ކުރެދިފުށީގެ ބަދަލުގެ ގޮތުގައި 544 މިލިއަން ހޯދަން ޒަކީ ކުރި ދައުވާ ނާކާމިޔާބު ވެއްޖެ

ތ. އޮމަދު އާއި ކިނބިދޫގައި ފެނާއި ނަރުދަމާގެ ނިޒާމު އަޅައިދޭ ގޮތަށް އެ އަތޮޅު ކުރެދިފުށީގައި ރިސޯޓެއް ތަރައްގީ ކުރަން ދޭން ސަރުކާރުން އެއްބަސްވުމަށް ފަހު، ރަށް ހަވާލުނުކުރި މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅީ އެމްޕީއެލްގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ/ސަންދާނު ޒަކީ) ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. އޭނާ ކޯޓުގައި އެދިވަޑައިގެންނެވީ:
ދައުލަތުން އެއްބަސްވުމާ ހިލާފުވެފައިވާ ކަނޑައަޅަން
ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 35 މިލިއަން ޑޮލަރު (544 މިލިއަން ރުފިޔާ) ނަގައިދޭން
ބުނީ ކީކޭ؟ - ކޯޓުގައި ޒަކީ ފާހަގަކުރެއްވި ގޮތުގައި، ކުރެދިފުށީގައި 100 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ހުށަހެޅީ، ސީއެސްއާރުގެ ދަށުން ދެ ރަށެއްގެ ނަރުދަމާ ގާއިމުކޮށްދޭ ގޮތަށެވެ. މިކަމަށް ސަރުކާރުން އެއްބަސްވެ ސިޓީ ފޮނުވުމަށް ފަހު ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ރަށް ހަވާލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ރައްދުގައި ދައުލަތުން ބުނީ، ރަށް ދޭން އެއްބަސްވި ނަމަވެސް މިހާތަނަށް އެކަން ނުކުރެވި ވަނީ ފަހުން އެއްބަސްވި ގޮތަށް ޖޮއިންޓް ވެންޗާ (ޖޭވީ) ކުންފުނި އުފައްދަން ރަށުގެ ލީޒް އެކުއިޒިޝަން ފައިސާގެ %20 މިއަދާ ހަމައަށް ވެސް ދައްކާފައި ނުވާތީ ކަމަށެވެ.
ތަފްސީލް - ކުރެދިފުށީގައި ރިސޯޓެއް ތަރައްގީކުރަން ފުރަތަމަ އެއްބަސްވީ ސީއެސްއާރު އެއްބަސްވުމެއްގެ ދަށުން ނަމަވެސް، މި އެއްބަސްވުން ހެދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ސީއެސްއާރު ބައި އެކުއިޒިޝަން ފީއަށް ބަދަލުކޮށްފަ އެވެ.
އެކުއިޒިޝަން ފީއަށް ބަދަލު ކުރުމަށް ފަހު ސަރުކާރުން މަސައްކަތް ކުރީ ބިޑަކާ ނުލާ ރަށްތައް ކުއްޔަށް ދޭން ގެންގުޅުނު އުސޫލުގެ ތެރެއިން ސަރުކާރުގެ %5 ހިއްސާވާ ޖޭވީއެއް ހަދައިގެން، ރަށް ކުއްޔަށް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާށެވެ.
ކުރެދިފުށި މައްސަލައިގެ ޓައިމްލައިން:
ޒަކީގެ ސީއެސްއާރު ޕްރޮޕޯސަލް ހުށަހެޅުއްވީ - 20 ޖުލައި 2011ގައި
ޕްރޮޕޯސަލް ބަލައިގަތްކަން ސަރުކާރުން ގެޒެޓު ކުރީ - 1 ޑިސެމްބަރު 2011ގައި
ނަރުދަމާ އަޅައިދޭ ގޮތަށް ރިސޯޓު ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީއާ އެކީ ޒަކީ އެއްބަސްވުމުގައި ސޮއިކުރެއްވީ - 23 ޖެނުއަރީ 2012ގައި
ސީއެސްއާރު ބައި އެކުއިޒިޝަން ފީއަށް ބަދަލުކޮށްފައިވާކަން ޓޫރިޒަމުން ސިޓީ ފޮނުވީ - 17 އޭޕްރިލް 2014ގައި
ޖޭވީ އެއްބަސްވުމުގެ ޑްރާފްޓު ފިނޭންސުން ފޮނުވީ - 11 އޮގަސްޓު 2015ގައި
ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު ކުޑަކުރި ގަވާއިދު ގެޒެޓުކުރީ - 15 އޮގަސްޓު 2015ގައި
އެކުއިޒިޝަން ކޮސްޓަށް އައި ބަދަލާ އެކު އެއްބަސްވުން މުރާޖާކޮށްދޭން ޒަކީ ސިޓީ ފޮނުއްވީ - 20 ޑިސެމްބަރު 2016ގައި
އެއްބަސްވުން ސޮއިކުރުމުގެ ކުރިން %20 ދައްކަން ޓޫރިޒަމުން އެންގީ - 23 މާޗު 2019ގައި
މި މައްސަލައިގައި ތިން ސަރުކާރަކާ މުއާމަލާތް ކޮށްފައި ވާއިރު، މި ސަރުކާރުން ބުނީ އެކުއިޒިޝަން ކޮސްޓުގެ %20 ނުދައްކަނީސް ރަށް ކުއްޔަށް ދޭން ސަރުކާރަށް ލާޒިމުކުރާ ގާނޫނީ ހަމައެއް ނެތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާދިފައިވާ ކަމަށެވެ. 
ފަނޑިޔާރުގެ ބަސް - ކުރެދިފުށި މައްސަލަ ޒަކީއާ ދެކޮޅަށް ނިންމަވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ފައްޔާޒު ޝާތިރު ބުދަ ދުވަހު ކުރެއްވި ހުކުމުގައި ވިދާޅުވީ، އެންމެ ފުރަތަމަ ހެދި އެއްބަސްވުމުގައި ވެސް ވަނީ ސީއެސްއާރުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ފެށުމުން ޖޭވީ ކުންފުނި ހަދައިގެން ރަށް ކުއްޔަށް ދޭ ގޮތަށް ކަމަށެވެ.
ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމާ އެކީ އުފެދިގެން އައިސްފައި ވަނީ ޒަކީގެ ޒިންމާތަކެއްކަން އެނގެން އޮތް އިރު، އެކަން ފުރިހަމަކޮށްފައިވާކަން އެނގޭކަށް ނެތެވެ. އެގޮތުން:
ފިނޭންސާއެކީ ވީ އެއްބަސްވުން ބާތިލެއް ނުވޭ
އެކުއިޒިޝަން ކޮސްޓަށް ބަދަލުކުރަން ޓޫރިޒަމް މިނިސްޓްްރީގައި ޒަކީ އެދިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް
ޓޫރިޒަމް މިނިސްޓްރީއަށް ފިނޭންސުގެ އެއްބަސްވުމެއް ބަދަލެއް ނުކުރެވޭނެ
ދައުވާ ރައްދުވާން ޖެހޭނީ ފިނޭންސް މިނިސްޓްރީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ