މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު ރާއްޖެއިން ނައްތާލީ ރައްޔިތުންގެ މަޖިލީހުން: މީކާއިލް މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު ރާއްޖެއިން ނައްތާލީ ރައްޔިތުންގެ މަޖިލީހުން: މީކާއިލް

މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު މުޅި ރާއްޖެއިން ގެއްލުވައިލީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވި ގޮތުގައި މެންބަރުންގެ އަމިއްލަ މިނިވަންކަން ގެއްލުވާލާފައިވާތީ ފަނޑިޔާރުގެ މިނިވަން ކުރެވޭނެ ކަމުގެ އުންމީދު ވެސް ނެތް ކަމަށެވެ.
"މިނިވަން ފަނޑިޔާރުގެއެއް ނެތްކަން ސާފުވަނީ މި ރައްޔިތުންގެ މަޖިލީހުން. މި ރައްޔިތުންގެ މަޖިލީހުގެ ޑިސްކަޝަން ބަޓަނަށް އަންނަ ބަދަލުތަކުން އެކަން ސާފު. އެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އިޝާރާތުން ބާކީ ތިބިއްޔާ ތިބި މެންބަރުން، ޕާލިމެންޓަރީ ގްރޫޕެއްގެ މެންބަރުން ވެސް ވާހަކަ ދައްކަން ވެސް ފަސްޖެހޭތީ ސާފުވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް މިނިވަންކަމެއް ނެތް ކަން،" މީކާއިލް ވިދާޅުވި އެވެ.
މިހާރު ހުށަހެޅިފައިވާ އޮތް ބިލުގައި އޮތް ގޮތުން ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުން އުޅެންވާ ގޮތް އެނގޭނެ ހަމައެކަނި ތަނެއްގެ ގޮތުގައި ކަނޑައެޅިގެން ދަނީ ޖޭއެސްސީ ކަމަށް މީކާއިލް ވިދާޅުވި އެވެ. ރާއްޖޭގައި މިނިވަން ފަނޑިޔާރުގެއެއް މިވަގުތު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެއިން މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު ނައްތާލީ މަޖިލީހުން. މި މަޖިލީހުގެ މެންބަރުންގެ މިނިވަންކަމާއި، ހައްގާއި، އަމިއްލަ އިހުތިޔާރާއި މިނިވަންކަން ވެއްޔާ މޮޑެލި ދުވަހު، ރައީސް އޮފީހާ އެ ހަވާލުކުރި ދުވަހު މި ރާއްޖެއިން މިނިވަންކަން ހިނގައްޖެ، ފަނޑިޔާރުގޭގެ މިނިވަންކަން ހިނގައްޖެ،" މީކާއިލް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންސާފު ގާއިމު ކުރުމުގެ ބާރު ގުޅެނީ ރައްޔިތުންގެ މަޖިލީހާ ކަމަށާއި މަޖިލީހުން އެ ޒިންމާ އަދާކުރަމުން ނުދާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
"ތިން ފަނޑިޔާރުން ވަކިކުރެވިގެންދިޔައިރު އަދިއަދާ ހަމައަށް ވެސް މަޖިލީހަށް ވެސް، ސަރުކާރަށް ވެސް، ޖޭއެސްސީއަށް ވެސް ބުނެ ނުދެވޭ އެ ފަނޑިޔާރުންގެ މައްސަލައަކީ ކޮބައިކަން. އެހެން ނަމަވެސް އަޅުގަނޑުމެން މި އުޅެނީ އަނެއްކާ ވެސް ގާނޫނަކުން ލިޔެގެން ފަނޑިޔާރުންގެ އަހުލާގާއި ސުލޫކުގެ ވާހަކަ ދައްކަން،" އެއީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
ރައްޔިތުން އެދޭ ފަދަ އިންސާފު ގާއިމުކޮށްދޭން ވަކާލާތު ކުރާނެ ސަރުކާރެއް ވެސް އަދި މަޖިލީހެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ