މޯލްޑިވިއަންގެ ފަސްވަނަ އޭޓީއާރް ރާއްޖެ ގެނެސްފި މޯލްޑިވިއަންގެ ފަސްވަނަ އޭޓީއާރް ރާއްޖެ ގެނެސްފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ގެނައި އޭޓީއާރް މަރުކާގެ ފަސްވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ބޯޓަށް މަރުހަބާ ކިޔާފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގު އިބްރާހިމްގެ އިތުރުން މޯލްޑިވިއަންގެ އިސްވެރިންނެވެ.
މިނިސްޓަރު ތޯރިގު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވިއަންއަށް އިތުރުކުރެވުނު އޭޓީއާރްއާއެކު އެތެރޭގެ އުދުހުންތަކަށް އިތުރު ފަސޭހަކަމެއް ލިބި، ދިވެހިންނާއި ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
ފްރާންސުން އެ ބޯޓު ރާއްޖެއާ ހިސާބަށް ދަތުރުކުރީ ގްރީސް، މިސްރު އަދި އޮމާންގައި ޖެއްސުމަށްފަހު އެވެ. އެ ބޯޓުގެ ކެޕްޓަނުންގެ ގޮތުގައި އަބްދުﷲ ނާފިޒު އަދި އަލީ ނާނިޝް ދަތުރުކުރިއިރު، އިންޖިނިއަރެއް ގޮތުގައި ދަތުރުކުރީ އިބްރާހިމް ވާއިޒް މުހައްމަދު އެވެ.
މޯލްޑިވިއަންއިން އަލަށް ގެނައި އޭޓީއާރް އިން 42 މީހުންނަށް ދަތުރުކުރެވެ އެވެ. އެ އެއާލައިނުގެ ފްލީޓުގައި 70 މީހުންނަށް ދަތުރުކުރެވޭ އޭޓީއާރު ވެސް ހުރެ އެވެ.
މޯލްޑިވިއަންއިން ކުރިން ބޭނުންކުރަމުން އައި ޑޭޝް ފްލައިޓުތައް ގެނައުން ހުއްޓާލައި، އޭޓީއާރުތައް ގެންނަން ފެށީ އެއާކްރާފްޓުގެ ބެލެހެއްޓުމާއި ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ. މޯލްޑިވިއަންއަށް ތިން އޭޓީއާރު ގެންނަން ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ޖެނުއަރީ 18، 2022 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ