މާލޭގައި ސްކޫލް ބަހުގެ ހިދުމަތް ދޭން އެމްޓީސީސީއަށް ދީފި

މާލޭގައި ސްކޫލް ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ. މިއަދު އިކްނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކުންފުނީގެ އާ ސީއީއޯ އިބްރާހިމް ޒިޔަތެވެ. އަދި މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން މާލެއާ، ކުޅުދުއްފުށި، ތިނަދޫ އަދި ލ. އަތޮޅުގައި ވެސް ބަހުގެ ހިދުމަތް ދޭން އެމްޓީސީސީ ހަވާލުވާނެ ކަމަށެވެ.
"އައްޑޫ ސިޓީއާ ފުވަމުލަކުގައި ބަހުގެ ހިދުމަތް އެމްޕީއެލް އިން ދަނީ ބަރާބަރަށް ކުރަމުން. ދެން އެމްޓީސީސީ ބަހުގެ ހިދުމަތްތަކަކީ މާލެއާ އެހެން ބޮޑެތި ރަށްތަކުގައި ސްކޫލް ބަހުގެ ހިދުމަތް ހިމެނޭ ގޮތަށް ހިދުމަތް ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެމްޓީސީސީއަށް ވަނީ ދެ ސަރަހައްދެއް ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި ފެރީގެ ހިދުމަތް ދިނުމަށް ވެސް ހަވާލުކޮށްފައެވެ. އެގޮތުން ދ. އަތޮޅާއި އައްޑޫ ފުވަމުލަކު ސަރަހައްދު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި ޒަމާނީ ފެންވަރެއްގައި ފެރީގެ ހިދުމަތްދޭން އެމްޓީސީސީ އިން ވަނީ އެއްބަސްވެފަ އެވެ.
އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވިދާޅުވީ ފެރީގެ ހިދުމަތްތައް ވީހާވެސް އަގުހެޔޮކޮށް ދިނުމަށްޓަކައި ބައެއް ސާވޭތައް ވެސް ހަދަން ފަށާފައިވާ ކަމަށާއި އެގޮތުން ފެރީ ދަތުރު ކުރާނެ ދުރު މިނާ ބަލައިފަ ވީހާވެސް ކުޑަ އަގެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ