ކަރަންޓު ބިލުތަކުން 15 އިންސައްތައާއި ހަމައަށް ކުޑަވެގެންދާނެ: ސްޓެލްކޯ

ތެލުގެ ޑިއުޓީ ކަނޑާލުމާއި ގުޅިގެން ކަރަންޓުގެ އަގަށް ގެންނަ ބަދަލުގެ ސަބަބުން 15 އިންސައްތައާއި ހަމައަށް ކަރަންޓުގެ އަގު ހެޔޮވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ތެލުން ނަގާ ޑިއުޓީ ފަހެއް އިންސައްތައަށް ކުޑަކޮށްފައެވެ.
އެ ބަދަލާއެކު ކަރަންޓުގެ އަގުތަކަށް އައި ބަދަލާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯއިން ބުނި ގޮތުގައި އާންމު ދިރިއުޅުމަށް ކަރަންޓް ބޭނުންކުރާ 73 އިންސައްތަ ކަސްޓަމަރުންނަކީ 600 ޔުނިޓަށްވުރެ މަދުން ކަރަންޓު ބޭނުންކުރާ ކަސްޓަމަރުންނެވެ.
"މިފަރާތްތަކުގެ ބިލުން 10 އެއް އިންސައްތަ އާއި 15 އިންސައްތައާއި ދެމެދުގެ އަދަދަކުން ކުޑަވެގެންދާނެ" ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ޑިއުޓީ ކުޑަކުރުމާއި ގުޅިގެން ސްޓެލްކޯ އިން ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހަދާ ބިލުތަކުން މަހަކު ޖުމުލަ 8.54 މިލިއަން ރުފިޔާ ކުޑަވެގެންދާނެއެވެ.
"އާންމު ދިރިއުޅުމަށް ބޭނުންކުރާ ކަރަންޓު ބިލުތަކުން މަހަކު ޖުމުލަ 4.54 މިލިއަން ރުފިޔާ އަދި ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ކަރަންޓަށް ހަދާ ބިލުތަކުން މަހަކު ޖުމުލަ 3.94 މިލިއަން ރުފިޔާ ކުޑަވެގެންދާނެ" ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި 27 އިންސައްތަ ކަސްޓަމަރުންނަކީ 600 ޔުނިޓަށްވުރެ މަތިން ކަރަންޓު ބޭނުންކުރާ ކަސްޓަމަރުންނެވެ. އެ ފަރާތްތަކުގެ ބިލުން 7-9 އިންސައްތަ ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ވިޔަފާރި އާއި އެހެނިހެން ބޭނުންތަކަށް ކަރަންޓު ބޭނުންކުރާ ކަސްޓަމަރުންގެ 71 އިންސައްތައަކީ 1000 ޔުނިޓަށްވުރެ މަދުން ކަރަންޓު ބޭނުންކުރާ ކަސްޓަމަރުން ކަމަށާއި އެފަރާތްތަކުގެ ބިލުން 6-7 އިންސައްތަ ކުޑަ ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ބާކީ 19 އިންސައްތަ ކަސްޓަމަރުންނަކީ 1000 ޔުނިޓަށްވުރެ މަތިން ކަރަންޓު ބޭނުންކުރާ ކަސްޓަމަރުން ކަމަށާއި އެ ފަރާތްތަކުގެ ބިލުން 6 އިންސައްތަ ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ 100 ޔުނިޓަށްވުރެ މަދުން، އާންމު ދިރިއުޅުމަށް ކަރަންޓު ބޭނުންކުރާ ކަސްޓަމަރުންގެ ބިލުން 15 އިންސަތަ ކުޑަވެގެންދާނެ ކަމަށާއި 700 ޔުނިޓާއި ހަމައަށް ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ކަރަންޓު ބޭނުންކުރާ ކަސްޓަމަރުންގެ ބިލުން 7 އިންސައްތަ ކުޑަވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން 800 އާއި 1000 ޔުނިޓާއި ހަމައަށް އާންމު ދިރިއުޅުމަށް ކަރަންޓް ބޭނުންކުރާ ކަސްޓަމަރުންގެ ބިލުން 8 އިންސައްތަ ކުޑަވާނެ ކަމަށާއި އެދެމެދު ވިޔަފާރި އާއި އެހެނިހެން ބޭނުންތަކަށް ކަރަންޓު ބޭނުންކުރާ ކަސްޓަމަރުންގެ ބިލުން 6 އިންސައްތަ ކުޑަވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އޮގަސްޓު މަހުގެ ބިލުން އެ ބަދަލު ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ