ލަވައެއްގެ ކޮޕީރައިޓް މައްސަލައަކާ ގުޅިގެން އޭއާރް ރަހްމާނަށް 240،000 ޑޮލަރުގެ ޖޫރިމާނާއެއް
ހުއްދަނެތި ލަވައެއް ބޭނުންކުރި މައްސަލައަކާ ގުޅިގެން 240،000 ޑޮލަރުގެ ޖޫރިމާނާއެއް ދެއްކުމަށް އިންޑިއާގެ ދިއްލީ ހައިކޯޓުން މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާންއަށް ހުކުމް ކޮށްފިއެވެ. އޭއާރް ރަހްމާންގެ މައްޗަށް ލަވައެއްގެ ކޮޕީރައިޓްސްއާ ގުޅުން ހުރި މައްސަލައެއްގެ ތުހުމަތު ކުރެވުނީ 2023ވަނަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ޕޮނީޔިން ސެލްވަން 2"ގައި ހިމެނޭ "ވީރާ ރާޖާ ވީރާ" ލަވަޔާ ގުޅިގެންނެވެ. އޭއާރް ރަހްމާން އަދި ފިލްމު ޕްރޮޑަކްޝަން ކުންފުނި މެޑްރާސް ޓޯކީސްއާ ދެކޮޅަށް ދިއްލީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އިންޑިއާގެ ކްލެސިކަލް ލަވަކިޔުންތެރިޔާ އަދި ޕަދުމާޝްރީ އެވޯޑު ވެސް ލިބިފައިވާ ފައްޔާޒު ވަސީފުއްދީން ދާގަރުއެވެ. މަޝްހޫރު ދާގަރު ބްރަދާސް--ފޮޓޯ/ވެރައިޓީ ދާގަރު ހުށަހެޅި މައްސަލާގައި އޭއާރް ރަހްމާނަށް ދައުވާކޮށްފައި ވަނީ އޭނާގެ ބައްޕަ ނާސިރު ފައްޔާޒުއްދީން ދާގަރު އަދި ބޮޑު ބޭބެ ޒާހިރުދީން ދާގަރުގެ މިލްކުވެރިކަން އޮތް ލަވައެއް ކޮޕީކޮށް "ޕޮނީޔިން ސެލްވަން 2"ގެ ލަވަ އުފެއްދުމުގެ ދައުވާއެވެ. ފިލްމު "ޕޮނީޔިން ސެލްވަން 2"އަށް އޭއާރް ރަހްމާން ތައްޔާރުކޮށްދިން ލަވައިގެ މިއުޒިކާއި ބީޓަކީ މަޝްހޫރު ޖޫނިއާ ދާގަރު ބްރަދާސްގެ އަސްލު ލަވައިގެ މިއުޒިކް ކަމަށާއި އޭއާރް ރަހްމާން "ޕޮނީޔިން ސެލްވަން 2"އަށް އުފެއްދި ލަވައިގައި ހަމައެކަނި އިން ތަފާތަކީ އޭގެ ލިރިކްސް ބަދަލުކޮށްފައިވުން ކަމަށް މި ދައުވާގައި ވަނީ ބުނެފައެވެ. މި މައްސަލަ ދިއްލީ ހައިކޯޓުގައި މިހާރުވެސް ކުރިއަށްދާއިރު އެ ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ބުނެފައި ވަނީ އޭއާރް ރަހްމާނާއި މެޑްރާސް ޓޯކީސްއިން ޖޫރިމާނާގެ ގޮތުގައި ދެ ކްރޯޑު ރުޕީސް ކޯޓަށް ދައްކަންޖެހޭ ކަމަށެވެ. ހަމައެއާއެކު ޖޫނިއާ ދާގަރު ބްރްދާސްއަށް ކްރެޑިޓް ދިނުމަށްފަހު އަލުން އެ ލަވަ އޮންލައިން ޕްލެޓްފޯމްތަކުގައި އަޕްޑޭޓްކުރުމަށް ވެސް ދައުވާ ލިބޭ ފަރާތްތަކަށް ވަނީ އަންގާފައެވެ. ފިލްމު "ޕޮނީޔިން ސެލްވަން 2"އަކީ ތަމަޅަ ޑައިރެކްޓަރު މަނީ ރަތުނަމްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގެ ފިލްމީ ތަރި އައިޝްވާރިއާ ރާއި ބައްޗަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ