މަޝްރޫއު ރަސްމީކޮށް ފެށިތާ މި އަހަރުގެ 21 މޭއަށް ނުވަ އަހަރު ވީ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޓާމިނަލްގެ މަޝްރޫއުގެ ބިންގާ، އެ ދުވަހުގެ ރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެޅުއްވި އިރު، ލަފާކުރީ ގިނަވެގެން 3-4 އަހަރުގެ ތެރޭގައި ނިންމައި، ހުޅުވޭނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއު ނިމި އަތުން ދޫކޮށްލެވޭ ވަރުވީ އަދި ކިރިޔާ އެވެ. ސުވާލަކީ އެހާ ދިގު މުއްދަތެއް ނެގީ ކީއްވެގެން ހެއްޔެވެ؟ ކުރު ޖަވާބަކީ ފައިސާ ލިބުމުގެ ދަތިތަކެވެ.
މަޝްރޫއުގެ ޒިންމާ ނެންގެވި ކުރީގެ އެކި ވެރިންގެ ބަހަށް ވުރެ މި ވަގުތު ބަލައިލުން އެންމެ ރަނގަޅުވާނީ އެމްއޭސީއެލްގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްގެ ވާހަކައަށެވެ. މިދިއަ ހުކުރުދުވަހު ޓީވީއެމުން ގެނެސްދިން 'ހޭޔަންބޯ'ގައި އޭނާ ވަނީ ޓާމިނަލް ލަސްވި މައިގަނޑު ސަބަބަކީ ފައިސާ ކަމަށް ވިދާޅުވެފަ އެވެ.
"ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި. މިތަނަށް ބޭނުންވާ ޖުމްލަ ފައިސާ ނުލިބުމާއި ފަންޑިން އެޖެންސީތަކުން ޕޭކުރަން ހުރި ދަތިތައް. މިކަހަލަ ވަރަށް ބައިވަރު ދަތިތައް ހުރި،" ޝަރީފް ވިދާޅުވި އެވެ.
ޓާމިނަލްގެ މަޝްރޫއުގައި މަސައްކަތްކުރި ބައެއް އެހެން ބޭފުޅުންގެ ފަރާތުން ވެސް އަޅުގަނޑު މައުލޫމާތު ހޯދީމެވެ. އެ ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ އަރަބި ގައުމުތަކާ ގުޅުން އޮތް ހަތަރު އިދާރާއަކުން މާލީ އެހީތެރިކަން ދޭން ނިންމި މަޝްރޫއުއަށް ފައިސާ ހަމަޖެހެން ގިނަ ދުވަސްތަކެއް ނެގި ކަމަށެވެ. ލޯންތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރިޔަސް އޭގެ މާނައަކީ ފައިސާ ލިބުމެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މިހާތަނަށް އާ ޓާމިނަލްއަށް ނެގި ލޯނުތަކުގެ ޖުމްލަ އަދަދަކީ، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަ ގޮތުގައި 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) އެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް
ކުވޭތު ފަންޑް ފޯ އަރަބް އެކޮނޮމިކް ޑިވެލޮޕްމަންޓް
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް
ދަ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް
217 މިލިއަން ޑޮލަރު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް
100 މިލިއަން ޑޮލަރު (2016)
100 މިލިއަން ޑޮލަރު (2024)
17 މިލިއަން ޑޮލަރު (2025)
100 މިލިއަން ޑޮލަރު، ކުވޭތު ފަންޑް ފޯ އަރަބް އެކޮނޮމިކް ޑިވެލޮޕްމަންޓް
50 މިލިއަން ޑޮލަރު (2016)
50 މިލިއަން ޑޮލަރު (2021)
90 މިލިއަން ޑޮލަރު، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް
50 މިލިއަން ޑޮލަރު (2017)
40 މިލިއަން ޑޮލަރު (2024)
50 މިލިއަން ޑޮލަރު، ދަ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (2016)
މަޝްރޫއުގައި އުޅުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އަރަބި ގައުމުތަކުގެ މާލީ އިދާރާތަކުން ފައިސާ ހަމަޖެހެން ވެސް ގިނަ ދުވަސްތަކެއް ނަގަ އެވެ. އަނެއްކާ އެކި ގައުމުތަކުގެ ފަންޑުތަކުގެ މެދުގައި ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އޮތުމުގެ ހުރަސް ވެސް މި މަޝްރޫއުއަށް ދިމާވި ކަމަށް، މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި 250 މިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކުރި އެވެ. އޭރު ބެލީ ހަރަދު އުޅޭނީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރުގައި ކަމަށެވެ. ފުރަތަމަ ސޮއިކުރި އެއްބަސްވުންތަކުގެ އިތުރުން ދެން ބޭނުންވާ ފައިސާގެ ކަންކަން، މަޝްރޫއު ކުރިއަށް ދާއިރު ހަމަޖެހޭނެކަމުގެ ޔަގީންކަން، އެ ފަންޑުތަކުން ދިން ކަމަށް، ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"ބައެއް ފަންޑުތަކުގެ ވެރިން ބުނަނީ އެއްފަހަރާ ފައިސާ ނުދޭނަމޭ. އެއީ އެހެން ކަންކަމަށް ބޭނުންކޮށްފާނެތީއޭ. އެހެންވީމާ މަޝްރޫއު ކުރިއަށް ދާ ވަރަކުން އިތުރު އެހީ ދޭނަމޭ،" އޭރުގެ މައުލޫމާތު ހުރި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވި އެވެ.
އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ޔާމީންގެ ވެރިކަން 2018ގައި ނިމުނު އިރު ވެސް ފުރަތަމަ ދޭން އެއްބަސްވި ފައިސާ ބަރާބަރަށް ލިބޭ ގޮތެއް ނުވި އެވެ. އޭރު މާލީ އިދާރާތަކާ އެކު އެއްބަސްވުންތައް ހެދިތާ ވެސް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން 17 ނޮވެމްބަރު 2018ގައި ފެށި އިރު ކުރިއަށް ދިޔައީ، ފައުންޑޭޝަންގެ ގޮތުގައި ޖަހާ 1400އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތެވެ.
މަޝްރޫއުއަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސައުދީ އަރަބިއްޔާއިން ކަމަށް ވާތީ މައި ކޮންޓްރެކްޓަރަކީ ސައުދީގެ ބޮޑު ކުންފުންޏެއް ކަމަށްވާ ބިންލާދިން ގްރޫޕެވެ. އެކަމަކު އެ ކުންފުނިން ޓާމިނަލްގެ މަސައްކަތް ސަބް ކޮންޓްރެކްޓަށް ދޫކޮށްލީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއަށެވެ. މިއީ ސިނަމާލެ ބްރިޖް ވެސް ބިނާކުރި ކުންފުންޏެވެ.
އެމްޑީޕީ ސަރުކާރުން ވެސް އެންމެ އިސްކަމެއް ދިނީ އާ ޓާމިނަލްގެ މަސައްކަތް އަވަހަށް ފަށާށެވެ. އެހެންވެ 2019ގެ ކުރީކޮޅު ސައުދީ ފަންޑްގެ ބޭފުޅުން ރާއްޖެ ވަޑައިގެން ސަރުކާރާ އެކު މަޝްވަރާތައް ބޭއްވި އެވެ. އެ އަހަރުގެ މާޗު މަހު 'މިހާރު'އަށް ސޯލިހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ބިންލާދިން ގްރޫޕަށް ފައިސާ ދިނުން ސައުދީ ސަރުކާރުން ދުވަސްކޮޅަކަށް ހުއްޓާލި ވެސް ކަމަށެވެ.
"ނަމަވެސް ސައޫދީ ސަރުކާރާއި ބިންލާދިން ގުރޫޕާ ދެމެދު އެއްބަސްވުމަކަށް މިހާރު އާދެވިފައި ވާތީ ވެލާނާ އެއާޕޯޓުގެ މަސައްކަތްތައް ޓްރެކަށް އެޅިފައިވާ ކަމަށް" އޭރު އެމަނިކުފާނު ވިދާޅުވި އެވެ.
ޓާމިނަލްގެ ފުރަތަމަ ކުރެހުންތަކަށް އެމްޑީޕީގެ ވެރިކަމުގައި ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރޭގައި ބޭރުން މިހާރު އެ ފެންނަ ޖާލިތައް ހިމެނޭ ފަސާޑް ނުވަތަ އަސްކަނި ހިމެނެ އެވެ.
މިދިއަ ހުކުރުދުވަހު ޝަރީފް ވިދާޅުވީ މާލީ އިދާރާތަކުން ކޮންޓްރެކްޓަރަށް ފައިސާ ލިބެން ދަތިތައް ހުރި ކަމަށެވެ.
ޓާމިނަލް ހުޅުވާ ހިސާބަށް މިދިޔައީ ތަފާތު ތިން ސަރުކާރެއްގަ އެވެ. އެއިން ކޮންމެ ސަރުކާރަކުން ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ އެ ތަން ނިންމާށެވެ. މިހާރުގެ ޓާމިނަލްއަކީ ރާއްޖޭގެ ޓޫރިޒަމަށް އެކަށީގެންވާ ވަރަށް ވުރެ މާ ކުޑަ، ހިދުމަތްތަކަށް ވެސް ބުރޫއަރާ ތަނެކެވެ. އެހެންކަމުން އިތުރު އެއާލައިންތަކާ އެކު ޓޫރިސްޓުންގެ އަދަދު ގިނަކުރަން ވެސް އާ ޓާމިނަލް މުހިންމެވެ.
"ފައިސާގެ ކަންކަން ފަސޭހައިން ދިޔަ ނަމަ މިއަށް ވުރެ އަވަހަށް ނިންމުނީސް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
އާ ޓާމިނަލް ހަދަން ނުވަ އަހަރު، ބޮޑު ހުރަހަކީ ފައިސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ