އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ނޫނީ ގިސާސެއް ނުހިފޭނެ: މައުމޫން
އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ނޫނީ ގިސާސެއް ނުހިފޭނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނުގެ ރަސްމީ ޓްވީޓާ އެކައުންޓުން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމްދީނުގައި އޮތް ގޮތް ނޫން ގޮތަކަށް ގިސާސް ހިފުމުގެ ހައްގެއް އެއްވެސް މުސްލިމް ދައުލަތެއްގައި ލިބިގެންނުވާ ކަމަށެވެ. ރައީސް މައުމޫން އެގޮތަށް ވިދާޅުވެފައި މިވަނީ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލި ކަމުގެ ކުށް ސާބިތުވި، ހ. ލޮބީ ހުސެއިން ހުމާމް މެރުމަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހުމާމް މެރުމަށް ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާއިރު، އަފްރާޝީމްގެ ވާރިސުން ކަމަށްވާ އޭނާގެ ބައްޕާފުޅު އަލީ ޒާފިރު އަދި އެއްބަނޑުއެއްބަފާ ބޭބެ އަބްދުއް ނާސިރު އަލީ ވަނީ އަފްރާޝީމް މަރާލުމުގެ މައްސަލައިގެ ތަހުގީގު ފުރިހަމަނުވާތީ، ހުމާމް މެރުމަށް ބޭނުންނުވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ސިޓީއަކުން އެދިފައި ވަނިކޮށެވެ. ނަމަވެސް، އެ ސިޓީ ހިފައިގެން ސުޕްރީމް ކޯޓަށް ދިއުމުން އެ ކޯޓުން އެ ސިޓީ ބަލައިނުގަތެވެ. ސިޓީ ބަލައިނުގަތީ ރަސްމީ ގަޑިއަށް ނުވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ