މިސުރުގެ ގާޒާ އާރާސްތުކުރުމުގެ ޕްލޭނުގެ ތަފްސީލުތައް އިއްޔެ ހާމަވެއްޖެ އެވެ. މި ޕްލޭނުގައި، ފަސް އަހަރުގެ މުއްދަތެއްގައި ގާޒާ އަލުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވެ އެވެ. މި މަޝްރޫއު ގަލްފް ކޫޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) އަދި އެހެނިހެން އަރަބި ގައުމުތަކުގެ ސަމިޓެއްގައި 20 ފެބްރުއަރީގައި ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުރަތަމަ މަރުހަލާ
މި ޕްލޭނުގެ ފުރަތަމަ މަރުހަލާގައި އަސާސީ ޚިދުމަތްތައް އަލުން ގާއިމުކުރުމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިސްކަންދެވޭނެ އެވެ. ކަމާބެހޭ މާހިރުން އެކުލަވާލާފައިވާ މި ޕްލޭނުގައި، ރައްކާތެރި ސަރަހައްދުތަކުގައި ކެރެވަން، ޓެންޓު އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހިމަނާފަ އެވެ.
ބައިނަލްއަޤްވާމީ އެހީ
މިސުރުގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ރަޚާ ހަސަން ވިދާޅުވީ، ގާޒާ އަލުން ބިނާކުރުމަށް މިސުރުގެ ގިނަ އަދަދެއްގެ ޕްރޮޕަޓީ ޑިވެލޮޕަރުން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ ކޮންފަރެންސެއް ބޭއްވުމަށްވެސް މިސުރު ސަރުކާރުން ރާވާކަމަށް އޭނާ ވިދާޅުވި އެވެ.
ޖީ.ސީ.ސީ ސަމިޓް
ރިޔާޒުގައި 20 ފެބްރުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ.ސީ.ސީ ސަމިޓުގައި މިސުރާއި ޖޯޑަން ބައިވެރިވާނެ އެވެ. މި ދެ ގައުމަކީ ޓްރަމްޕް ވިދާޅުވާ ގޮތުގައި ގާޒާގެ 2.3 މިލިއަން ފަލަސްތީނުން ދާއިމީކޮށް ވަޒަންވެރިކުރުމަށް ދެކޮޅުހަށް ދެ ގައުމެވެ. މިއާއެކު، 27 ފެބްރުއަރީގައި ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ސަމިޓް 4 މާރިޗުގައި ބޭއްވުމަށް ތާރީޚް ބަދަލުކުރެވިފައިވާކަން މިސުރުން އިއުލާނުކޮށްފައިވެ އެވެ.
ޓްރަމްޕްގެ ރޭވުމާ މެދު ދެކޭގޮތް
ގާޒާއާ މެދު ޓްރަމްޕްގެ ހުށަހެޅުންތަކަށް އަރަބި ދުނިޔެއާއި ދުނިޔޭގެ އެހެން ގައުމުތަކުން ވަނީ ފާޑުކިޔާފަ އެވެ. ބައެއް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުން މިއީ ނަސްލު ސާފުކުރުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕްގެ ރޭވުމަށް މަރުހަބާ ކިޔާފަ އެވެ.
ހަނގުރާމައިގެ ހާލަތު
19 ޖަނަވަރީގައި ފެށުނު 42 ދުވަހުގެ ހަނގުރާމަ ހުއްޓުމަކަށް ފަހު، މި ރޭވުން ކާމިޔާބުވުމަށް އެކަށީގެންވާ ފައިސާ ހޯދައި، މާރިޗު މަހުގެ ކުރީކޮޅު ހަމަވާ ސީސްފަޔާ އެއްބަސްވުން އިތުރަށް ދެމިގެންދާންޖެހެ އެވެ. އަދި މީގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށްދާންވެސް ޖެހެ އެވެ.
ހަމާސްގެ ހޮސްޓެޖުން
ދެވަނަ ފިޔަވަހި ކާމިޔާބުވެއްޖެނަމަ، ހަމާސްއިން ހިފަހައްޓާފައިވާ ހުރިހާ ހޮސްޓެޖުން ދޫކޮށްލަންޖެހޭނެ އެވެ. އަދި އިސްރާއީލު ގާޒާއިން އަސްކަރީ ބާރުތައް ފޮނުވާލައި، ދާއިމީ ސީސްފަޔާއަކަށް އާދެވޭނެ އެވެ.
އަލުން ބިނާކުރުމުގެ ރޭވުން
މިސުރު ސަރުކާރުގެ އިސްވެރިން، ޔޫރަޕިއަން ޔޫނިއަން އަދި އެހެނިހެން ބައިނަލްއަގްވާމީ އެހީދޭ ފަރާތްތަކާއެކު، އަދި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ގަލްފްގެ ގައުމުތަކުގެ ބައިވެރިވުމާއެކު ގާޒާ އަލުން ބިނާކުރުމުގެ ރޭވުން އެކުލަވާލަމުންދެ އެވެ.
ފަލަސްތީނު އިދާރާއެއް
މި ރޭވުމުގައި މިނިވަން ފަލަސްތީނު އިދާރާއެއް އުފެއްދުމަށް ހުށަހަޅާފައިވެ އެވެ. މި އިދާރާއިން އަލުން ބިނާކުރުމުގެ މަސައްކަތް ވިލަރެސްކޮށް، ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ. ވެސްޓް ބޭންކުގައި ހުންނަ ފަލަސްތީނު އޮތޯރިޓީން މި އިދާރާ އުފެއްދުމުގެ ގަރާރެއް ނެރެންޖެހޭ ނަމަވެސް، އޭޖެންސީގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ހައްގެއް ނުލިބޭނެ އެވެ.
ހަނގުރާމައިގެ ގެއްލުން
2023 ގެ އޮކްޓޯބަރުގައި ހަމާސްއިން ދެކުނު އިސްރާއީލަށް ދިން ހަމަލާގައި 1,200 މީހުން މަރުވެ، 250 އެއްހާ މީހުން ވަނީ ރަހީނުކުރެވިފަ އެވެ. މި ހަމަލާއަށް އިސްރާއީލުން ދިން ޖަވާބުގައި 48,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެ، އެއަށްވުރެ ދެގުނަ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. ގާޒާ ހެލްތު މިނިސްޓްރީގެ މަޢުލޫމާތުން ދައްކާގޮތުގައި ގާޒާގެ ބޮޑުބައެއް ވަނީ އިޒްރޭލުގެ ހަމަލާތަކުން ވީރާނާވެފަ އެވެ.
އަލުން އާރާސްތުކުރުން
މިސުރުގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ރަޚާ ހަސަން ވިދާޅުވީ ގާޒާ ހަލާކުވެ ސުންނާފަތިވެފައިވާ މިންވަރު އެމެރިކާ އަދި އިސްރާއީލުން ބުނާހާ ބޮޑެއް ނޫން ކަމަށާއި، ގިނަ ބައެއް އަލުން ބިނާކުރުމުގެ މަސައްކަތުގައި ބޭނުންކުރެވިދާނެ ކަމަށް ކޮންޓްރެކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
މިސުރުގެ ސިޔާސަތު
1948 އިން 1967 އަށް ގާޒާ ބެލެހެއްޓި މިސުރުން، ގާޒާއަކީ އެ ގައުމުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ސަރަހައްދެއްގެ ގޮތުގައި ދެކެ އެވެ. ގާޒާގެ ފަލަސްތީނު ރައްޔިތުން މިސުރުގެ ބިމުގައި ވަޒަންވެރިކުރުވުމަކީ ފަލަސްތީނުގެ މައްސަލަ ބަލިކަށިވެގެންދާނެ ކަމެއް ކަމަށް މިސުރުން ދެކެ އެވެ. ފަލަސްތީނު-އިސްރާއީލުގެ މައްސަލަތައް ހައްލުކުރެވޭނީ މިނިވަން ފަލަސްތީނު ދައުލަތެއް އުފައްދައިގެން ކަމަށް މިސުރުން ވަނީ ބުނެފައެވެ.
ތިރީގައި މިވަނީ ފަލަސްތީނު މައްސަލައާ ގުޅެ އެހެން ޚަބަރުތައް ކުރުކޮށެވެ.
ފިޖީން ޖެރޫސަލަމްގައި އެމްބަސީ ހުޅުވަން ނިންމި ނިންމުން ފަލަސްތީނުން ކުށްވެރިކޮށްފި
ފިޖީގެ ބޮޑުވަޒީރު ސިޓިވެނީ ރަބުކާ ޖެރޫސަލަމްގައި އެ ގައުމުގެ އެމްބަސީއެއް ހުޅުވުމަށް ނިންމި ނިންމުން ފަލަސްތީނުގެ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް މިނިސްޓްރީން އިއްޔެ ވަނީ ކުށްވެރިކޮށްފަ އެވެ.
މިނިސްޓްރީން ބުނާ ގޮތުގައި މިއީ ބައިނަލްއަގްވާމީ ޤާނޫނާއި، ޖެރޫސަލަމްގެ ގާނޫނީ އަދި ސިޔާސީ ހައިސިއްޔަތާއި ފަލަސްތީނު ރައްޔިތުންގެ އިންސާފުވެރި އަދި ގާނޫނީ ހައްގުތަކާ ގުޅޭގޮތުން އދ. އިން ނިންމާފައިވާ ނިންމުންތަކާ ޚިލާފު ކަމެކެވެ.
މިނިސްޓްރީން ދެކޭގޮތުގައި މިއީ ފަލަސްތީނު ރައްޔިތުންނާއި އެމީހުންގެ ހައްގުތަކާ ދެކޮޅަށް ކުރެވޭ އަދާވާތްތެރި އަމަލެކެވެ. މީގެ އިތުރުން، މި ނިންމުމަކީ ފިޖީން ތާރީޚުގެ ނުބައި ފަރާތް ހޮވުމުގެ އިތުރުން، ދެ ދައުލަތުގެ ހައްލުގެ އުސޫލުގެ މައްޗަށް ބިނާވެފައިވާ ސުލްހައިގެ ފުރުސަތުތަކަށް ހުރަސްއެޅޭނެ ކަމެކެވެ. އަދި މިއީ އިސްރާއީލުގެ އާބާދުކުރުމުގެ އިސްތިއުމާރާއި އޮކިއުޕޭޝަނާއެކު އާންމު ގުޅުން ބޭއްވުމަށް އެޅޭ ފިޔަވަޅެއްގެ އިތުރުން، އދ. ގެ ކަމާގުޅޭ ގަރާރުތަކާ ވަރަށް ބޮޑަށް ޚިލާފުވުމެކެވެ.
ޖެރޫސަލަމްގައި އެމްބަސީ ހުޅުވާ ނުވަތަ ބަދަލުކުރާ ގައުމުތަކާ ދެކޮޅަށް ބޭނުންވާ ޑިޕްލޮމެޓިކް، ގާނޫނީ، އަދި ސިޔާސީ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ފިޖީ ސަރުކާރުން މި ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް ގޮވާލާފައިވެ އެވެ.
އިސްރާއީލްގެ ޔަހޫދީން ވެސްޓް ބޭންކްގައި އާބާދުކުރުމުގެ ރޭވުންތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ފިޔަވަޅު އެޅުމަށް ގޮވާލައިފި
ފަލަސްތީނުގެ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް މިނިސްޓްރީން އިއްޔެ ބުނިގޮތުގައި އިސްރާއީލްގެ އާ އާބާދުކުރުމުގެ ރޭވުންތަކާމެދު ބައިނަލްއަގްވާމީ މުޖުތަމައުން ފިޔަވަޅު އަޅަންޖެހެ އެވެ.
މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލްގެ އިންސާނީ ހައްޤުގުތަކުގެ ޖަމާއަތް 'ޕީސް ނައޮ' އިން ހާމަކުރި ގޮތުގައި، އަފްރާޓް ސެޓްލްމަންޓްގައި 974 އާ ޔުނިޓް އިމާރާތްކުރުމުގެ ޓެންޑަރެއް އިސްރާއީލްގެ އޮކިއުޕޭޝަން އޮތޯރިޓީތަކުން އިއުލާނުކުރުމުން އެކަމާމެދު ބޮޑު ކަންބޮޑުވެ އެވެ.
އާ ކޮލޯނިއަލް ޔުނިޓްތައް އިމާރާތްކުރުމަކީ ވެސްޓް ބޭންކުގައި އިސްރާއީލް ފުޅާވުމުގެ އަމާޒުތަކާއި މަސްލަހަތުތަކާ އެއްގޮތަށް، ދެމެހެއްޓެނިވި ހައްލަކަށް ހުރަސްއެޅުމަށް ރޭވިފައިވާ އިސްރާއީލްގެ އޮކިއުޕޭޝަން ރޭވުންތަކުގެ އިތުރު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާޑުކިޔާފައިވެ އެވެ. އަދި މި ޓެންޑަރުގެ ސަބަބުން ބެތްލެހެމްގެ އުމްރާނީ ތަރައްގީއަށް އަމަލީގޮތުން ހުރަސްއެޅިގެންދާނެ ކަން ފާހަގަކޮށްފައިވެ އެވެ.
ގާޒާ އަލުން ބިނާކުރުމަށް 5 އަހަރުގެ މުއްދަތެއްގައި ރައްކާތެރި ސަރަހައްދުތަކެއް ގާއިމުކުރުމަށް މިސުރުން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ