ޝަހީބު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރު ކޮށްފި

ހޯދަން އިއުލާނުކުރި ގއ. ވިލިނގިލި / ލައިޓްހައުސް، ޝަހީބް އިބްރާހީމް (47އ) މިރޭ ފުލުހަށް ހާޒިރުވެފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
ޝަހީބު ހޯދަން އިއުލާނުކުރީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ އެވެ. މީގެ ތިން ދުވަސް ކުރީން ވެސް އޭނާ ހޯދަން އިއުލާނު ކުރި އެވެ. ފުލުހުން މިއަދު ބުނީ އޭނާ އަދިވެސް ނުފެންނަ ކަމަށެވެ. އެހެން ކަމުން ދެވަނަ އިއުލާނެއް ވަނީ ނެރެފަ އެވެ.
ނަމަވެސް ފުލުހުން މިރޭ ބުނީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޝަހީބަކީ, 2020 ވަނަ އަހަރު ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ އެކަކެވެ.
އެ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު، ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 130 ކިލޯގެ މަސްތުވާތަކެތި ހޯދީ، ހުޅުމާލެ ފަޅު ތެރޭގައި އަޅާފައި އޮތް ކަންނެލި ދޯންޏަކުންނެވެ. އެ މައްސަލައިގައި ޝަހީބު ހިމެނޭ ގޮތަށް، ހަތް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން މައްސަލައިގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރީ ޝަހީބާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ.
އޭގެ ތެރެއިން ޝަހީބް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނިލް ކޯޓުން އަމުރުކުރިއެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ އަމުރު ވަނީ ދަމަހައްޓައިފައެވެ. ނަމަވެސް އޭޕްރިލް 6، 2022ގައި ކްރިމިނަލް ކޯޓުން ޝަހީބާއި އަހުމަދު މޫސާ ވަނީ ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ