މަސްވެރިންގެ އާއިލާތައް ދަނީ ބަނގުރޫޓުވަމުން، ބަނޑުފުރާނަމުއްތި ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ބީކޭއެމްޔޫ މަސްވެރިންގެ އާއިލާތައް ދަނީ ބަނގުރޫޓުވަމުން، ބަނޑުފުރާނަމުއްތި ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ބީކޭއެމްޔޫ

ބޮޑުކަންނެލީގެ މަސްވެެރިންގެ އާއިލާތައް ދަނީ ބަނގުރޫޓުވަމުން ކަމަށާއި އެމީހުންނަށް ބަނޑުފުރާނަމުއްތި ކުރެވޭނެ ގޮތެއް ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ.
ބީކޭއެމްޔޫއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު ކަންނެލި މަސްވެރިން ކުރާ މަސައްކަތާ އެކަށީގެންވާ އަގެއް ނުލިބުމުގެ މައްސަލަ ކަމަށެވެ. އަދި ބޮޑުކަންނެލި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި އާންމު މަސްވެރިންގެ ލާބައަށްވުރެ ބޮޑަށް ސިޔާސީ ސަރުކާރުތަކާއި ސިޔާސީވެރިން ވަގުތީ އަމިއްލަ މަސްލަހަތު އިސްކުރަމުން ދިޔުން ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.
"މިހާރު ކަންނެލި މަސްވެރިންނާއި އެހެނިހެން މަސްވެރިންނަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން މި މަސްވެރިކަން އޮޔާ ދާން ވަނީ ދޫކޮށްލެވިފަ އެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީ އާއި ހަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓުކޮށްގެން ތިބި އޮޑިވެރިންނާއި ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތަށް އަދި ކުންފުނިތައް ވެސް ދަނީ ބަނގުރޫޓުވަމުންނެވެ،" ބީކޭއެމްޔޫގެ ބަޔާނުގައި ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު 80ރ. އާއި 100ރ. އާ ދެމެދުގެ އަގަކަށް ހަމަޖެއްސުމަށާއި މިފްކޯއިން ކަންނެލި ގަންނަން ފެށުމަށާއި މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ވީހާވެސް އަވަހަށް ބޭސް ރޭޓުގައި ތެލާއި އައިސް މަސްވެރިންނަށް ދިނުމަށް ބީކޭއެމްޔޫގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ބީކޭއެމްޔޫގެ ބަޔާނުގައި ބުނީ ކަންނެލި މަސްވެރިންނަށް އައިސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެކަމާ އެ ޖަމިއްޔާއިން ވަރަށް ކަންބޮޑުވާ ކަމަށެވެ. ސަރުކާރުގެ މެނިފެސްޓޯގައި ކޮންމެ އަތޮޅެއްގައި އެ އަތޮޅަކަށް ބޭނުންވާނެ އައިސް ލިބޭނެ ޕްލާންޓުތައް ގާއިމު ކުރުމަށް ވެފައިވާ ވައުދު ވެސް ވީހާވެސް އަވަހަކަށް ފުއްދުމަކަށް އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
އޭގެއިތުރުން ކަނޑުމަހުގެ މަސްވެރިންކަން ކުރާ މަސްވެރިންނެކޭ އެއްގޮތަށް ބޮޑު ކަންނެލީގެ މަސްވެރިންނަށް ވެސް ސަރުކާރުން ސަބްސިޑީ ދިނުމަށް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.
"ކަނޑުމަހުގެ މަސްވެރިންނަށް މިފްކޯއަށް ކިރުވާ މަހަށް ދައުލަތުން އެއްބާރުލުން ދީގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދެމުންދާ ހިނދު ކަންނެލި ކިރަން މަޖުބޫރުވެފައިވާ ޕްރައިވެޓް ބައެއް ފެކްޓްރީތަކުން ކަންނެލި މަސްވެރިންނަށް އެތައް ދުވަހެއްވާއިރު ވެސް ކިރުވާ ކަންނެއްޔަށް ފައިސާ ނުދޭކަމީ ބޮޑު ކަންބޮޑުވުމެކެވެ. އަދި އެތައް ދުވަހެއްކޮށް ފައިސާ ދޭއިރު ކިރުވާ ކަންނެއްޔަށް އެއްކޮށް ފައިސާ ނުލިބޭތީ ކަންނެއްޔަށް ފުރަން އެތައް ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ،" ބީކޭއެމްޔޫގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާން ނިންމައިލަމުން ބުނެފައި ވަނީ މަސްވެރި އާއިލާތަކުގެ ބަނޑުފުރާނަމުއްތި ކުރަން ކުރާ މަސައްކަތުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެ ޖަމިއްޔާއިން ދެމި ތިބޭނެ ކަމަށެވެ.
އެހެންކަމުން ވީހާވެސް އަވަހަށް މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކާއި ސަރުކާރު ޝާމިލްވާ ގޮތަށް މަޝްވަރާކޮށް އެދެވޭ ހައްލުތައް ގެނެސްދިނުމަށް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ