ސަރުކާރު ޖަވާބުދާރީ ކުރުވަން އާޒިމް ނުކުރައްވާ ކަމެއް ނެތް، ޕާޓީގެ ހުރިހާ ހަރަކާތެއްގައި އިސްކޮށް އާޒިމް އުޅުއްވި: ނިޔާޒް

ސަރުކާރު ޖަވާބުދާރީ ކުރުވަން މާލޭގެ މޭޔަރު އާދަމް އާޒިމް ނުކުރައްވާ ކަމެއް ނެތް ކަމަށާއި ޕާޓީގެ ހުރިހާ ހަރަކާތްތަކުގައި އިސްކޮށް އާޒިމް އުޅުއްވި ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެއެވެ. މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމް އަންނަނީ، އިތުރު ދައުރަކަށް އެމްޑީޕީގެ ޓިކެޓު ހޯދަން ކެމްޕޭން ކުރައްވަމުންނެވެ. އެ ކެމްޕެއިންގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ނިޔާޒް ވިދާޅުވީ، އާޒިމަށް ތާއިދުކުރައްވަނީ، އެމްޑީޕީ ދަތި ހާލުގައި އޮތް އިރު އެ ޕާޓީއާ އެކީ ހުރުމުން ކަމަށެވެ. އާދަމް އާޒިމްގެ ކެމްޕެއިން ހަރަކާތުގައި ނިޔާޒްއާއި އާޒިމް --- ސަން ފޮޓޯ/ މުޙައްމަދު ޝާން އޭނާ ވިދާޅުވީ، މިހާރު މަސައްކަތް މި ކުރަނީ މާލޭގެ މޭޔަރެއް އިންތިޚާބު ކުރަން ކަމަށާއި ކައުންސިލަކީ، ސަރުކާރުގެ ފަށަލައެއް ކަމަށެވެ. މިއަދު އާޒިމް ސަރުކާރު ޖަވާބުދާރީ ނުކުރާ ކަމަށް ބުނެ، ފާޑުކިޔާ މީހުންނަށް ވެސް ނިޔާޒް ވަނީ ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ، މީހުން ފާޑުކިޔަނީ ކައުންސިލް ނިޒާމު ނޭނގޭތީ ކަމަށެވެ. އެގޮތުން، މުޅި ކައުންސިލް ހިނގާ ގޮތް އެމްޑީޕީން އެހެން ގޮތަކަށް ދައްކައިގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާލޭގެ މޭޔަރަކަށް އިންތިޚާބުވާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ހާލަތްތައް ވެސް އަންނާނެކަން ނިޔާޒް ފާހަގަކުރެއްވިއެވެ. އަދި، ސަރުކާރާ އެއްބަސްވެގެން ކަންކަން ކުރަން ޖެހޭ ހާލަތްތައް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެއިތުރަށް، ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ހާލަތްތަކުގައި އެމްޑީޕީގެ ޕޯޑިއަމްގައި އާޒިމް އެ ކަން ކުރައްވާފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެ މަސައްކަތް ކުރަނީ ޕާޓީގެ ހަރުގެ ތެރޭގައި ކަމަށާއި ސިޓީ ކައުންސިލް ރިޔާސަތުގައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައި ބާއްވާފައި ހުރި ހުރިހާ ހަރަކާތެއް ލީޑްކުރައްވާފައި ހުރި އެއް ބޭފުޅަކީ އާދަމް އާޒިމް. އޮކްޓޫބަރު ތިން ވަނަ ދުވަހު އަޅުގަނޑުމެން ކާމިޔާބު ކަމާއެކު ކުރި މުޒާހަރާގައި އެންމެ ކުރީގައި ހުރި އެކަކު. ފުލުހުންނާ ވާހަކަދައްކަވާ މަންޒަރު އެބަހުރި. ސަރުކާރު ޖަވާބުދާރީ ކުރުވަން އާދަމް އާޒިމް އެމްޑީޕީ މެންބަރެއްގެ ހައިސިއްޔަތު ނުކުރައްވާ ކަމަކީ ކޮބައިތޯހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ނިޔާޒް ވިދާޅުވީ، ރައްޔިތުންގެ އިންތިޚާބުކޮށްފައި ހުރި ރައީސް، މޭޔަރުގެ މައްޗަށް "ގަދަވިޔަ ދީގެންނުވާނެ" ކަމަށާއި އާޒިމްގެ މައްޗަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގަދަކުރައްވާ ތަނެއް ނުފެންނަ ކަމަށެވެ. އާޒިމްގެ މަސައްކަތްތަކަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ. މިގޮތުން، ގާނޫނުގައި ބުނާ ގޮތަށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާ ކަމާއި، މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ވެސް ލައިވްކުރަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ