މެޑްރިޑް (އޮކްޓޫބަރު 20) - ކީލިއަން އެމްބާޕޭ ޖެހި ހަމައެކަނި ގޯލުން ނުވަ ކުޅުންތެރިންނާ އެކު މެޗު ނިންމާލި ގެޓަފޭ، 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗަށް ރެއާލުން ނުކުތްއިރު، އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. އެކަމަކު، ގެޓަފޭ އަތުން ރެއާލުން ހޯދި މޮޅާ އެކު އެ ޓީމު ވަނީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައި އެއް ވަނަ މަގާމަށް އަރައިފަ އެވެ. އަދި، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް މި ވަގުތު ލިބިފައިވަނީ ނުވަ މެޗުން 22 ޕޮއިންޓެވެ.
ސްޕެނިޝް ލީގުގެ މެޗެއް އެމެރިކާގައި ކުޅެން ލަލީގާ އިން ނިންމި ނިންމުމާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތް ރޭގެ މެޗު ފެށުމުގެ ކުރިން ވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެ ގޮތުން، ފުރަތަމަ 15 ސިކުންތު ދެ ޓީމުގެ ކުޅުންތެރިން ވެސް ނިންމީ ތިބި ތަނުގައި ތިބޭށެވެ.
ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ ފުރަތަމަ ހާފުގައި އެމްބާޕޭ އާއި ޑޭވިޑް އަލަބާ އަދި ފެޑެރީކޯ ވަލްވޭޑޭ ފޮނުވާލި ހަމަލާތައް ހުއްޓުވައިފަ އެވެ. މެޗުގައި ރެއާލަށް ލަނޑެއް ޖެހުނީ ގެޓަފޭގެ އަލަން ނިޔޯމަށް ރަތް ކާޑެއް ދެއްކުމުންނެވެ. ވިނީޝިއުސް ޖޫނިއާ ގައިގައި އުޅަބޮށިން ޖެހުމުން ނިޔޯމަށް ރަތެއް ދެއްކީ 77 ވަނަ މިނިޓްގަ އެވެ. އޭގެ ދެ މިިނިޓް ފަހުން، ރެއާލަށް އެމްބާޕޭ ލަނޑު ޖަހައިދިނީ އާޑާ ގުލާ ދިން ބޯޅައަކުންނެވެ.
މެޗުގައި ގެޓަފޭ އިން ދެ ވަނަ ރަތް ކާޑު ހޯދީ 84 ވަނަ މިނިޓްގަ އެވެ. ގެޓަފޭގެ ފޯވާޑް އަލެކްސް ސަންކްރިސް އަށް ރަތް ކާޑެއް ދެއްކީ ދެ ވަނަ ރީނދޫ ކާޑެއް ދެއްކުމަށް ފަހު އެވެ.
ލީގުގައި ރެއާލަށް ދެން އޮންނާނީ އަންނަ ހަފްތާގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗެެވެ.
އެމްބާޕޭގެ ގޯލުން ގެޓަފޭ ބަލިކޮށް ރެއާލް އެއް ވަަނަ އަށް އެމްބާޕޭގެ ގޯލުން ގެޓަފޭ ބަލިކޮށް ރެއާލް އެއް ވަަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ