ރައްޔިތުން ބޭނުންވާ ކާމިޔާބީ ހާސިލްކުރުމަށް ހިންގަންވަން ކެރިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދ.މީދޫ 17.5 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުން ގޮވައިގެން ރައްޔިތުން ދާން ބޭނުންވާ ދުރުމިނަކަށް ވަޑައިގަންނަވާނެ ރައީސެއް ކަމަށެވެ.
. "މި ރައީސަކީ ހަމަގައިމުވެސް އަޅުގަނޑާއި އެކީގައި މަސައްކަތްކުރާ ރައްޔިތުން ގޮވައިގެން ރައްޔިތުން ވަޑައިގަންނަވަން ބޭނުން ދުރުމިނަކަށް ރައްޔިތުން ހޯއްދަވަން ބޭނުންވާ ކާމިޔާބީ ހާސިލްކުރުމަށް ހިނގަން ކެރޭނެ ރައީސެއް،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ މީގެކުރިން ނުދެކޭ ފަދަ އިގްތިސާދީ ހެޔޮ ބަދަލުތަކަކަށް ރާއްޖެ ބަދަލުކުރުން ކަމަށާއި ރައްޔިތުން މަސައްކަތްކުރާ ކަމުގައިވަނީނަމަ އެކަންވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރާއްޖެއަށް ތަރައްގީ ހޯދައިދިނުން ކަމަށާއި މިހާރު ރައްޔިތުން ތިބި ހާލަތުގައި ތިބޭކަށް ނުޖެހޭނެ ކަމަށެވެ. އަދި އެ ހާލަތު ބދަލުކުރެވޭނީ ހާލަތު ބަދަލުކުރުމުގެ ހިޔާލު ހުރެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިހުރި ހުރިހާ ކަމެއް ފިލުވައިދިނުމަށްޓަކައި މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި ސަރުކާރުން ބޭނުންވަނީ ރަށް ރަށަށް ދިރުން ގެނެވޭނެ ކަންކަން ކޮށްދިނުން ކަމަށެވެ.
މީގެއިތުރުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަށް ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދެވެން އަންނަނީ ދައުލަތުގެ ހަޒާނާ މުއްސަނދިވެގެން ކަމަށާއި އަދި ރަށް ރަށުގެ ހަޒާނާ ވެސް މުއްސަނދިވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން މީދޫގައި ދެހަފްތާ ފަހުން ހިއްކިގެންދާ ބިމަކީ މީދޫ ރައްޔިތުންނަށް އެ ބިމުން އިގްތިސާދީ ފައިދާ ލިބޭ ބިމަކަށް ހަދައިދިނުމަށް އިލްތިމާސްކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ﷲ ގެ ރަހްމަތާއިއެކީގައި މިކުރެވޭ މަސައްކަތަކީ ރައްޔިތުންނަށް ފައިދާ ލިބޭ މަސައްކަތަކަށްވެގެންދާނެ، ކުޑަ ކުޑަ ރަށަކަށް ބަލާކަމުގައިވާނަމަ މީދޫ އާއި ދޭތެރޭ ސަރުކާރުގެ ތަސައްވަރު އޮތް ގޮތް ފެނިގެން މިދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ހުޅުލެ އާއި މާލެ އާއި ދޭތެރޭގައި ބްރިޖު އެޅުމާއި ޓްރާންސްޝިޕްމަންޓް ބަނދަރެއް ރާއްޖޭގައި އެޅުމަކީ ސަރުކާރުގެ ތަސައްވުރު ކަމަށާއި މިކަން ކަމަކީ ކުރިއަށް އޮތް އަހަރުތަކުގައި ކުރާނެ ކަންކަން ކަމަށެވެ.
އަދި ރާއްޖެއިން ތެޔޮ ނުނެގޭނެ ކަމަށް ބުނެ ސަމާސާކުރި ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް ސަރަހައްދެއްގައި ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތް މިހާރު ފެއްޓިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައްޔިތުން ބޭނުންވާ ކާމިޔާބީ ހާސިލްކުރުމަށް އަޅުގަނޑަށް ހިނގަން ކެރޭނެ - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ