ކެމޮމައިލް 37
"މެންދުރު ނަމާދުގެ ކުރިން ކޮންމެވެސް ވަގުތުކޮޅެއް ޟުހާ ނަމާދަށް ހުސްކޮށްލާށެވެ. އެންމެ ދެ ރަކުއަތެވެ. ދެތިން މިނިޓެވެ. ތިބާގެ އަވަދިނެތް ދިރިއުޅުމުން ﷲ ތައާލާއަށް ހުސްކުރަންވީ އެފަދަ ސުންނަތް ނަމާދުތަކެވެ. ޔަގީނުންވެސް އޭގެ ހެޔޮކަން ގެއްލިގެން ނުދާނެ ދުވަހެއްވެއެވެ. އެފަދަ ކޮންމެ އަޅުކަމަކީ ސަވާބު އިތުރުވުމާއި ހެޔޮ އަމަލު އިތުރުކުރުމަށް އެޅޭ ފިޔަވަޅެކެވެ. ދާއިމީ މަންޒިލަށް ދަތުރުކުރާއިރު ހުސްއަތާ ދިޔުމުގެ ބަދަލުގައި އަޅުކަމަށްވެސް ވަގުތު ދޭށެވެ." *** "ކުއްލިއަކަށް އެ ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ބާރުކުރަން ފެށިއެވެ. އޭނަ ދުވަހެއްގެ ކޮޅުންވެސް މީހެއްގެ އަތުން ދަރަންޏަށް އެއްޗެއް ނަގާފައެއްނުވެއެވެ. އެއީ އޭނަ ރުހޭކަމެއްނޫނެވެ. ވަގުތުން ޖީބުން ފޯނު ނެގިއެވެ. "ނާސިން ޖޮބްސް މާލެ.."އޭނަ ޓައިޕްކޮށްލިއެވެ. ވަގުތުން ލިސްޓްތައް ލޯޑުވާންފެށިއެވެ. އޭނަ ވަޒީފާ ބޭނުންވަނީ ކްލިނިކަކުންނެވެ. ނަސީބަކުން ކޮންމެވެސް ވަރަަކަށް ވަޒީފާގެ ފުރުސަތުތައް ހުއްޓެވެ.އެހާ މުސާރަ ބޮޑުނޫނަސް އޭނައަށް ކުއްޔަށް މިތަނުގައި އުޅެވިދާނެއެވެ. އެހީތެރިވެސް ވެވޭނެއެވެ. އަދި ދަރަނިވެސް ދެއްކިދާނެއެވެ. އޭނަ ރެއިލިންގައި އަތްއަޅުވައިލިއެވެ. *** ޖަމީލާ ނަމާދަށްފަހު އަނެއްކާ އޮށޯވެލިގޮތަށް ފުން ނިންޖަކަށް ގެނބުމާއެކު އޭނަ ވަޒީފާއަށް އެދޭ ފޯމް ފުރަންފެށިއެވެ. ފުރަތަމަ ޓައިޕްކުރަން ފެށީ ލަހުންކަމަށްވިޔަސް އޭނައަށް ވަޒީފާ ލިބޭނެކަމާއިމެދު އިތުބާރު އޮތެވެ. އޭނަ ހުރިހާ ލިޔެކިޔުންތައް ހަމަކޮށްލާފައި ފައިލްތައް އެޓޭޗްކޮށްލާފައި ދެވަނަފަހަރަށް ޗެކްކޮށްލުމަށްފަހު މެއިލް ފޮނުވައިލިއެވެ. ޖެހިގެން އައި ދުވަހު ޖަވާބު ލިބުނެވެ. މާދަމަ ދިހައެއް ޖަހާއިރަށް އިންޓަވިއުއަށް އަންނަންވެސް އެދިފައި އޮތީ ރަސްމީކޮށެވެ. އޭނަ މިހިރީ ދަންވަރު ގަޑިއެއް އޮތަސް ދާން އަތުކުރި އޮޅާލައިގެންނެވެ.މިވަގުތު ބޭނުމީ މާލޭގައި ހުރުމުގެ ޚަރަދުބަލަހައްޓާނެ ވަޒީފާއެކެވެ. *** އެއީ ހިމޭން ކުޑަ ކްލިނިކެކެވެ. ފާރުތަކުގައި ލާފައިވީ ލޮލަށް ފަސޭހަ މަޑުފެހިކުލައެއްގެ ދަވާދެވެ. ކައުންޓަރުގައި އިން އަންހެންކުއްޖާއަށް އޭނަ ފެނުމުން ހިނިތުންވެލާފައި އެތެރެއަށް އަންނަން ގޮވައިލިއެވެ. އިންޓަވިއުއަށް ގިނައިރެއް ނުނަގައެވެ. ނަރުހުންގެ އިސްމީހާއަށް މިރިއަމް އެހާ ޒުވާންވެފައި މުސްކުޅިން ބަލަހައްޓަން ޝައުގުހުރުމުން ހައިރާންވިއެވެ. "އަހަރެމެންވެސް ބޭނުންވަނީ ޕްރޮސީޑާތަކަށްވުރެ އަންޑަސްޓޭންޑްވާނެ އަތްތަކެއް..ހިތްތައް ބޭނުންވަނީ...މިރިއަމްއަށް އެބައި ލިބިފައި އެބަހުރި..." މިރިއަމްގެ އަމިއްލަ ނަފުސަށް އެކަން ގަބޫލުކުރަން ފަސޭހައެއްނުވިއެވެ. އަސުރުވީއިރު އޭނައަށް ވަޒީފާ ހަމަޖެހިއްޖެއެވެ. މަންމަގެ ފަރުވާ ލިބެންދެން މާލޭގައި މަޑުކުރެވޭނެވަރަށް ފައިސާ ލިބޭނެކަން އެނގުމުން ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖަހައިލިއެވެ. *** ދުވަސްތައް ފެށި ނިމެނީ ދާދި އެއްގޮތަކަށެވެ. ހެނދުނުގެ ބޮޑުބައި ހޭދަވަނީ އޭނަގެ މަންމައާއެކުގައެވެ. ހަޖަމުކުރަން ފަސޭހަ ނާސްތާއެވެ. ޗަސްކޮށްފައި ހުންނަ ދޮންކޭލާއި ޕާންޓޯސްޓާއި ބިސްގަނޑެވެ. އެއަށްފަހު ވަށިތަކުގައި ހުންނަ މާގަސްތަކަށް ފެން ދިނުމާއި ތާޒާ ވައިގެ ތެރޭގައި ކުޑަކޮށް ހިނގައިލުމެވެ. ވާހަކައެއް ކިޔާދިނުމުގައެވެ. މިދުވަސްކޮޅު ޖަމީލާގެ ސިކުނޑީގެ މައްސަލަތައް ކުރިއަށްވުރެ ބޮޑުވާންފެށިއެވެ. އެއްޗެހި ބެހެއްޓުނުތަން ނޭގިގެން ހޯދުމާއި، ބައެއްފަހަރު މިރިއަމްއާއި ދިމާލަށް ބޮޑުދައިތައެއްގެ ނަމުން ގޮވުން ހިމެނެއެވެ. އެކަމަކުވެސް މިރިއަމް އޭނަގެ މަންމަ ފުނާ އަޅާދޭއިރު ހީލާ ހަދައެވެ. ކޮންމެ ނަމާދަކަށްފަހު ދެއަތް އުފުލާލައިގެން ދުޢާކުރެއެވެ. މެންދުރު ފަހު އޭނަ ކްލިނިކަށް ދާން ބަހަށް އަރައެވެ. ކުރު ބަސްދަތުރެކެވެ. އެތަނުގައި ކުރާކަށް އެހާ ގިނަ މަސައްކަތެއް ނޯވެއެވެ. ބެންޑޭޖްތައް ބަދަލުކޮށްލުމާއި ބަލިމީހުންގެ ފައިލްތަކުގައި ލިޔުމާއިއެކު ބަލިމީހުންނާއި ވާހަކަދައްކާ އެމީހުން ހިތްހަމަޖައްސައިދިނުމެވެ. ހަވީރުވާއިރަށް އޭނަގެ ހުދުކުލައިގެ ގެއަށް އެނބުރިއާދެއެވެ. ޒުބޭރު ގެއަށް ބޭނުންވާ އެއްޗެއް ނޫނީ ޖޯކެއް ހިފައިގެން އަންނާނެއެވެ. ދިރިއުޅުން އެންމެ ފުރިހަމައެއްނުވާނެއެވެ. އެމީހަކަށް އުޅެވެން އޮތް އެންމެ ރަގަޅަށް އުޅެން މަސައްކަތްކުރަންވީއެވެ. ބައެއް ދުވަހު ޖަމީލާ އަށް މިރިއަމްއަކީ ކާކުކަމެއް ނޭގެއެވެ. އެއް ދުވަހު މިރިއަމް ފެނުމާއެކު ސިހި ބިރުގެންފައި އޭނަގެ ދަރިފުޅު ކޮބާހެއްޔޭ ސުވާލުކުރިއެވެ. އޭނަ އަވަހަށް ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ދެއަތްތިލައިން މޫނު ފޮރުވިގޮތަށް ރޮވުނީއެވެ. އެކަމަކު އަބަދު އެހެނެއްނޫނެވެ. ހަމަ ރަގަޅަށް ހުންނަ ދުވަސްތައްވެސް އާދެއެވެ. ބައެއް ދުވަހު އޭނަގެ އަތުގައި ބާރަށް ހިފަހައްޓައިގެން އިނދެ ހިނިތުންވެލައެވެ." މިރިއަމް މަންމައަށްޓަކާ އެނބުރި އައީ ދޯ..." އެކަހަލަ ދުވަސްތަކުގައި މަންމައަށް އޭނަ ހަދައިދޭ ސައިތަށީގެ ރަހަ ރަގަޅުވާނެއެވެ. އަދި މިރިއަމް ގުރުއާނުގެ އާޔަތެއް ބާރަށް ކިޔުމުން މަންމައަށް ދޭހަވާފަދަ ގޮތަކަށް ލޯ ކަރުނުން ބަރާވާނެއެވެ. ރޭގަނޑު މަންމަ ނިދުމުން އޭނަ ބެލްކަނީގައި ވަގުތުކޮޅެއް ހޭދަކޮށްލައެވެ. ކަނޑުގެ ރާޅުތަކުގެ ހިމޭން ނާނާގެ އަޑު އަހައިލަން ހުރުމުން ހިތަށް ކުޑަ ހަމަޖެހުމެއްލިބެއެވެ. ގެއަށް އެނބުރި އައުމަކީ މިއީއެވެ. ކޮންމެހެން މާވަރުގަދަ މުނާސަބާއެއް ނޫނެވެ. އެންމެ ފުރިހަމަ ޝިފާއެއްވެސް ނޫނެވެ. ނަމަވެސް އެކީގައި ހޭދަކޮށްލެވޭ ހިމޭން ހެނދުނުގެ ވަގުތުތަކާއި ހިއްސާކުރެވޭ ސައ، ގޭތެރޭގައި ހިފާފައި ހުންނަ ކެމޮމައިލް ސައިގެ ވަސް އަދި މަންމަގެ ހާޟިރުގައި ހުރެވުމަކީ ހިތުގެ ފަރުވާއެކެވެ. *** ޖަމީލާގެ ސީޓީ އެޕޮއިންޓްމެންޓް ހަމަޖެހުނު ދުވަހު މިރިއަމްއާއިއެކު ޒުބޭރުވެސް ދިޔައެވެ. އޭނައަށް އެކަނި ހޮސްޕިޓަލަށްގޮސް ހުރިހާކަމެއް ނިންމައިލެވޭނެކަމުގައި ބުނީމަވެސް ޒުބޭރު ދޫނުކޮށް އައީއެވެ. މާލޭގެ ހޮސްޕިޓަލަށް ވަދެވުމުން ތަނުގެ ބިޔަކަމާއިމެދު ހައިރާންވިއެވެ. ހުދު ފާރުތަކެވެ. ދިގު ކޮރިޑޯތަކެވެ. ސެންޓްރަލް އޭސީގެ އަޑެވެ. މެޝިންތަކުގެ އަޑާއި އެތައް މީހުންގެ އަވަސްވެފައިވާ އަޑުތަކެވެ. މީހުންތައް ގިނަކަމުން އޭނަވެސް ފިނިވާގޮތްވިއެވެ. އޭނަ މަންމަގެ އަތުގައި ބާރަށް ހިފަހައްޓައިލީ މަންމައަށް ރައްކާތެރިކަން އިހުސާސްކޮށްދޭން ވެގެންނެވެ.މަންމަގެ ލޯވެސް ނުދަންނަ އެކި މީހުންނަށް ހުއްޓެމުންދިޔައިރު ސިހުން އެކުލެވެއެވެ. އެކި ސުވާލުތައްވެސް ކުރަމުން ދިޔައެވެ. ޒުބޭރު އެދެމައިންނަށްވުރެ ކުރިން ރިސެޕްޝަނަށްގޮސްފައި ސީޓީ އެޕޮއިންޓެމްނަށް ބިލް ހަދާ ނިންމާލިއެވެ. މިތަނުގެ ހަލަބޮލިކަމާއި ދާންވީތަންތަން ސީދާ ނޭގޭތީ މިރިއަމްއަށްވެސް މަންމަ ގޮވައިގެން އެކަނި އުޅެން ފަސޭހައެއްނުވާނެއެވެ. ޒުބޭރު އައިކަމަށްޓަކާ އޭނަ ހިތާހިތުން ޝުކުރުވެރިވިއެވެ. ދުލުން އެހެން ނުބުންޏަސް އެއިން ކޮންމެކަމެއް އޭނައަށް ވީ ބޮޑު އިހުސާންތެރިކަމަކަށެވެ. ސީޓީ ހަދަން އެ ކޮޓަރިއަށް ވަންނާން ޖެހުމުން އޭނަ މަންމައަށް ވިސްނައިދިނެވެ."މަންމާ. މިއީ ހަމަ އެކަނި ސްކޭނެއް.............އެމީހުން ހަމައެކަނި ފޮޓޯތަކެއް ނަގައިލާނީ. އެހެން ކަމެއްނުކުރާނެ. " ޖަމީލާ ސްކޭނަށް ވެއްދުމުން މިރިއަމްއާއި ޒުބޭރު އިށީދެލީ އެތާ ބަހައްޓާފައި ހުރި ގޮނޑިތަކުގައެވެ. އެހެން އިނދެފައި އިސްއުފުލައިލެވުނީ ދަންނަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. ހަމްޒާއާއި އެހެން ޑޮކްޓަރުންގެ ޓީމެއް އެހެން ލާފައި އަންނަމުން ވާހަކަދައްކަމުން ދިޔައެވެ. މި އިމާރާތް އެ ޑޮކްޓަރުންނަށް ދައްކަން އިސް މީހަކަށް ހުރީ ހަމްޒާކަމަށް ވެދާނެއެވެ. އެ ތިން ޑޮކްޓަރުންވެސް ވާހަކަދައްކަނީ އަރަބި ބަހުންނެވެ. ރަސްމީފާޑު ހުއްޓެވެ. މިރިއަމް ދުޢާކުރީ ހަމްޒާއަށް އޭނަ ނުފެނުމަށެވެ. އެކަމަކުވެސް ދެމީހުންގެ ކަޅި ބައްދަލުވިއެވެ.ފަޅި ސިކުންތެއްނުވެ ދުރު ބެލިޔަސް ހަމްޒާ އަންނަންފެށީ އެދިމާލަށެވެ.މިރިއަމްގެ ހިތް ހުއްޓޭގޮތްވިއެވެ. ނޫނެކެވެ. އޭނައަށް ކުރެވުނީ ކުށްހީއެކެވެ. ހަމްޒާ އައީ އޭނައާއި ދިމާލަކަށް ނޫނެވެ. އޭނަ އައީ ޒުބޭރުގާތަށެވެ. ސަލާމްވެސް ކޮށްލިއެވެ. ދެމީހުން ވާހަކަދެއްކީ ކުރިއްސުރެ ދަންނަ ގާތް އެކުވެރިންހެން ހީވާފަދަގޮތަކަށެވެ. "ހަމަ އެއްކޮށް މިކޮޅަށް ބަދަލުވީތަ؟"ޒުބޭރު ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. "އިންޝާﷲ.." "ޖަމީލާއްތަގެ ސްކޭން ރިޕޯޓް ލިބުނީމަ ޗެކްކޮށްލާނަން. އިތުރު އެހީއެއް ބޭނުމިއްޔާ ބުނައްޗޭ އިނގޭ...." ހަމްޒާ ވާހަކަދެއްކީ ޒުބޭރުއާއެވެ. ހަމްޒާ ދެން އޭނަގެ ކައިރީގައި ތިބި ޑޮކްޓަރުންނާއި ވާހަކަދައްކަންފެށި އަރަބިި ބަހުންނެވެ. އަރަބި ބަސް ނޭގުނަސް އޭނައަށް ޔަގީންވީ އެމީހުން ދެއްކީ މަންމަގެ ވާހަކަތައްކަމެވެ. އޭނައަށް ނަގައިގަނެވުނީ ޑިމެންޝިއާ އަދި ނިއުރޮލޮޖީ އެދެ ލަފުޒެވެ. މިރިއަމްގެ ސިކުނޑިއަށް ކުއްލިއަކަށް ވެރިވީ އޭނަ ހަމްޒާގެ ގާތު ބުނި ޖުމްލައެވެ. އޭނަވެސް ކައިވެނިކޮށްގެން ހުރިކަމުގައެވެ. ފަޚުރުވެރިކަމާއެކު އެހެން އިހުސާސްތަކުގައި ގެނބިގެން އޭނައަށް އެހެން ބުނެވުނީއެވެ. ކޮންމެ ފަހަރަކު ހަމްޒާއަށް ފެންނަނީވެސް އޭނަގެ ވާހަކަ ތެދުވާފަދަ މަންޒަރެކެވެ. އޭނަ ޒުބޭރުއާއެކު ހުންނަ ތަނެވެ. އެ ދޮގު ބަރަނިފަށަކަށްވެގެން އޭނަގެ ކަނދުރާގައި އޮޅި ނޭވާއަށް ދަތިކުރާންފެށިއެވެ. ފުރަތަމަ ދެމީހުންގެ ނަޒަރު ބައްދަލުވުމާއެކު ދެމިގެން ނުދިޔަސް ހަމްޒާގެ ލޮލުން އޭނައަށް އެކަން އެނގުނެވެ. ޒުބޭރު ފެނުމުން އޭނައަށް ވީގޮތެވެ. ހަމްޒާ މިރިއަމްގެ މަންމަގެ ވާހަކަދެއްކީ އޭނައަކާއި ނޫނެވެ. ޒުބޭރުއާއެވެ. ހަމްޒާ ޔަގީންކޮށްގެން އެހެރީ ޒުބޭރުއަކީ އޭނަގެ ފިރިމީހާކަމުގައެވެ. އޭނަ އެތާ ހުއްޓާ ހިލޭ މީހެއްގެ ގާތު މަންމަގެ ވާހަކަދެއްކުމުގެ މާނައެއްނެތްތާއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އޭނަގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. އެއީ ހަގީގަތަކަށް ނުވިޔަސް ހަމްޒާ އެހެން ޔަގީންކުރީތީއެވެ. ޒުބޭރު އެއްޗެކޭ ނުބުނެ ކޮޅަށް ހުރީ މޭގައި އަތް ހުރަސްކޮށްލައިގެންނެވެ. ހަމްޒާމެން ކޮރިޑޯއިން ގެއްލެންދެން އޭނަވެސް އެހެން ހުރީއެވެ. "ނޭވާލަން ހަދާންނެތިފައި ހުރި މީހަކު ހުންނާނެގޮތަށް މިރިއަމް ތިހިރީ....ބްރީތް ނޫނީ މަރުވެދާނެ......"ޒުބޭރު ބުނެލީ މަޑުންނެވެ. އޭނަ އެސްފިޔަޖަހައިލިއިރު މޫނަށް ހޫނުވާންފެށިއެވެ. ޒުބޭރު މޮޔަވާހަކަދައްކަނީ ކީއްވެހެއްޔެވެ؟ ކުޑައިރުއްސުރެ އެކަހަލަ ތާކުންތާކު ނުޖެހޭ ހެއްވާ ވާހަކަ ދައްކަމުންގޮސް އެ ބައި ކަށީގައި ހަރުލާފައިވަނީއެވެ. "އަހަރެން ހަމަ މުޅިން ރަގަޅު..." "ރަގަޅު ނޫނެކޭ ނުބުނަން ދޯ...." ޒުބޭރު އެވާހަކަ އިތުރަށް ކުރިއަށް ގެންދާކަށް ނޫޅުނެވެ. *** ސީޓީ ސްކޭނުން ނިމިގެން މަންމަ ހުރީ ހެދުނު ނާސްތާ ނުނަގާ ކަމަށާއި ބަނޑުހައިވެފައިކަމަށް ބުނުމުން ޒުބޭރު ހައިރާންވިއެވެ. އެ ނަޒަރުން މިރިއަމް ރުޅި އަންނަގޮތްވިއެވެ. މަންމަ ބައެއްފަހަރު އެގޮތަށް ވާހަކަ ހުންނަކަން ނޭގެނީހެއްޔޭ ބުނަން އުޅެފައިވެސް އޭނަ ހިމޭންވިއެވެ. ހޮސްޕިޓަލް ތެރޭ ހުންނަ ކެފޭއަށްގޮސް ސިނަމަން ރޯލްއަކާއި ބްލޫބެރީ ސްމޫތީއެއް ގެނެސް މަންމައަށް ކާންދޭން އޭނަ އުޅުނެވެ. މަންމަ ކިރިޔާ ރަހަ ބަލައިލިކަމެވެ. "އަތް ދޮންނަން ހިނގާ..." އަތް ހަޑިވެފައި ނެތަސް އަތް ދޮންނަން ކިޔާވަރުން ފާޚާނާ ބަރިއާއި ދިމާލަށް ހިނގައިގަތްއިރުވެސް ޖަމީލާގެ ފިޔަވަޅުތައް ވަރަށް ލަހެވެ. ބައެއްފަހަރު ހުއްޓިލާފައި ދުރަށް ބަލަހައްޓައިގެން ހުރެ ކޮންމެވެސް ނުގުޅޭ ސުވާލެއް ކޮށްލާނެއެވެ. ސިންކުކައިރިއަށްގޮސް ޖަމީލާއަށް ލޯގަނޑަށް ނަޒަރު ހުއްޓައިލެވުނެވެ. "އައްސަލާމް އަލައިކުމް..." ޖަމީލާ އޭނައަށް ބަލައިލަމުން ވައި އަޑަކުން ބުނެލިއެވެ." އޭނައާއި ވާހަކަދައްކަބަލަ...." އެމީހާއާއި އަޅާނުލާ ވާހަކަދެއްކުމަކީ އަދަބުކުޑަކަމެއްކަން މިރިއަމްއަށް ވިސްނައިދޭފަދަ ބެލުމެކެވެ. "މަންމާ..ލޯގަނޑުން ފެންނަނީ މަންމަގެ ސޫރަ..."އޭނަ ޔަގީންކަން ދޭން މަސައްކަތްކުރިއެވެ. "ނޫން ނޫން. އެއީ ނުދަންނަ މީހެއް...ބުނެބަލަ ބޭރުގައި އިހަށް މަޑުކޮށްލާށޭ...."ޖަމީލާގެ ބުމަ ގާތްވިއެވެ. "މަންމާ..މިހިރީނު މަންމަގެ ހެދުންވެސް އޭނަ ލައިގެން. މަންމައޭ އެއީ....ދެން ގެއަށް ދާނީ ދޯ....."އޭނަގެ ހިތަށް އުދަގޫވިއެވެ. ޖަމީލާއަށް އެވާހަކަ ގަބޫލުނުކުރެވުނެވެ. ނޫނީ ސިކުނޑިއަކަށް ނަގައިނުގަނެވުނީއެވެ. ލޯގަނޑުން ފެންނަން ހުރި ތަސްވީރަށް ފުންކޮށް ބަލަން ހުރެފައި މަޑުމަޑުން އިނގިލި ޖައްސައިލިއެވެ. "އެ މީހާ ރޮއިފަ ހުރިހެން ހީވަނީ..."ޖަމީލާ ބުނެލިއެވެ. އޭނަ ޖަވާބެއްނުދީ ޖަމީލާގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. އޭރުވެސް ހިތުގައި ރިއްސަމުން ދިޔައެވެ. ލޮލުން ދިލަނަގާގޮތްވިއެވެ. އަވި އައިނެއް އަޅަން ބޭނުންވީ ޖަޒުބާތުތައް އެހެން މީހުންނަށް ފޮރުވުމަށެވެ. އޭނަގެ ލޮލުގެ ކުރިމަތީގައި މަންމަ މަޑުމަޑުން ގެއްލެމުން ދަނީއެވެ. މަންމަގެ ސިކުނޑިއާއި ހަނދާންތަކާއި ހުރިހާ އެއްޗެއްވެސް މެއެވެ. *** ޒުބޭރު ކޮންމެެވެސް ބޭހެއް ނަގަަން ފާމަސީއަށް ގޮސްފައި އަންނަންދެން މަންމަ ގޮވައިގެންގޮސް އޭނަ އޯޕީޑީގައި ހުރި ސޯފާތަކުން ސޯފާއެއްގައި މަންމަ ބޭންދިއެވެ. "ރިޕޯޓް ލިބުނީމަ ދަނބިދަރިފުޅަށް ގުޅައިލީމަ ރަގަޅުވާނެ. ފައިލްގައިވެސް އޮންނާނީ އޭނަގެ ނަމްބަރު..." ހަމްޒާ ރިސެޕްޝަނުގައި ހުރި އަންހެންކުއްޖަކާއި ވާހަކަދެއްކިއެވެ. ހަމްޒާ ބުނީ ޖަމީލާގެ ނަމެވެ. ޒުބޭރުގެ ފޯނު ނަމްބަރެވެ. ހޮސްޕިޓަލުން އެމީހުންނާއި ގުޅޭ ނަމްބަރެއް އެހީމަ ޒުބޭރުއަށް ފަސޭހައަކަށް އެ ނަމްބަރު ދީފައި އޮތީމަ ހަމްޒާއަށް އޮޅުން އެރީއެވެ. ސީޓީ ސްކޭންއަށް ބިލް ހެދުމުގެ ކަންތައްތަކުގައި އުޅުނީ ޒުބޭރުވިއްޔާއެވެ. "ދަނބިދަރިއޭ؟" އޭނައަށް ދަތްކުނޑިވިކައިގަނެވުނެވެ. ހަމްޒާވެސް އެހެރީ ބޮލަށް ބޭސްކުރަންވެފައެވެ. އޭނަ މީހަކާއި އިނދެގެންނޭ ބުނާއިރަށް ފިރިމީހާއަކީ ޒުބޭރުކަމުގައި ނިންމަންވީ ކީއްވެހެއްޔެވެ؟ އަޖައިބެއް ނޫންހެއްޔެވެ؟ ޒުބޭރުއަކީ އޭނަގެ އެކުވެރިއެއްކަމުގައި ދެކެންވީމަ އެހެރީ އެހެންގޮތަކަށް ނިންމައިގެންނެވެ. އޭނަގެ ޚިޔާލުގައި އޭނަ ގޮސް ހަމްޒާގެ މޫނުގައި ތަފާލެއް ޖަހައިފިއެވެ.އެއާއެކު މިރިއަމްއަށް މޮޔައެއްހެން ހެވުނެވެ. އަނގަމަތީގައި އަތް އެޅުނެވެ. އެއާއެކު ހަމްޒާއަށްވެސް އެދިމާލަށް ބަލައިލެވުނެވެ. "ސްޓުޕިޑް...މިހާރު ހީކުރާނީ އޭނަގެ ސަމާލުކަން ހޯދަންކަމަށް....މޮޔަވިޔަސް ބޮޑުވަރު. މީހެއްގެ ފިރިއެކޭ......."މިިރިއަމްގެ ޟަމީރު އަޑުލައިގަތެވެ. "ޖަމީލާއްތަ..އަދިވެސް ނުނިމެނީތަ؟" ހަމްޒާއަށް އަނގައިން ނުބުނެ ދާކަށް ނުކެރުނެވެ. "އައްސަލާމް އަލައިކުމް......ކޮން ދުވަހެއް ނުފެނި........."ޖަމީލާ ތެދުވެ ހަމްޒާގެ އަތުގައި ބާރަށް ހިފެހެއްޓީ ހިނިތުންވަމުންނެވެ. މިރިއަމްގެ ގައިގާ ވި ހާ ލޭތައް މޫނަށް އެއްވެގަންނަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ