ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމުގައި އާ ހެކިތައް ބަލައިނުގަތުމަށް އެންގި މައްސަލާގެ ޝަރީއަތް މި މަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި އިއްވި އެވެ.
އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ ދެ ހުކުމް ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށް، އެ ދެ މައްސަލަ ވެސް އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. ނަމަވެސް ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް އެންގި އެވެ.
އާ ހެކިތަކުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރުމުން, އެ މައްސަލާގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގައިފަ އެވެ.
ޔޫސުފް ނައީމްގެ މައްސަލަ ވެސް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ވެސް އެ ކޯޓުގައި ތާވަލުކޮށްފައި އޮތީ ޔާމީނުގެ މައްސަލައާ އެއްކޮށެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ޔާމީންގެ މައްސަލާގެ ޝަރީއަތް މިމަހު ސުޕްރީމް ކޯޓުން ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ