މެންޗެސްޓަރ ޔުނައިޓެޑަށް މާލީ މައްސަލަތައް ކުރިމަތިވެ މެޗު ޓިކެޓުގެ އަގު ބޮޑުކުރަން ނިންމާފައިވާކަން އެ ކްލަބުން ސަޕޯޓަރުންނަށް އަންގައިފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ގްރޫޕަށް ފޮނުވާލައިގާ ސިޓީއެއްގައި ބުނެފައިވަނީ ޕްރިމިއާ ލިގުގައި ކްލަބްތަކުން ޚަރަދު ކުރަން އޮންނަ އުސޫލާއި އެ ކްލަބުން ޚިލާފުވުމުގެ ބިރު އެބައޮތް ކަމަށާއި އެއީ ކްލަބަށް ލިބޭ އާމްދަނީ އާއި ކުރެވޭ ޚަރަދުތަކާއި ނުބައްދަލުވުމުގެ ބިރު ހީވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ޓިކެޓުތަކުގެ އަގު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން ކްލަބަކަށް ގެއްލުމުގެ ގޮތުގައި ތިން އަހަރުގެ ތެރޭގައި 105 މިލިއަން ޕައުންޑަށްވުރެ އިތުރުވާނަމަ އެކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭނެ އެވެ. މެންޗެސްޓަރ ޔުނައިޓެޑް އިން ބުނެފައިވާ ގޮތުގައި ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ކްލަބަށް ވަނީ 300 މިލިއަން ޕައުންޑަށްވުރެ ބޮޑު ގެއްލުމެއް ވެފަ އެވެ. އެހެންކަމުން މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމަށްވެސް ޔުނައިޓެޑްގެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން މަސައްކަތް ކުރާ މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަދި ސަޕޯޓަރުންނަށް ބުރަ ނުވާ ގޮތަށް ޓިކެޓް ތަކުގެ އަގުތައް އަލުން ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރ މަހު މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ އެ ކްލަބަށް މިދިޔަ އަހަރު 113.2 މިލިއަން ޕައުންޑުގެ ގެއްލުމެއް ވެފައިވާކަން އިއުލާން ކޮށްފަ އެވެ. މި އަދަދާއިއެކު ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކްލަބަށް ވަނީ 370 މިލިއަން ޕައުންޑުގެ ގެއްލުމެއް ވެފަ އެވެ.
ޔުނައިޓެޑް އިން މެޗު ޓިކެޓުގެ އަގު 66 ޕައުންޑަށް ބޮޑު ކުރުމަށް ނިންމާފައިވާކަމަށް އަޑުއަރާފައިވާއިރު, މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ކްލަބަށް ވަނީ ބޮޑު ހޭދައެއް ކުރަން ޖެހިފަ އެވެ. އެގޮތުން ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި އެރިކް ޓެންހާގް މަގާމުން ވަކިކުރުމުން އޭނާއަށް ބަދަލުގެ ގޮތުގައި10.4 މިލިއަން ޕައުންޑް ދޭން ޖެހުނު އިރު އަލަށް ކޯޗު ކަމަށް ގެނައި ރުބެން އަމޮރިމް ޕޯޗުގަލްގެ ސްޕޯޓިން އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް އެކްލަބަށް ޔުނައިޓެޑް އިން ވަނީ 11 މިލިއަން ޕައުންޑް ދީފަ އެވެ.
ޕްރިމިއާ ލީގުގައި ފައިނޭންޝަލް ފެއާ ޕްލޭ އާއި ހިލާފުވާނަމަ ކްލަބްތަކަށް ވަނީ މީގެ ކުރިންވެސް ފިޔަވަޅު އަޅާފަ އެވެ. އެގޮތުން 22-2021 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގުން ވަނީ އެވަޓަން އަށް އަދަބެއްގެ ގޮތުގައި 10 ޕޮއިންޓް އުނިކޮށްފަ އެވެ. އަދި މިދިޔަ ސީޒަނުގައި ނޮޓިންހަމް ފޮރެސްޓް އަތުންވެސް ވަނީ ހަތަރު ޕޮއިންޓް އުނިކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް މާލީ މައްސަލަ ބޮޑުވެ ޓިކެޓް އަގު ބޮޑު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ