ޓްރަމްޕްގެ ހަރުކަށިކަމާއި ޚުދުމުޚްތާރުކަމާ ދެކޮޅަށް އެމެރިކާގައި މުޒާހަރާތައް ފަށައިފި

ވޮޝިންޓަން (6 އެޕްރީލް 2025) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަންފީޒު ކުރަމުން ގެންދާ ހަރުކަށި ސިޔާސަތު ތަކާ ދެކޮޅަށް އެމެރިކާގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ. މުޒާހަރާތައް ކުރިޔަށްދާ ތަންތަނުގެ ތެރޭގައި ވެރިރަށް ވޮޝިންޓަނުގެ އިތުރުން ނިއުޔޯކް، ފްލޮރިޑާ، ހިއުސްޓަން، ލޮސް އެންޖެލިސް އަދި ކޮލޮރާޑޯ އަދި މިނޫންވެސް ތަންތަން ހިމެނެއެވެ. ޓްރަމްޕާ އިދިކޮޅު މުޒާރާތަކުން މި ތަންތަނުގެ މަގުތައް ވަނީ ފުރާލާފައެވެ. އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕާ ދެކޮޅަށް އޭނާގެ ފުރަތަމަ ދައުރުގައި ކުރި މުޒާހަރާތަކަށް ވުރެ މި މުޒާހަރާތައް މާބޮޑެވެ. މިހާ ގިނަ އަދަދެއްގެ މީހުން މިހާތަނަށް ޓްރަމްޕާ ދެކޮޅަށް ކުރިން އެއްވެސް މުޒާހަރާއަކުން ފެނިފައި ނުވާކަމަށް ވެއެވެ. ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކުގެ ދަށުން އޭނާ ވަނީ އެމެރިކާ ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ފަސްލައްކައަށް ވުރެ ގިނަ ވަޒީފާގައި ތިބި މުވައްޒަފުން އެއްވެސް ސަބަބަކާ ނުލައި މަގާމުން ވަކިކޮށްފައެވެ. އެލޮން މަސްކު ފަދަ މަހުޖަނުން ވަނީ އެމެރިކާ ސަރުކާރުގެ ގިނަ އިދާރާތަކެއްގެ ކޮންޓްރޯލް ނަގާފައެވެ. ޓްރަމްޕް ގެންދަވަނީ ކޯޓު އަމުރުތަކަށް ވެސް ގޮން ޖައްސަވަމުންނެވެ. އެމެރިކާގައި ވިސާނެތި އުޅޭ ހިޖުރަވެރިންނާ ދެކޮޅަށް ވެސް ޓްރަމްޕް ގެންގުޅުއްވަނީ އާދަޔާ ޚިލާފަށް އަނިޔާވެރި އިންސާނީ ހައްގުތަކާ ޚިލާފު ލާއިންސާނީ ސިޔާސަތުތަކެވެ. މިފަދަ މީހުން އެމެރިކާއިން ބޭރުކުރަނީ ދެ ދުވަހެއް ވަންދެން ކާންބޯން ނުދީ ހާންތިކޮށްލުމަށްފަހު ބިޑިއަޅުވައިގެންނެވެ. އާދައިގެ ދަނޑުވެރިކަމުގެ މަަސައްކަތްކުރާ ހިޖުރަވެރިން މަދުވުމުގެ ސަބަބުން އެމެރިކާގައި ބިހާއި ތަރުކާރީ އަދި މޭވާގެ އަގުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޓްރަމްޕް ގެންގުޅުއްވާ މުއްސަނދިން އަތުން ނަގާ ޓެކްސްތައް ކުޑަކޮށް އާދައިގެ ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރުމުގެ ސިޔާސަތުގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ދަށަށް ދާންފަށާފައެވެ. އަދި ޓްރަމްޕް ގެންގުއްވާ ޓެރިފްގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގައި އާންމު މުދަލާއި ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލެން ފަށާފައެވެ. ވޮޝިންޓަންގައި މުޒާހަރާކުރި އެތައް ހާސް ބަޔަކު ވަނީ ޓްރަމްޕަކީ އަނިޔާވެރި ޑިކްޓޭޓަރެއްކަމަށް ސިފަކޮށްފައެވެ. އަދި އޭނާގެ ސިޔާސަތުތަކަކީ ފަނާކުރަނިވި ސިޔާސަތު ތަކެއްކަމުގެ ޝިއާރުތައް އުފުލާފައެވެ. ޓްރަމްޕްގެ ފުލުހުން ވަނީ ބައެއް ސަރަަހައްދުތަކުގައި މުޒާހަރާތަކަށް ހަމަލާދީ ރޫޅާލަން މަސައްކަތް ކޮށްފައެވެ. މުޒާހަރާވެރިން ވަނީ ވޮޝިންޓަންގެ "ނެޝަނަލް މޯލް" ގެ ކައިރިއަށް އެއްވެ ޓްރަމްޕާ ދެކޮޅަށް ކުރާ މުޒާހަރާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެމެރިކާއަށް އެތެރެކުރާ އެހެން ގައުމުތަކުގެ މުދަލުން ޑިއުޓީ ބޮޑުކުރުމަށް ޓްރަމްޕް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ އެކު ޓްރަމްޕް ވަނީ މުޅި ދުނިޔެއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ޓްރަމްޕް ގެންދަވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިސްޓް ހަރަކާތްތައް ފާޅުގައި ސްޕޮންސާ ކުރަމުންނެވެ. އަދި ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި ގަތުލު އާންމުތަކަށް ވާގިވެރިވާނެކަން ވެސް ހާމަ ކުރައްވަމުންނެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ކޯޓަށް ބިރު ދައްކައި އެމެރިކާގެ ގާނޫނުތަކަށާއި އަދި ބައިނަލްއަގްބާމީ ގާނޫނައި ގަވައިދަށްވެސް ނުކިޔަމަންތެރިކަން ދައްކަމުންނެވެ. ޓްރަމްޕް ގެންދަވަނީ އީރާނަށް އަރައިގަންނާނެކަމުގެ ހަރުކަށި އިންޒާރުދީ ޔަމަނަށް ބޮން އަޅައި ޔަމަންގެ އާންމުން ވެސް ގިނަ އަދަދަކަށް މަރަމުންނެވެ. އަނެއްކޮޅުން އެމެރިކާގެ އެކި ސްޓޭޓްތަކަށް ނަގޫރޯޅިތައް އަރައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު އަދި މި ކާރިސާ ތަކުގައި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ބަޔަކު ތިބިއިރު މިއިން އެއްވެސް ކަމަކަށް ޓްރަމްޕްގެ ސަމާލު ކަމެއްނެތެވެ. ޓްރަމްޕްގެ ސަލާމަތީ ބާރުތަކުން ގެންދަނީ އެމެރިކާގައި އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ފާރަލައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާ މީހުންގެ އަޑު ކަނޑުވާލުމަށްޓަކައި އެ މީހުން ހައްޔަރު ކުރުމުގެ ހަރުކަށި އަމަލުތަކެއް ހިންގަމުންނެވެ. އެމެރިކާގެ ބައެއް މުހައްލިލުން ވަނީ ޓްރަމްޕަކީ ޑިކްޓޭޓަރެއްކަމަށް ސިފަކޮށް އެމެރިކާ ޚުދު މުޚްތާރު ވެރިކަމަކަށް މިސްރާބު ޖަހާފައިވާކަން ހާމަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ