ރާއްޖޭގެ މަހަށް ޔޫކޭގެ ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައް ހުއްޓާލުމުން ކަންބޮޑުވެއްޖެ

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ކުރިއަށް ދިޔަ މޯލްޑިވްސް-ޔޫކޭ ޑަޔަލޮގްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން، އެފްޓީއޭގެ މަޝްވަރާތައް ހިމަނާފައި ނުވާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ތަފްސީލް - އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމެވެ. 
އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2020 ވަނަ އަހަރު ޑިއުޓީ %24 އިން %20 ޕަސެންޓަށް އެ ގައުމުން ދަށްކޮށްދިންކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ:
ދިވެހި މަހަށް ޑިއުޓީ މުޅިން ކަނޑާލުމަށް ޕްރީ ޓްރޭޑް އެގްރިމަންޓެއް ހެދުމަށް ޔޫކޭއިން އެއްބަސްވެ އެ މަސައްކަތް ވަނީ އެމްޑީޕީ ސަރުކާރުގެ ތެރޭގައި ފަށާފައި
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރާ މަހުގެ ވެލިއު އެޑެޑް އުފެއްދުމަކީ ދަޅުމަސް؛ އަދި އޭގެ ތެރެއިން %50 އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތަށް
 "އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓު ޑިއުޓީ %0 ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރި ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއް," އެމްޑީޕީގެ ބަޔާނުގައިވެ އެވެ. 
މަހުގެ ޑިއުޓީ ކަނޑާލުން ހިމެނޭ ގޮތުން އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެ، އިނގިރޭސި ސަރުކާރުން 8 ޖޫން 2023ގައި އެ ގައުމުގެ އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައި ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެ އެއްބަސްވުން މިއަހަރު ތަންފީޒުކުރަން ތާވަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. 
ނަމަވެސް މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮގްގައި އެފްޓީއޭގެ މަޝްވަރާތައް ހިމަނާފައި ނުވާތީ، އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވެ މިއީ މަސްވެރިންނަށް ގެއްލުންވާނޭ ކަމެއްކަން ފާހަގަކޮށްފަ އެވެ.
"މަޝްވަރާތަކުން އެކަން އުނިކުރި ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ