ޓެކްނޮލޮޖީގައި އެސްޓީއޯ އާ ހަރުފަތަކަށް: ކޭޝިއަރެއް ނުހުންނަ ފިހާރައެއް ހުޅުވަނީ

އެސްޓީއޯ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރެއް އަދި ސޭލްސްމަނެއް ނެތި ވިޔަފާރިކުރެވޭނެ ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މި ފިހާރައާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ, ރާއްޖެއަށް އާ ޓެކްނޮލޮޖީ ތައާރަފު ކުރުމާއި އާ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަކީ އެސްޓީއޯގެ މުހިންމު އެއް އަމާޒު ކަމަށެވެ.
އެގޮތުން ކޭޝިއަރެއް އަދި ސޭލްސްމަނެއް ނެތް ފިހާރަ އަންނަ މަހުގެ ފަހުކޮޅު ހުޅުމާލޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ގްރެބް އެންޑް ގޯ ކޮންސެޕްޓަކީ 2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފުކޮށް, ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. އެ ޓެކްނޮލޮޖީއާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްދީ, ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތަކެއް ނާރާނެ އެވެ.
އެގޮތުން އެ ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކެއްވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެޕްލިކޭޝަންގައި އެ މީހެއްގެ ޑެބިޑް ނުވަތަ ކްރެޑިޓް ކާޑު ރަޖިސްޓްރީކޮށް ލޮގިންއެއް ހެދުމުން, އެ ކާޑުތަކުގައި ހުންނަ “ޓޯކަނައިޒޭޝަން” ކިޔާ ފީޗާ އެއް މެދުވެރިކޮށް ގަންނަ ތަކެއްޗަށް ފައިސާ ދެއްކޭނެ އެވެ.
“ފިހާރައަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެ، ދެން ބޭނުންވާ އެއްޗެހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ” އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު, އިސްމާއިލް މިފްރާހު ވިދާޅުވި އެވެ.
އެސްޓީއޯއިން ހުޅުވަން ތައްޔާރުވާ ފިހާރައިން އެ ކުންފުނިން އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ އިތުރުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެ އެވެ. އަދި ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންވެ އެވެ.
އެގޮތުން ފިހާރައިން މީހަކު އެއްޗެއް ގަންނައިރަށް ފިހާރައިގައި ހުރި މުދަލުގެ ހިސާބުތައް ވެންޑާއަށް އެޕްލިކޭޝަނުން ނޯޓިފިކޭޝަނެއް ދާނެ އެވެ. އޭރުން މުދާ ރީސްޓޮކް ކުރަން ވެންޑާއަށް އެނގޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ