ޖެމްކިޔުއަށް މިލިއަނުން ޑޮލަރު އިންވެސްޓްކުރި، ހޯދޭނެކަމުގެ ޔަގީންކަމެއް ނެތް: ފުލުހުން

ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނެފައިވާ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)އަށް ދިވެހީން މިލިއަނުން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދައިދެވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފިއެވެ. އެ ސްކީމަށް 40،000 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައެވެ. 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މި ސްކީމަށް ދިވެހީން އިންވެސްޓްކުރި ސީދާ އަދަދު ވިދާޅުނުވެވުނު ނަމަވެސް މިހާތަނަށް ހޯދި ހޯދުންތަކުން މި ސްކީމަށް ދިވެހީން މިލިއަނުން ޑޮލަރު އިންވެސްޓްކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. ޖެމްކިޔު ޓީމެއް: ޖެމްކިޔުއަށް ދިވެހީން މިލިއަނުން ޑޮލަރު އިންވެސްޓްކުރި ކަމަށް ފުލުހުން ބުނި -- ފޮޓޯ/ ޖެމްކިޔު އެމްވީ އޭނާ ވިދާޅުވި، ރާއްޖޭގައި މި ސްކީމް ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރާ ހަތް މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، ފުލުހުން ނެރުނު ބަޔާން ފިޔަވާ އެ ސްކީމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަދި މިހާތަނަށް އަޅާފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަވީދު ވިދާޅުވީ، ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކުން ބެލެވެނީ މިއީ ރާއްޖޭގައި އެކަނި ހިންގާ ސްކީމެއް ކަމުގައި ކަމަށެވެ. https://sun.mv/207493 މި ސްކީމްގައި ބައިވެރިވާ ބައެއް މީހުންނަށް ބޭރުގެ އެކިއެކި ގައުމުތަކުގެ ފޮޓޯޓަކާއި ގްރޫޕުތައް ދައްކަނީ ވެސް އޮޅުވާލައިގެން މީހުންގެ އިތުބާރު ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ދައްކަނީ ވެސް 'ފޭކް' ފޮޓޯތަކެކެވެ. ނަވީދު ވިދާޅުވި ގޮތުގައި މި ސްކީމް އިތުރު ގައުމެއްގައި ނުހިންގި ނަމަވެސް ބޭރުގެ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވެއެވެ. "އަޅުގަނޑުމެން ބެލި އެއްވެސް ދިމާލަކުން އަޅުގަނޑުމެންނަކަށް ނެތޭ މިއީ ބޭރުގެ އެއްވެސް އެހެން ތަނެއްގައި ހިނގާ ސްކީމެއްކަމެއް،" އޭނާ ވިދާޅުވިއެވެ. "މުޅި ސްކީމް މި ހިނގަނީ ޓެލެގްރާމްގައި. ޓެލެގްރާމްގައި އެބަހުރޭ ކަންޓްރީ ވައިސްކޮށް އިންޓަނޭޝަނަލް ވެސް. ހަގީގަތަކީ މިއީ އޮޅުވާލާ އޮޅުވާލުމެއް. ދައްކައިދޭން މި އުޅެނީ އިންވެސްޓަރުންނަށް މިއީ އިންޓަނޭޝަނަލީ ހިންގާ ސްކީމެކޭ. އެއީ، އިތުބާރު ހޯދަން ކުރާ ކަމެއް،" އޭނާ ވިދާޅުވީ، ޖީއެމްސީއަކީ އެމެރިކާގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏެއްކަން ދައްކަން ވެސް އެ މީހުން މަސައްކަތްކުރި ކަމަށެވެ. އެކަމަކު، އިންވެސްޓަރުންނަށް އެ މީހުން ދެއްކި ރަޖިސްޓްރީއަކީ ސައްހަ އެއްޗެއް ނޫންކަން އެމެރިކާގެ އިދާރާތަކުން ފުލުހުންނަށް ވަނީ ކަށަވަރުކޮށްދީފައެވެ. https://sun.mv/207361 ނަވީދު ވިދާޅުވީ، މި ސްކީމަށް ދިވެހީން އިންވެސްޓްކުރި ސީދާ އަދަދު މި ވަގުތު ދެންނެވެން ނެތް ކަމަށާއި އެކަމަކު އެ އަދަދު މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. "އަޅުގަނޑުމެން ކަންބޮޑުވާ މިންވަރަކަށް އެބަހުއްޓޭ އިންވެސްޓްކޮށްފައި،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހީން ފައިސާ ޖަމާކުރި ވޮލެޓުތަކުގެ ތެރެއިން ދެ ވޮލެޓެއް ޔޫރަޕަށް ދިޔަ ކަމަށެވެ. އެއީ، ކޮން ބައެއްކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށާއި ހޯދޭނެކަމުގެ އުންމީދު ވެސް ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ. ނަވީދު ވިދާޅުވީ، އެ ގައުމުތަކުގައި މި ސްކީމް ނުހިންގާތީ އެ ގައުމުތަކުގެ ފުލުހުންގެ އެއްބާރުލުން ލިބުމަށްވުރެ ގާތީ ނުލިބުން ކަމަށެވެ. ޚާއްސަކޮށް އެ ގައުމުތަކުގެ އެއްވެސް މީހަކަށް ގެއްލުންނުވާތީ އެކަން ކުރަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ހުއްޓައިނުލާ އެ މަސައްކަތްކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. https://sun.mv/207341 އެތައް މިލިއަނަކުން ޑޮލަރު ދިވެހީން އިންވެސްޓްކުރިކަން ފާހަގަކުރައްވައި ނަވީދު ވިދާޅުވީ، އެ ފައިސާ ހޯދޭނެކަމުގެ އުންމީދު ކުޑަ ކަމަށެވެ. ސަބަބަކީ މިއީ ބޭންކިން ނިޒާމުގެ ބޭރުން ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް ހިންގާ ސްކީމަކަށް ވުމުންނެވެ. "އަޅުގަނޑުމެންނަށް އައިޑެންޓިފައިކުރެވުނު ވޮލެޓެއްގައެއް ނެތް ހިފަހައްޓާފައި ބޭނުންކުރިޔަނުދޭ ވަރުގެ ފައިސާއެއް. އަޅުގަނޑުމެންނަކަށް މީހުންގެ ހޯދި ބޮޑެތި މީހުން އަތުން އެ ފައިސާ ހޯދަން މަސައްކަތްކުރާނަން. މިހާރު ވެސް އިންޓަޕޯލްއާ އެކު ކެނޑިނޭޅި އެބަ މަސައްކަތްކުރަން،" އޭނާ ވިދާޅުވިއެވެ. އެކަމަކު، ދިވެހީން ޖަމާކުރި ފައިސާގެ ބޮޑެތި އަދަދުތައް ޖަމާވެފައި ހުރި ޓްރޭސްކުރަން ވަރަށް އުނދަގޫ ވޮލެޓުތަކަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފައިސާ ހުރީ ހިފެހެއްޓޭ ހިސާބުގައި ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ޖެމްކިއުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ. ފުލުހެއް މަގުމަތީގައި: ޕިރަމިޑް ސްކީމްގެ މައްސަލަ އަންނަނީ ބަލަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެހެންވެ، ގިނަ ބަޔަކު އަންނަނީ ޖެމްކިޔުއަށް އިންވެސްޓްކުރި މީހުންނަށް ޚާއްސަ ޓެލެގްރާމް ގްރޫޕުގައި ނުރުހުން ފާޅުކުރަމުންނެވެ. މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބައޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ. ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އާ މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެ ގޮތުން، ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އައު މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ