ބީއެމްއެލްގައި އިންޓާނުންނަށް އެލަވަންސް ބޮޑުކޮށް، 25 ފުރުސަތު ހުޅުވާލައިފި
ގައުމީ ބޭންކު ބީއެމްއެލްގައި އިންޓާނުންނަށް ވުމުގެ 25 ފުރުސަތު، މަތީ ތައުލީމު ހާސިލްކޮށްފައިވާ، އަދި ހާސިލްކުރަމުން އަންނަ ކުދިންނަށް ހުޅުވާލައިފިއެވެ. ބީއެމްއެލުން ބުނީ، އެ ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ދާއިރާތަކުގެ ދަސްވެނިންނަށް ފުރުސަތުތައް ފަހިކޮށްދީފައިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. މި އަހަރު އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި ދަސްވެނިންނަށް ޚާއްސަކޮށްފައިވާ "ޓެކް ސްޓާޓް" އިންޓާންޝިޕަށް ވެސް ހުޅުވާލައިފައިވާ ކަމަށް، ބޭންކުން މައުލޫމާތުދެއެވެ. އެގޮތުން ދަސްވެނިފައިވާ، އަދި މިވަގުތު ވެސް މަތީ ތައުލީމަށް ކިޔަވަމުން އަންނަ ކުދިންނަށް ބީއެމްއެލްގެ އެކި ޑިވިޝަންތަކުގައި މަސައްކަތްކުރުމުގެ 15 ފުރުސަތަކާއި، ދަސްވެނިފައިވާ ކުދިންނަށް ޚާއްސަކޮށް ބޭންކުގެ އައިޓީ ޑިވިޝަންގައި މަސައްކަތްކުރުމުގެ 10 ފުރުސަތެއް އެބައޮތް ކަމަށް ބީއެމްއެލުން ބުންޏެވެ. ބީއެމްއެލުން ބުނީ، މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާއާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި އަހަރުގެ ދަސްވެނިންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ވަނީ 9،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އައިޓީ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ، ''ޓެކް ސްޓާޓް'' އިންޓާނުންނަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް، ބޭންކުން ބުންޏެވެ. ބޭންކުން މައުލޫމާތުދޭ ގޮތުގައި 2018ވަނަ އަހަރުން ފެށިގެން މިހާތަނަށް 77 އިންޓާނުންނަށް ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިންއިރު، އޭގެ ތެރެއިން ބައެއް އިންޓާނުންނަށް ދާއިމީ ވަޒީފާގެ ފުރުސަތުވެސް ދީފައިވާނެއެވެ. ބޭންކުން ބުނީ، އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށެވެ. އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭންކުން ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ