ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތުގައި ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސެއިން އަނެއްކާ ވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުސް އޮފީަހށް ހާޒިރުވުމަށް ފަހު، "މިހާރު" އާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ މި ފަހަރު ވެސް ހާޒިރުކުރީ ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ކުރާ ތަހުގީގަށް ކަމަށެވެ.
"މި ފަހަރު ފުލުހުން ބުނީ އެ މައްސަލާގައި އިތުރު ސުވާލު ކުރުމަށް ހާޒިރުކުރީ،" އޭނާ ވިދާޅުވި އެވެ.
ސައުދު ވަނީ ހަމަ މި މައްސަލާގައި މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.
ސައުދާ އާއިލީ ގޮތުން ގުޅުން އޮންނަ، އިބްރާހިމް ހަނީފަށް ވެސް ފުލުހުން ވަނީ ހަމަ އެ ތުހުމަތުކޮށް، މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަނީފް ޝަރުތުތަކަކާ އެކު މިދިޔަ މޭ 30 ގައި ހައި ކޯޓުން ވަނީ މިނިވަންކޮށްފަ އެވެ.
ސައުދު ކުރިން ވިދާޅުވެފައި ހަނީފަށް ކުރާ ތުހުމަތުގެ އިތުރުން އާ ތުހުމަތެއް ސައުދުގެ މައްޗަށް ފުލުހުން ކުރާ ކަމަށެވެ. އެއީ އެއީ ފަނޑިޔާރަކު [ޝުޖާއު] ދިގު މުއްދަތަކަށް ޖަލަށް ލުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.
"އަޅުގަނޑަކަށް ވެސް ނޭނގޭ އެކަން އަޅުގަނޑު ކުރާނެ ގޮތެއް،" ސައުދު ކުރިން ވިދާޅުވެފައިވެ އެވެ.
ސައުދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން މިދިޔަ އޭޕްރީލްމަހު ވަކިކޮށްފައިވާ ބޭފުކެވެ. އޭގެ ފަހުން އޭނާ އެރުއްވީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކުގައި ވެސް އޭނާ ވަނީ ފަހުން ބައިވެރިވެވަޑައިގެންފަ އެވެ.
މެމްބަރު ސައުދު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ