ތާރީހުތަކަކީ މާ ބޮޑު ބުރަދަނެއް ހުރި އެއްޗަކަށް ނުވެ އެވެ.
"ނާންނާނެ. ތިގޮތަށް ކިތަންމެ ޑޭޓެއް ދޭނެ،" މީހަކު ބުނެ އެވެ.
ދެން އިހުސާނުގެ ސުވާލަކަށްވީ އެ ތާރީހުގައި ވަޑައިނުގެންފިނަމަ ދެން ވާނީ ކިހިނެއްތޯ އެވެ. އަދި ޖަވާބު ވެސް ދެއްވީ އަމިއްލައަށެވެ.
"މި ރަށުގައި އަޅުގަނޑު 9ގައި ނެތިއްޔާ، 10 ވަނަ ދުވަހު އަޅުގަނޑު ނުހުންނާނަން ވަޒީރަކަށް."
އެހެން ނަމަވެސް އިހުސާނު ވިދާޅުވި ގޮތަށް ސީދާ 9 މާޗުގައި ހޮޅުދޫއަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ އިހުސާނުގެ އިސްތިއުފާއަށް ގޮވަމުންނެވެ. ނަމަވެސް އެކަމުން ދިފާއުވެ، ތާރީހަށް ހޮޅުދޫއަށް ނުދެވުނު ސަބަބު އިހުސާނު ވަނީ ހިއްސާކުރައްވާފަ އެވެ.
ހޮޅުދުއަށް ކުރެއްވި ދަތުރުފުޅުގައި ކަން ހިނގާދިޔަ ގޮތް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާކުރައްވައި އިހުސާނު ވިދާޅުވީ ފުރަން ދަނިކޮށް އެ ދަތުރުގައި ވަކިން ބައްދަލުކުރަން އެދުނު ބައެއް މީހުންނާ ބައްދަލުނުވެ ފުރަންދާކަމަށް އެ ރަށު މީހަކު ބުނި ކަމަށެވެ.
އެވަގުތު ޝެޑިއުލް ބަލާފައި 9 މާޗު 2025 ވަނަ ދުވަހު އެ ރަށަށް ދާނެ ކަމަށް ވިދާޅުވި ނަމަވެސް، އިހުސާނު ވިދާޅުވި ގޮތުގައި އެ މީހާ ތަކުރާރުކޮށް ބުނަމުންދިޔައީ ނާންނާނެ ކަމަށެވެ.
"މިހެންވެ އެ ޔަގީންކަން އިތުރަށް ދިނުަމަށް އެ ދުވަހު އެ ރަށަށް ނުގޮސްފިނަމަ 10 މާޗުގައި އަޅުގަނޑު ވަޒީފާގައި ނުހުންނާނެ ކަމަށް ދެންނެވިން،" އިހުސާނު ވިދާޅުވި އެވެ.
"ނަމަވެސް 9 މާޗު 2025 ވަނަ ދުވަހު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހުމުން އަޅުގަނޑު ވާނީ 6 މާޗު 2025ގައި އެ ރަށަށް ދެ ވަނަ ފަހަރަށް ގޮސް ރައްޔިތުންގެ ތެރެއިން ވަކިން ބައްދަލުކުރަން އެދުނު ފަރާތްތަކާއި ބައްދަލުކޮށްފައި."
އިހުސާނުގެ ޕޯސްޓަށް ކޮމެންޓު ކުރި ބައެއް މީހުން ދެކޭ ގޮތުގައި މިނިސްޓަރު އަމަލުކުރެއްވި ގޮތުން ވައުދު އޮންނާނީ ފުއްދިފަ އެވެ.
ކޮމެންޓުތަކުގައި 'ފުޅު'، 'ޕުޅު' އަދި އައްސަރިބަހާއި ސާބަހުގެ ބަސްތަކާއި އަތްތިލަބަޑީގެ އިމޯޖީތަކުން އެއް ބަޔަކު ސަނާކިޔުމުގައި އަވަދިނެތި އެވެ. އިހުސާނުހާ ހީވާގި، ގާބިލު ބޭފުޅަކު ދުވަހަކު ވެސް ނުދެކޭ މީހަކު ވެސް ކޮމެންޓު ސެކްޝަނުގައި އުޅުނެވެ.
ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި ސީދާ ވިދާޅުވި ތާރީހަށް ވަޑައިނުގަތުމުން ހަމަ އެ ދުވަހު ވިދާޅުވި ގޮތަށް އިސްތިއުފާ ވެސް ދެއްވަން ޖެހޭނެ އެވެ. ފަހެއް މާޗުގައި ދިޔަޔަސް ނުވައެއް މާޗުގައި ދިޔަކަމަކަށް ނުވާނެ އެވެ.
ފާޑުކިޔާ މީހުން ބުނާ ގޮތުގައި އެއީ ނަތީޖާއެއް ނެތް ބައްދަލުވުންތަކެކެވެ. ބައްދަލުވުމަކީ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ހާސިލުވީ ކޮން ކަމެއް ހެއްޔެވެ؟ އިހުސާނު ދެއްކެވި ވާހަކައިގެ އިބުރަތަކީ އިތުރު ވަގުތުތަކެއް ބޭކާރުކުރުން ހެއްޔެވެ؟
ދެން ތިބީ މިކަން ސިޔާސީ ނުކޮށް ކޮމެންޓު ކުރި މީހުންނެވެ. އޭގެ ތެރެއިން އެކަކު، އިހުސާނަކީ ގައުމެއްގެ ހޯމް މިނިސްޓަރުކަން ހަނދާން ކޮށްދެމުން މިއީ ކޮންފަދަ ތާކުންތާކުނުޖެހޭ ކަމެއްތޯ ސުވާލު އުފެއްދި އެވެ.
ބައެއް މީހުން ހަނދާން ކޮށްދިނީ އަސްލު މައްސަލަ އެވެ.
"ބޭނުމީ [މިނިސްޓަރު] އެނބުރި [ރަށަށް] އައުމެއް ނޫން. ހޮޅުދޫގެ ޒުވާނެއްގެ ހައިސިއްޔަތުން ބުނަން، އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާ، ގާތިލު ހައްޔަރު ކުރޭ. ހޮޅުދޫގެ ނާމާންކަން ވަރަށް ބޮޑު، އެތައް ބައެއް މެންޓަލީ ޑައުންވެއްޖެ،" އަހްމަދު ޝަމާއު ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ކޮމެންޓެއްގައިވެ އެވެ.
"ހޮޅުދޫ ކުޑަޔަސް އެ ރަށުގައި ތައުލީމީ އެތައް ބަޔަކު ދިރިއުޅޭ. އެތާކު ހަމަ ދައްކާހާ ވާހަކައެއް ގަބޫލުކޮށް އަތްޖަހާނެ ބަޔަކު ނުތިބޭނެކަން ވަޒީރަށް އެނގިވަޑައިގަންނަވާނެ. ގާތިލު ހޯދައިދެއްވާ،" އެހެން މީހަކު ބުނެފައިވެ އެވެ.
އިހުސާނު ހޮޅުދޫއަށް ކުރެއްވި ފުރަތަމަ ދަތުރަށް ފަހު އެނބުރި މާލެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގި ފުރަތަމަ ތަހުގީގުތަކުގައި އިހުމާލުތަކެއް ހުރިކަމަށް އޭނާއަށް ވެސް ގަބޫލުކުރެއްވޭ ކަމަށެވެ.
"ތިބޭފުޅުން ތިި ވިދާޅުވީ ފުލުހުންގެ ބައެއް އިހުމާލުތައް. އަޅުގަނޑު ގަބޫލުކުރަން ބައެއް ކަންކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ:
ޒަކިއްޔާގެ މަރާއި ގުޅިގެން ބައެއް މީހުންނަށް ދޭންޖެހޭ ނަފްސާނީ އެހީތެރިކަން ދިނުން ލަސްވެފައި އޮތްކަން ގަބޫލުކުރަން؛ އެކަން އެއަށް ވުރެ ރަނގަޅަށް ކުރެވެންވާނެ
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ނަހަދައި ދޫކޮށްލުމަކީ ވެސް އެންމެ ރަނގަޅަށް ކޮށްފައި އޮތް ކަމެއް ނޫން
މައްސަލަ ބަލަން އިތުރު ތަހުގީގީ ޓީމެއް ވަނީ އެކުލަވާލާފައިވާ
އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވި
އިހުސާނުގެ އިތުރުން ހަމަ އެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ޝުޖާއު ވެސް ވިދާޅުވީ އެއީ އާދައިގެ މަރެއް ނޫންކަން ގަބޫލުކުރާ ކަމަށެވެ. އަދި އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ:
އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުން 
ކައިރީގައި ވަޅިއެއް އޮތް
ޒަކިއްޔާ މަރާލީ ކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނޭ
އިހުސާނު ހޮޅުދޫއަށް އިތުރު ދަތުރެއް ކުރައްވައި، ބައެއް މީހުންނާ ބައްދަލުކުރެއްވިކަމުގެ އިތުރަށް މި މައްސަލައިގެ އިތުރު ތަފުސީލެއް ފަހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ