މުސްލިމް އަޚުންނޭވެ! ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެކެވެ. އެހެންކަމުން، ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނޭ ޙާލަތެއްނޫނެވެ.
ކަން މިހެން އޮތް ނަމަ ވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއްނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދެއެވެ. އެހެނަސް ކޮންމެ ކޮންމެ މީހަކު މި ފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައިނުދީފާނެއެވެ. އިސްލާމް ދީނުގައި ޝަރުޢުކުރައްވައިފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންނެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދީންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރީންނަށް އަދާކޮށްދިނުމަށް ޓަކައެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމް ދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވައިފައި ވެއެވެ. އެއީ ވަޟުޢީ ނަޒަރިއްޔާތަކާ މުޅީން ޚިލާފު ނަޒަރިއްޔާއެކެވެ.
މި ނަޒަރިއްޔާގައި މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ ﷲ سبحانه وتعالىއެވެ. އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެންހުރި މީހާއެވެ. އެހެންކަމުން މުދާ ހޭދަކުރާންވާނީ އެ މުދާ ދެއްވި ފާރަތްކަމުގައިވާ ﷲ سبحانه وتعالى އެދިވޮޑިގަންނަވާ ގޮތަށެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި އެ ތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خَلِيْفَةވެރިންކަމުގައި ލެއްވި ތަކެތީން ތިޔަބައިމީހުން ހޭދަކުރާށެވެ!" އެހެނީ އިންސާނާއަކީ މުދަލުގެ ވެރިފަރާތުގެ ޚަލީފާއެކެވެ. އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ތިޔަބައިމީހުންނަށް ދެއްވައިފައިވާ ﷲ ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށް ދޭށެވެ!"
މުސްލިމް އަޚުންނޭވެ! ޢިލްމުވެރީން ވިދާޅުވާގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުމެވެ. ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠު ހަމަވާ ނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެ ޝަރުޠުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރުމީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫނެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެކެވެ. ފަޤީރުންނާއި މިސްކީނުންގެ ނިކަމެތިޙާލަތުން އަރައިގަނެ، އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. އެބަހީ: އެބައިމީހުން ސަލާންޖަހައި ނޫޅޭނެހެން ފުދުންތެރިބަޔަކަށް ހެދުމެވެ!
މުސްލިމް އަޚުންނޭވޭ! ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެއެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެއެވެ. މީގެ އިތުރަށް، މުޖުތަމަޢުގެ ވަކި ބަޔެއްގެ އަތުގައި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެއެވެ. މި ކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންނެވެ. ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެކެވެ. ތަނަވަސްކަމުގެ އަހުލުވެރީންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގާން ޖެހޭ އެއްޗެކެވެ. ޒަކާތުގެ ޙައްޤުވެރީންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވައިފައިވާ ފަރާތްތަކުގެ ލާބައަށް ޓަކައި، ހޭދަކުރާން ޖެހޭ އެއްޗެކެވެ. ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދެއެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެއެވެ.
މުސްލިމް އަޚުންނޭވެ! ޒަކާތުގެ ޝަރުޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ މުދަލު ޒަކާތް އަދާކޮށްގެންނެވެ. މި އުންމަތަކީ އެއް އުންމަތެކެވެ. އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ.
އިސްލާމީ ރިވެތި އުޞޫލަކީ ތިމާއަށް ތަނަވަސްކަމެއް ލިބިފައިވާ ނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުމެވެ. ފަހެ، ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެ ދެއްވި މުދަލުން ހޭދަކުރާށެވެ!
މުސްލިމް އަޚުންނޭވެ! އިސްލާމްދީން ބާރުއަޅަނީ ޙަލާލު މަސައްކަތުން ރިޒުޤު ހޯދުމަށެވެ. ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރި ނަމަ، އެ ފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَـحِلُّ الصَّدَقَةُ لِغَنِيٍّ وَلَا لِذِيْ مِرَّةٍ سَوِيٍّ)[1] މާނައީ: "މުއްސަނދި މީހާއާއި ހަށިގަނޑު ސަލާމަތުން ހުރި މީހަކަށް ޒަކާތް ހުއްދަވެގެން ނުވެއެވެ." އެހެންކަމުން ތަނަވަސްކަމުގެ އަހުލުވެރީންނާއި، ގައިބާރު ހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވައިފައިވާ ކަމެކެވެ.
މުސްލިމް އަޚުންނޭވެ! ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙުސާންތެރިކަމެއްނޫނެވެ. އެއީ، މުއްސަނދީންގެ މުދަލުންނަގައި، އޭގެ ހައްޤުވެރީންނަށް އަދާކުރާންޖެހޭ ޙައްޤެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طَاهِرُ ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صَدَقَاتއެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!" ފުރަތަމަ ޚަލީފާ أَبُو بَكْرِ نِالصِّدِّيْقُ رَضِيَ اللهُ عَنْهُ ޒަކާތް ދިނުމަށް އިންކާރުކުރި މީހުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރައްވައިފައިވަނީ މި މަތިވެރި ވާޖިބު އަދާކުރެއްވުމުގެ ގޮތުންނެވެ!
މުސްލިމް އަޚުންނޭވެ! މުއްސަނދީންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫނެވެ. މުޢާޛު ބުން ޖަބަލް رَضِيَ اللهُ عَنْهُ ޔަމަނަށް ފޮނުއްވަމުން ކީރިތިރަސޫލާ z އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. (فَإِيَّاكَ وَكَرَائِمَ أَمْوَالِـهِمْ)[2] މާނައީ: "ފަހެ އެބައިމީހުންގެ މުދަލުގެ ތެރެއިން އެންމެ ރަނގަޅު ތަކެތި ޒަކާތުގެ ގޮތުގައި ނެގުމާ މެދު ކަލޭގެފާނު ބިރުވެތިވާށެވެ!" އެބަހީ: ޒަކާތުގެ ގޮތުގައި މެދުމިނުގެ ތަކެތި ނަގާށެވެ! އެއީ ޒަކާތްދައްކާ މީހާގެ ނަފުސު އެ ކަމާ މެދު ރުހިގެން ވުމަށް ޓަކައެވެ.
މުސްލިމް އަޚުންނޭވެ! މުދަލު ޒަކާތްދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑައެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރު ޒަކާތްދެއްކުމުން ފުދުނީއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިޔަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. ހަމަ އެހެންމެ، މުދަލު ޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅެއެވެ. މި ފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ޙަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުން ފުދޭނެއެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވައިފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީއަވާނެއެވެ. ތާބިޢީ ބޭކަލެއްކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައި ވެއެވެ. "ވެރިމީހާ ޒަކާތް ނަގައިފި ނަމަ، ފަހެ، ތިބާގެ ކިބައިން އެ ކަމުގެ ޒިންމާ ކެނޑިގެން ހިނގައްޖެއެވެ."[3] ފިޤުހުވެރީން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ، ޒަކާތުގެ ހައްޤުވެރީން ކަނޑައެޅުމުގެ ޝަރުޢީ އުޞޫލުތަކާއި، އެއުރެންގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅައިފައިވާ އިދާރާއަށްކަމުގައިވުމެވެ.
މުސްލިމް އަޚުންނޭވެ! ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވައިފައިވާ އިރު، ޒަކާތްދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތަތްކަށް ޒަކާތް ދެއްކުމަށް ގޮވައިލަމެވެ. އަދި ހަމަ އެހެންމެ ޒަކާތާ ބެހޭ ޝަރުޢީ އަދި އިދާރީ ކަންކަން އޮޅުންފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް އެންމެތަކުންނަށް ގޮވައިލަމެވެ. މާތް ﷲ މި ކަމުގައި އަޅަމެންނަށް ހެޔޮ މަގަށް ތައުފީޤު ދެއްވާށިއެވެ. އާމީން!
ޚުޠުބާ: މުޖުތަމަޢުން ފަޤީރުކަން ނައްތާލަންވެސް ޒަކާތް ދައްކަވާ! އެއީ މުދަލުގަ ބަރަކާތް ލައްވަވާނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ