އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް މުހައްމަދު މުއިއްޒު އަށް އަރުވަން ނިންމާފައިވާ 'އޮނަރަރީ ޑޮކްޓަރޭޓް'ގެ ޝަރަފު ނުދިނުމަށް، އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާ، ރާއްޖޭގެ އަލަމްނައި ގޮފިން އެދިއްޖެ އެވެ.
އެނގުން މުހިންމު - މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި އަންނަ އާދިއްތަ ދުވަހު ރައީސް މުއިއްޒު ވަނީ މެލޭޝިއާއަށް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ. އެ ދަތުރުގައި އައިއައިޔޫއެމް އަށް ރައީސް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ރައީސް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޒިޔާރަތުގެ ތެރެެއިން ރައީސް މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްކަން ދިނުމަށް އެ ޔުނިވަސިޓީން ނިންމާފައިވާކަމަށް ވެސް އަޑުފެތުރިފައިވެ އެވެ.
ވީ ކިހިނެއް؟ - އެ ޝަރުފު އެރުވުމާ ދެކޮޅަށް މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާގެ ފަރާތުން އައިއައިޔޫއެމްއަށް ސިޓީ ފޮނުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމުން މިފަހުން އިސްތިއުފާ ދެއްވި އެ ޔުނިވަސިޓީން ތައުލީމު ހާސިލްކުރެއްވި ހުސްނުއްސުއޫދެވެ. އެގޮތުން:
އެ ޝަރަފު ރައީސް މުއިއްޒަށް އަރުވަން ދެކޮޅު ހަދާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުންދިޔަ ސުޕްރީމް ކޯޓުގެ ބެންޗުގެ ތިން ފަނޑިޔާރަކު ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސަސްޕެންޑުކުރި މައްސަލަ
ތަފްސީލް - އޮނަރަރީ ޑޮކްރަރޭޓްކަން ރައީސް މުއިއްޒަށް އަރުވަން ޔުނިވަސިޓީން މަޝްވަރާކުރިކަން ފާހަގަކުރައްވައި އެ ސިޓީގައި ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ އެ ޔުނިވާސިޓީން ކިޔެވި ދިވެހި ދަރިވަރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު ހިމެނޭގޮތަށް ސިޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް އެ މަނިކުފާނު ދެއްވި ހަމަލާއެއް ކަމަށެވެ. އެގޮތުން އެ ސިޓީގައި އޭނާ ފާހަގަކުރެއްވި ކަންކަމަކީ:
އދ. އިން ވެސްއެކަން ކުށްވެރިކުރިކަން ފާހަގަކޮށް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒުގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާމެދު ކަންބޮޑުވާ ދަރަޖައަށް ސުވާލު އުފެދިފައިވާ ކަމަށް
އެކަމަކީ އިންސާފާ ހަމަހަމަކަން މުގުރާލައި ގާނޫނުއަސާސީގެ ހަމަތައް ވެސް މުގުރާލުން ކަމަށް ސިފަކުރައްވާފައިވޭ
ސުއޫދު ވިދާޅުވެފައި ވަނީ އެ ޔުނިވާސިޓީން ކިޔެވި ދަރިވަރެއްގެ ހައިސިއްޔަތުން ފަހުރުވެރިވާ އެއް ކަމަކީ އިންސާފާއި ނަޒާހަތްތެރިކަމާ އެކު ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުމަށް އޭނާ ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.
"މި ހަމަތަކަށް ފަރުވާކުޑަކުރާ ލީޑަރަކަށް އޮނަރަރީ ޑޮކްޓަރޭޓުގެ ޝަރަފު ދިނުމަކީ ޔުނިވާސިޓީގެ އަބުރު ގެއްލި، މިފަދަ މުހިންމު މައްސަލަތަކުގައި ޔުނިވާސިޓީން ހިފަހައްޓަމުން އައި ސްޓޭންޑާމެދު ނޭދެވޭ މެސެޖެއް ދެވޭނެ ކަމެއް،" ސިޓީގައި ވެއެވެ.
ޝަރުއީ މިނިވަންކަމަށް ތާއީދުކުރުމަކީ އަދުލުވެރި މުޖުތަމައެއްގެ މައިގަނޑު އުސޫލު ކަމަށްވާއިރު، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރައީސް މުއިއްޒު މިފަހުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ސީދާ މި އުސޫލުތަކާ ފުށުއަރާ ކަންތައްތަކެއް ކަމަށް ސިޓީގައި ސުއޫދު ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން، އައިއައިޔޫއެމްއިން ނިންމާފައިވާ އެ ނިންމުމާމެދު އަލުން ވިސްނައި، މިނިވަން ޝަރުއީ ދާއިރާގެ ހައްގުގަޔާއި، ރާއްޖޭގެ ގާނޫނު އަސާސީގެ ނަޒާހަތްތެރިކަން ދަމެހެއްޓުމަށް އެކަމުގައި ވަރުގަދަ ނިންމުމެއް ސްޓޭންޑެއް ނަގައިދިނުމަށް ރާއްޖޭގެ އެ ޔުނިވާސިޓީގެ ކުރީގެ ދަރިވަރުންގެ އަލްމްނިއަ އިން އެދެމެވެ،" ސުއޫދުގެ ސިޓީގައިވެ އެވެ.
ރައީސްއަށް މެލޭޝިޔާގެ އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން ނުދޭން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ