ކެނެޑާ ކެފޭއަށް ދިން ހަމަލާއިން ވީ ފައިދާ: ކަޕިލް
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާގެ ކެނެޑާ ކެފޭ "ކެޕްސް ކެފޭ"އަށް ދިން ބަޑީގެ ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކަށް އެ ކެފޭ އެނގި ބޮޑު މަޝްހޫރުކަމެއް އެ ތަނަށް ލިބުނު ކަމަށް ކަޕިލް ބުނެފިއެވެ. މި އަހަރުގެ ޖުލައި މަހުގެތެރޭ ކަޕިލްއާއި އަންހެނުން ޖިނީ ގުޅިގެން ކެނެޑާގެ އިންގްލިޝް ކޮލަމްބިއާ ސަރަހައްދުގައި ހުޅުވި މި ކެފޭއަށް ބަޑީގެ ހަމަލާތަކެއް އެންމެ ފުރަތަމަ ދިނީ އެތަން ހުޅުވިތާ ތިން ދުވަސްވީ ފަހުންނެވެ. އޭގެ ފަހުން މި އަހަރުގެ އޮގަސްޓް މަހު އަދި އޮކްޓޯބަރު މަހު ވެސް އެ ކެފޭއަށް ބަޔަކު މީހުން ވަނީ ބަޑީގެ ހަމަލާތަކެއް ދީ އެކްޓަރަށް މަރުގެ އިންޒާރު ވެސް ދީފައެވެ. ނަމަވެސް، އެފަދަ ހަމަލާތަކުގެ ސަބަބުން ކަޕިލްގެ ކެފޭއަށް ބޮޑު މަޝްހޫރުކަމެއް ލިބި ވިޔަފާރި އިތުރަށް ރަނގަޅުވި ކަމަށް ކުޅަދާނަ ކޮމީޑިއަން ވަނީ ބުނެފައެވެ. ކަޕިލްގެ އާ ފިލްމު "ކިސް ކިސްކީ ޕިޔާރު ކަރޫ 2"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ވާހަކަ ދައްކަމުން އެކްޓަރު ބުނީ އެގޮތަށް ލިބޭ އިންޒާރުތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އެކަމާ ބިރުނުގަންނަ ކަމަށެވެ. ކަޕިލް އަންހެނުން ގިނީއާ އެކު އަދި ކަޕިލްގެ ކެފޭގެ ފޮޓޯއެއް--ފޮޓޯ/ބޮލީވުޑްހަންގާމާ ކަޕިލްގެ ކެފޭއަށް ދިން ހަމަލާއާ ގުޅިގެން އެ މައްސަލަ ކެނެޑާގެ ފެޑެރަލް ސަރުކާރުން ކެނެޑާގެ މަޖިލީހަށް ފޮނުވާ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އޭގެ ސަބަބުން ކަޕިލްގެ ކެފޭ ނުދަންނަ ގިނަ ބަޔަކަށް އެތަނާ ބެހޭ މައުލޫމާތު އެނގި ވިޔަފާރި އިތުރަށް ރަނގަޅުވި ކަމަށް ކަޕިލް ވަނީ ބުނެފައެވެ. ކެފޭއަށް އަމާޒުކުރި ބަޑީގެ ހަމަލާތަކާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އޭނާއަށް ގުޅި ކަމަށާއި ހެޔޮއެދޭ ގިނަ ބަޔަކު ދިރިއުޅުމުގައި ތިއްބާ ކުރިމަތިވާ އެފަދަ ކަންކަމާ ވިސްނުމުގެ ބޭނުމެއް ނެތް ކަމަށް ކަޕިލް ވަނީ ބުނެފައެވެ. ކަޕިލްގެ ކެފޭއަށް ދިން ހަމަލާގެ ޒިންމާ ރަސްމީކޮށް އެއްވެސް ބަޔަކު މިހާތަނަށް ނަގާފައިނުވާއިރު އެއީ އިންޑިއާގެ މަޝްހޫރު ބިޝްނޯއީ ގޭންގުން ދިން ހަމަލާއެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. މިހާތަނަށް އެ ކެފޭއަށް ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ