ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ މޭޔަރެއް: ފައްޔާޒު

އެމްޑީޕީއަށް މިވަގުތު ބޭނުންވަނީ "ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް" ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލޭގެ މޭޔަރުކަމުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި އަލީ އާޒިމް ގެންދަވަނީ ވާދަކުރައްވަމުންނެވެ.
އޭގެ ތެރެއިން ފައްޔާޒު ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވަނީ އަލީ އާޒިމަށެވެ.
ތަފްސީލް - މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، "ރާއްޖޭގައި އޮތް ހުދުމުހުތާރު ސަރުކާރު ބަލިކުރުމަށް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަ ކެންޑިޑޭޓަކު އަދާކުރަން ޖެހެނީ ބޮޑު ޒިންމާއެއް" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރާ "ދެކޮޅުނުޖެހޭ" ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ފާޅުގައި ބަސް ބުނާނެ މޭޔަރެއް ހުރުން ވަރަށް މުހިއްމެވެ.
"މޭޔަރެއްގެ ޒިންމާތައް އަދާކުރުމުގެ އިތުރުން މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް،" އެމްޑީޕީގެ ޗެއާޕާސަންކަމުން އިހަކަށް ދުވަހު އިސްތިއުފާދެއްވި ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރަައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެކަމުގައި ފަހަތަށް ނުޖެހޭނީ އަލީ އާޒިމެވެ.
ފާހަގަކޮށްލެވޭ - ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ތާއީދުކުރައްވަނީ އަލީ އާޒިމަށްކަން ހާމަކުރައްވާފަ އެވެ.
އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާޅުގައި އަދި ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރައްވަ އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެމަނިކުފާނުގެ ތާއީދު އޮތީ އާދަމް އާޒިމްއަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކުރިގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނީ 4 އޭޕްރީލްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ