ދީނުގައިވާފަދައިން މިރީތި މަގުން އަނބިމީހާއަށް ކަންކަން ކުރާނަމަ ކުރާނެ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ: ޝައިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ
 
ކައިވެނި ދިރިއުޅުމަކީ ހަމައެކަނި ޙައްޤުތަކާއި ޒިންމާތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫނެވެ. އެއީ ލޯބި، އޯގާތެރިކަން، އަޅާލުން އަދި އެހެނިހެން ރީތި ސިފަތަކުން ފުރިގެންވާ ގުޅުމެކެވެ. ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވާ ފަދައިން، ފިރިމީހާ އޭނާގެ އަނބިމީހާއާ މެދު އޯގާތެރިކަމާއި ހެޔޮ ގޮތުގައި މުޢާމަލާތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 
ﷲ ތަޢާލާ ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ
މާނައީ: "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!" 
ތިބާގެ އަނބިމީހާއާއެކު އޯގާތެރިކަމާއި ރިވެތި އަދި ޝަރަފުވެރި ގޮތެއްގައި ދިރިއުޅުމުގެ މާނައަކީ ތިބާ އަމިއްލައަށް ލޯބިވާ ކަންތައްތަކަށް އޭނާއަށްވެސް ލޯބިކުރުމެވެ. އެހެންވީމާ، އިނގިލި ދިއްކޮށް ތިބާ މިވެނި ކަމެއް ކުރަންވާނެއޭ، ތިބާ އެވެނި ކަމެއް ކުރަންވާނެއޭ ބުނުމުގެ ބަދަލުގައެވެ. 
ތިބާގެ އުޚްތު ނުވަތަ ދަރިފުޅު އެފަދަ ގޮތަކަށް ކަންތައް ކުރެވުނުނަމަ، ތިބާ ދެކޭނީ ކިހިނެއްތޯ ހިތަށް އަރުވާލާށެވެ. ތިބާ އަންހެނަކަށްވެ، ތިބާގެ ފިރިމީހާ ތިބާއާމެދު އެފަދަ ގޮތަކަށް ކަންތައް ކުރާނަމަ، ތިބާ ދެކޭނީ ކިހިނެއްތޯ؟ އަޅުގަނޑުމެން މިގޮތަށް ވިސްނަން އާދައެއް ނުވެއެވެ. އަދި މިއީ ޙަޤީޤީ މުއުމިނެއްގެ ސިފަތަކާއި ޚާއްޞިއްޔަތުތަކުގެ ތެރެއިން އެއް ކަމެކެވެ. 
ކައިވެނި ދިރިއުޅުމުގައި އެކަކު އަނެކަކަށް އަމިއްލަ ނަފްސަށް ލޯބިވާ ފަދައިން ލޯބިކުރަންވާނެއެވެ. އެހެން މީހުންގެ ކުށް ހޯދުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް ބަލައި، އިޞްލާޙުވުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް އަމިއްލަ އުޚްތަކަށް ނުވަތަ ދަރިއަކަށް މުޢާމަލާތްކުރާނެ ފަދައިން މުޢާމަލާތްކުރަންވާނެއެވެ. 
ޙަޤީޤީ މުއުމިނެއްގެ ސިފައެއްގެ ގޮތުގައި، އަމިއްލަ ނަފްސަށް ލޯބިކުރާ ފަދައިން އެހެން މީހުންނަށްވެސް ލޯބިކުރުން ހިމެނެއެވެ. މިއީ އީމާންކަމުގެ ބައިތަކުގެ ތެރެއިން އެއް ބައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިން، އީމާންކަމުގައި 60 އަށްވުރެ ގިނަ ބައިތައް ހިމެނެއެވެ. މި ހުރިހާ ބައިތަކެއް ފުރިހަމަކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. 
އަޅުގަނޑުމެން އަމިއްލަ ނަފްސަށް އެކަނި ވިސްނުމުގެ ބަދަލުގައި، އެހެން މީހުންނަށް ވިސްނައި، އެމީހުންނަށް ހެޔޮކޮށް ހިތަން ދަސްކުރަންވާނެއެވެ. މިއީ އަޅުގަނޑުމެންގެ ޢާއިލާގައި، މަސައްކަތުގެ މާޙައުލުގައި، އަދި މުޖުތަމަޢުގައިވެސް ޢަމަލުކުރަންވީ ގޮތެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުއަށް އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނުމަކީވެސް މުހިންމު ކަމެކެވެ.
 
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ