މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް ސިޔާމް ހުށަހަޅުއްވައިފި

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ބަދަލުކޮށްދެއްވުމަށް ސިޔާމް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ސިޔާމްގެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އަށް ފޮނުއްވި ސިޓީގައި ސިޔާމް ވިދާޅުވެފައިވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އޭނާއާ މެދު ގާނޫނުގެ ބޭރުން އަމަލު ކުރައްވަފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށާއި އަދި އަތާއި މޫނުގެ އިޝާރާތުން އެގޮތަށް ދޭހަވާ ގޮތްތަކެއް ހުރި ކަމަށެވެ.
އަދި ގާޒީގެ ޝަކުވާ އެ ކޯޓުގެ އިސް ގާޒީއާ ހިސާބަށް ވެސް ގެންގޮސްފައިވާނެ ކަމަށާއި އަދި އެކަމާ ގުޅިގެން އެ ގާޒީ އޭނާ އާއި މެދު ނުރުހުންތެރިވެ، އަވަސް މުއްދަތެއްގެ ތެރޭގައި ހަރުކަށި އަދަބެއް އިއްވަފާނެ ކަމަށް މައުލޫމާތުލިބިފައިވާ ކަމަށް ސިޔާމް ވިދާޅުވެފައިވެ އެވެ.
އެފަދަ ޒާތީ ކަމެއް ގެންގުޅުއްވާ ބޭފުޅަކު މައްސަލަ ބައްލަވައިފި ނަމަ ނުހައްގުން އޭނާ އަށް އަދަބު ލިބިގެން ހިނގައިދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން އޭނާ އާއި މެދު އަދާވަތްތެރިކަމެއް ގެންގުޅުއްވާ ކަމަށް ގަބޫލުކުރެވޭ ގާޒީ ނޫން އެހެން ބޭފުޅަކު މި މައްސަލަ ބެއްލެވުމަށް ހަމަ ޖައްސަވައިދެއްވައި އެކަން ކްރިމިނަލް ކޯޓަށް އަންގަވައި ދެއްވުމަށް އުއްތަމަ ފަނޑިޔާރަށް ސިޔާމް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ސިޔާމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ދިވެހިރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ބަނގުރާއެތެރެކުރި ކަމުގެ ދައުވާ އެވެ.
ދައުވާ ސާބިތުވެއްޖެ ނަމަ އެއްއަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް، އަރުވާލުމަށްނުވަތަ ގޭގައި ބަންދުކުރުމަށް ނުވަތަ 1000ރ. އާއި 5000ރ. އާ ދެމެދުގެ އަދަދަކުން ސިޔާމް ޖޫރިމަނާ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ