ޖީއެސްޓީ ނެގުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވި، އެކަމަކު މިއަދު ކުރާ ފޯނުކޯލުން ވެސް ޓެކްސް ނަގާ: ކުރީގެ މެމްބަރު ނާޒިމް

އެމްޑީޕީގެ ސަރުކާރުން ޓެކްސްގެ ނިޒާމް ތައާރަފް ކުރުމަށް މަސައްކަތް ކުރުމުން އޭރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން ދެކޮޅު ހެއްދެވި ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ޓެކްސް ނަގާ ބާވަތްތައް އިތުރުކޮށް، ޑިއުޓީ ނަގާ ބާވާތްތައް އިތުރުކޮށް ބޮޑުކޮށްފައިވާއިރު، ފޯން ކޯލްތަކުން ވެސް ޓެކްސް ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "މިރައީސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ފިޔަވާ ކުރީގެ 30 އަހަރުގެ ވެރިކަމާއި އަދި އެމްޑީޕީގެ ސަރުކާރު ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގެ ފުރިހަމަ ބާރު ރައީސް ޔާމީނަށް ލިބިގެންދިޔައިރު، މިއަދު ރައީސް ކަމަށް ވަޑައިގެންނަވާ ރާއްޖެއަށް ތަރައްގީ ނާންނަ ވާހަކަ ދައްކަވަން ރައީސް ޔާމީން ލަދުފުޅު ގަންނަން ޖެހޭ ކަމަށެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރީ އެމްޑީޕީގެ ސަރުކާރުން ގެނައި ޓެކްސް ނިޒާމުން ކަމަށާއި އެކަމާ ދެކޮޅު ހެދި ބަޔަކު މިއަދު ސަރުކާރު ދަމަހައްޓަމުން ދަނީ ވެސް ޓެކްސްގެ ނިޒާމުން ދައުލަތަށް ލިބޭ ފައިސާއިން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ދައުލަތުގެ ބަޖެޓް އެތައްތަނަކުން އަހަރުން އަހަރަށް ބޮޑުކުރަމުން ގޮސް މިއަދު ސަރުކާރަށް ލިބޭ އާމްދަނީއަށް ވުރެ މާބޮޑުތަން ސަރުކާރުގެ ޚަރަދުތައް ބޮޑުވެފައި، ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯންތަކެއް ނަގައި ރައްޔިތުން ބޮޑުތަނުން ދަރަނި ކުރުވައިފި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމީން 35 އަހަރު ވަންދެން ސަރުކާރުތަކުގެ އިސް ޒިންމާދާރު މަގާމުތައް ފުރުއްވާ، އަދި ރާއްޖެ ތަރައްގީ ކުރުމުގެ ފުރިހަމަ ބާރު ލިބި އެކަން ނުކޮށް މިއަދު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ތަރައްގީ ނުވާ ވާހަކަ ދެއްކުމަކީ އެމަނިކުފާނާ ދިމާއަށް ވެސް ރައްދުކުރެވޭ ބަސްތަކެއް ކަަމެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ މަލެ-ހުޅުމާލެ ބްރިޖާއި 25 ބްރީގެ އިމާރާތް ދެއްކުމަށް ފަހު ތަރައްގީގެ ވާހަކަ ރައީސް ޔާމީން ދައްކަވާއިރު، އެ ޕްރޮޖެކްޓްތަކަކީ ވައްކަން ކުރުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށެވެ.
"25 ބުރީގެ އިމާރާތް ކުރެއްސެވުމަށްޓަކައި 25 މިލިއަން ޑޮލަރު، ތެދެއް އެބަފެނޭ 25 ބުރީގެ އިމާރާތް ވެސް، ބްރިޖެއްވެސް އެއީ ވައްކަން ކުރުމަށްޓަކައި ދެވޭ ލައިސަންސެއް ނޫން، ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާ... މިހާރު މައުލޫމާތު ލިބިފައިވަނީ ތިލަފުށި ކޯޕަރޭޝަނުން ބަހައްޓާ އިންސުއަލޭޓަރެއް ބަހައްޓަންވެގެން ސްރީލަންކާ ބަޔަކާ ހަވާލު ކުރާ ވާހަކަ. 4 މިލިއަން ޑޮލަރަށް ލިބޭ އިންސުއަލޭޓަރެއް މީތި ގަތުމަށްޓަކައި އެބޭފުޅުން އެދުނު ގޮތަކީ 24 މިލިއަން ޑޮލަރު އަގުގެ ގޮތުގައި ޖެހުމަށް. 20 މިލިއަން ޑޮލަރު މިބޭފުޅުން ކައްވާލާގޮތަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީއަށް އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެެވެ. އެގޮތުން މެޑަމް ފާތުންގެ ނަމުގައި ހިންގާ އެކިއެކި ހަރަކާތްތަކާއި މެޑަމް ފާތުން ދައުލަތުގެ ބާރުތައް އެއްކޮށްގެން ދައުލަތުގެ މުއައްސަސާތައް އެކަމަނާގެ މުށުތެރެއަށް ލައިގެން އުޅުއްވާ ކަމަށް ނާޒިމް ތުހުމަތު ކުރެއްވި އެވެ.
"ރައީސް އެއްގޮތަކަށް ވެސް ހީފުޅުކޮށްގެންނުވާނެ ވުޖޫދުގައި ނެތް ކަމެއް، ގާނޫނުއަސާސީ އާއި ގާނޫނުން ބޭރުން "މެޑަމޭ" ކިޔާ މީހަކު އުފައްދައިގެން އަދި އެތަނަށް ދައުލަތުގެ އެންމެހާ ބާރުތައް ޖަމާކޮށްގެން އެތަނުން ބިރު ދައްކައިގެން، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ބިރު ދައްކައިގެން، އަދި އެއީ ގާނޫނުއަސާސީއާއި ގާނޫނުތައް ދަންނަކަމެއް ނޫން."
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ