ބައެއް މީހުންނަށް އެމީހުންގެ އަމިއްލަ ނަފުސްދެކެ ލޯބިވުމަކީ ކޮބައިކަން ނުވެސއް އެނގެއެވެ. އެހެންވެ ގިނަ ބައަކު އެމީހުންގެ އަމިއްލަ ނަފުސް ދެކެ ލޯބިވުމުގައި ވަރަށް ބޮޑަށް އިހްމާލްވެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
ބައެއް މީހުންނަކީ އެމީހުން ބަލިވުމުން ފަރުވާހޯދުމުގައި ވަރަށް ފަރުވާކުޑަކުރާބައެކެވެ. ބަލިވުމުން ޑޮކްޓަރަށް ވެސް ނުދައްކައެވެ. ޑޮކްޓަރަށް ދައްކައިގެން ބޭސް ހޯދިނަމަވެސް ޤަވާއިދުން ބޭހެއްވެސް ނުކައެވެ. ބޭސް ކެއުމަށްފަހު އަލުން ދައްކަން ބުނުމުން އެކަމެއްވެސް ނުކުރެއެވެ.
އަނެއްބައި މީހުންނަކީ ސާފުތާހިރުކަމުގައި ފަރުވާކުޑަކުރާ މީހުންނެވެ. ފެންވެރުމާއި ލާފޭރާން ސާފުތާހިރުކޮށް ބެހެއްޓުމުގައި ފަރުވާކުޑަކުރާ މީހުންނެވެ. ދިރިއުޅޭތަނާއި ނިދާތަންވެސް ސާފުތާހިރުކޮށް ބެހެއްޓުމުގައިވެސް ފަރުވާ ކުޑަކުރެއެވެ.
މިފަދަ ކޮންމެ ކަމަކީވެސް އަމިއްލަ ނަފުސުގެ ތާހިރުކަމާއި ގުޅިފައިވާ ކަންކަމެވެ. ކަމުގެ ތަޖުރިބާއަށް ބަލާއިރު މިފަދަ މީހުން ޒަވާޖީ ހަޔާތެއް ފެށިނަމަވެސް އެމީހުންގެ ޢަމަލުތައް ހުންނަނީ އެފަދަ ގޮތަކަށެވެ. އަދި ބައިވެރިޔާއަށް ދޭންޖެހޭ ލޯބި ދިނުމުގައިވެސް އޮންނަނީ ފަރުވާކުޑަކުރެވިފައެވެ.
ކޮންމެ މީހަކަށްވެސް އެންމެ މުހންމުވާނީ އެމީހާގެ އަމިއްލަ ނަފްސެވެ. އެހެނަސް ބައެއް މީހުންނަކީ އެމީހުންގެ އަމިއްލަ ނަފްސްދެކެ ލޯބިވާ ބައެއް ނޫނެވެ. އެހެންކަމަށްވާއިރު އަމިއްލް ނަފްސް ދެކެ ލޯބިނުވާ މީހަކަށް އެހެން މީހަކު ދެކެ ވެވޭނެ ލޯތްބެއްވެސް އަދި އެހެން މީހަކަށް ދެވޭނެ ލޯތްބެއްވެސް ނޯންނާނެކަން ޤަބޫލުކުރަންޖެއެވެ.
އިސްލާމް ދީނަށް ބަލާއިރު އަމިއްލަ ނަފުސްދެކެ ވަރަށް ބޮޑަށް ލޯބިވާންޖެއެވެ. އަމިއްލަ ނަފްސަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކުރުން ހުއްދައެއް ނޫނެވެ. ތިމާގެ ޞިއްޙަތަށް ގެއްލުންވެދާނެ ކޮންމެ ކަމަކީވެސް ޙަރާމްކަމެއް ކަމަށް ޢލްމުވެރިން ބަޔާންކުރައްވަވަނީ ވެސް އެސަބަބަށްޓަކައެވެ.
ހަމަ އެއާއިއެކު ބަލިތަކުން ރައްކައުތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީނުގައި ވާޖިބެކެވެ. ސާފުތާހިރުކަންމަތީގައި ހުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަށިގަނޑުގެ ށާފުތާހިރުކަމަށް އެންމެ ބޮޑަށް ބާރުއަޅާ ދީނަކީވެސް އިސްލާމް ދީނެވެ.
މިބަޔާންކުރި ކަންކަމުގެ ދަލީލަކީ:
އައްނިސާ ސޫރަތުގެ 29 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "ތިއަބައިމީހުން އަމިއްލައަށް ތިއަބައިމީހުންގެ ނަފްސްތައް ޤަތުލުނުކުރާށެވެ! ހަމަކަށަވަރުން ﷲ ތިއަބައިމީހުންނަށް ނުހަނު އޯގާތެރިވެވޮޑިގެންވާކަން ކަށަވަރެވެ."
މިފަދަ ހުރިހާ ކަންކަމުންވެސް އެނގިގެންދަނީ އަމިއްލަ ނަފްސް ދެކެ ލޯބިވުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރެވެ. އެކަން ވާޖިބުކުރާ މީންވަރެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެހެން މީހަކު ދެކެ ލޯބިވެވޭނީވެސް މީހަކަށް ލޯބިދެވޭނީވެސް ފުރަތަމަކަމަކަށް އެމީހާގެ އަމިއްލަ ނަފްސުދެކެ ލޯބިވާ މީހަކަށްވެވިގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ