ފާޒިލްގެ މާފަށް އެދުން: ގަބޫލު ނުކުރެވޭ އެތައް ވާހަކައެއް

ފިޓްފާޒިލް ގެ ގިވްއަވޭ އަކީ އަސްލެއް ނޫން ކަމަށާއި އެއީ ޖެއްސި ބޮޑު ފޭކެއް ކަމަށް ފާޒިލް އެއްބަސްވެއްޖެއެވެ.
އާންމުންގެ ކުރިމައްޗަށް އައިސް ފާޒިލް މާފަށް މިހާތަނަށް އެދިފައި ނުވި ނަމަވެސް އޮންލައިން ނޫހެއް ކަމަށްވާ ދޯ އަށް ފާޒިލް ވަނީ އޭނާ ގެ ބޮޑު ފޭކު ގިވްއަވޭ ކުޅިގަނޑުގެ ވާހަކަ ކިޔައިދީފައެވެ.
މާފަށް އެދުނު ނަމަވެސް ފާޒިލް އަދިވެސް ކުއްވެރި ކޮށްފައި ވަނީ އޭނާގެ މެނޭޖަރު އަދި ފޮޓޯގްރަފަރުގެ މަގާމުގެ ހުރި ފޮޓޯގްރާފަރު އަލީ މުހައްމަދު ނުވަތަ މަޝްހޫރު ނަމުންނަމަ "އެލީޒް"އެވެ. އެއްގޮތަކަށް ބުނާނަމަ ފާޒިލް ވަނީ މިހުރިހާ ކުޅިވަރެއް އެލީޒް ގެ 'ބޮލަށް ޖަހާފައެވެ'.
ފާޒިލް މި ކަންތައްގަނޑު ސިފަކޮށްފައިވަނީ "މީހަކަށް މާ ބޮޑަށް ޑިޕެންޑްވީމަ، އެންމެ ކައިރީގަ ހުންނަ މީހާއޭ ބޮލަށް ފައިން އެރުން" ފަދަ ގޮތަކަށެވެ. އަދި މިއީ އެލީޒް ރާވައިގެން އޭނާ އަށް ދިން ކެއްސެއް ގޮތުގައި ފާޒިލް ވަނީ ސިފަކޮށްފައެވެ.
"އޭނަ އަތުގަ ހުންނާނެ ވަރަށް ސްޓަފް. ގިނަގިނައިން ޓްރެވަލްކުރާ މީހެއްވީމަ ހުންނާނެ ވަރަށް ފާޑުފާޑުގެ އެއްޗެހި. ދެން މިގޮތަށް (ގިވްއަވޭއެއް ޖައްސަން) ބުނީމަ އޭނަ ބުނެފި ތިމަންނަ ދީފާނަމޭ އެ އެއްޗެހިތައް ފާޒިލް އަށް (ގިވްއަވޭގެ ގޮތުގައި ދޭން ވެސް)،" ދޯ އަށް ދިން އިންޓަވިއުގައި ފާޒިލް ބުނެފައިވެއެވެ.
އަދި ފޮޓޯ ނަގަން އޮށޯތްތަނާ ހެން އޭނާ އިތުރު އެއްޗެހި އެޅިކަމަށާއި ބުނީ މިއުޅެނީ ގިވްއަވޭ ގަނޑު "މަޖާކޮށްލަން" ކަމަށެވެ. އެގޮތުނ މެކްބުކާއި އޭތި މީތި އަރުވައިގެން ފޮޓޯ ނެގިއިރު އެހުރިހާ އެއްޗަކީ ވެސް ބޭނުން ކޮށްފައި ނުވަތަ ހުސްވެފައި ހުރިއެއްޗެއްސެވެ.
އަދި ކަނެއްގައި ގިވްއަވޭ އާ މެދު ސީރިއަސް ވާ ހިތްވިޔަސް އެކަން ކުރީ މަޖަލަކށް ކަމަށާއި ނަމަވެސް ގިވްއަވޭ ޕޯސްޓުކުރިތާ އެންމެ ރެޔެއްގެ ތެރޭ ލައްކައެއްހާ މީހު ް ބައިވެރިވި ތަން ފެނުމުން އަޖައިބުވިކަމަށެވެ.
"ދެން ނިންމީ އެ އެއްޗެހިތައް ހަމަ އަސްލަށް ވެސް ގިވްއަވޭސްގެ ގޮތުގައި ދޭން. އެކަމަކު އެއީ ހުސް އެއްޗެހި. ދެން މަ ބުނެފިން ހަމަ އަސްލަށް ވެސް ދެނީ ހެއްޔޭ؟ ބުނީމަ ބުނެފި އާނއެކޭ، ދޭނީއޭ. ދެން މީނަ އަކީ ފުދިގެން ލިބިގެން އުޅޭ މީހެއްވީމަ އަހަރެން ވެސް އެވާހަކަ ގަބޫލުކޮށްފިން" ފާޒިލް ބުނެފައިވެއެވެ.
މެނޭޖަރަށް އިތުބާރުކޮށް ފާޒިލް 20 ވަނަ ދުވަސް ޖެހެންދެން މަޑުކުރީއެވެ. ފާޒިލް ބުނާ ގޮތުންނަމަ ދެން އައި ހުރިހާ ކުޅިވަރެއް ވެސް ކުޅެފައިވަނިީ އެލީޒް އެވެ.
އެގޮތުން ޝަރުމީލާ އަކީ ކާކުކަން ނޭނގޭ ކަމަށާއި އެ އައޑީ އަށް ފޮލޯ ކުރީ ވެސް އެލީޒް ބުނުމުން ކަމުގައި ބުނެފައިވެއެވެ. އަދި ގުރުއަތު ނެގީ ވެސް އޭނާ ކަމަށާއި ގުރުއަތުން ނެގި ރޭ ހަދިޔާ ހަވާލުކޮށްފީމޭ އެލީޒް ބުނިކަމުގައި ފާޒިލް ބުނެފައިވެއެވެ. ނަމަވެސް އެކުއްޖާ ފޮޓޯ ނަަގަން އެއްބަސް ނުވި ވާޙަކަ ވެސް ބުނެފައިވެއެވެ.
"ފުރަތަމަ އަހަރެން ކައިރީގަ ބުނީ، މާސްކެއް އަޅައިގެން، ކުޑަކުޑަކޮށް، ވަރަށް ލަދުން ހުރި މީހެކޯ. ދެންވެސް އަހަރެން ހަމަ އެއްވެސް ކަމަކަށް ޝައްކެއް ވެސް ނުކުރަން އޭނަ އެހެން ބުނީމަ. އަހަރެން ހިތުން އެކަންތައް ނިމުނީތާ." ފާޒިލް ބުނެފައިވެއެވެ.
ނަމަވެސް އަނެއް ދުވަހު އިރު އެރިިއިރު ކަަމަކު ދާކަށް ނެތެވެ. ފާޒިލް ދުވަސް ގޮސްފިއެވެ. ފާޒިލް ބުނާ ގޮތުން އޭނާގެ ސިކުނޑި ސުމަކަށް ދިއުމުން އަނެއްކާވެސް އެދުނީ އެލީޒް ގެ އެހީއަށެވެ.
"ދެން ބޯގޮވާފަ މިހެން އިންދައި އޭނަ އައިސް މި ބުނަނީ ތިމަންނަ ވާހަކަ ދައްކައިފީމޯ (ޝިރުމީލާގެ) ފިރިމީހާއާ، އެ އެއްޗެހިތައް އެ ގެއިން އަނބުރާ ގެންނަން. ގެނެސްފަ ހިނގާށޯ ކޮންމެވެސް އެހެން ގޮތަކަށް، އެހެން މީހަކު ލައްވާ ފޮޓޯއެއް ނަގުވާފަ މީތި ނިންމާލަން." ފާޒިލް ބުނެފައިވާ ގޮތުން އެހިސާބުން ވެސް އޭނާ އަށް ކަންތައްތައް މިވާ ގޮތެއް ނޭނގެއެވެ.
ޝަރުމީލާ މޫނު ބުރުގާ އަޅުވައިގެން ފޮޓޯ ނެގީ ވެސް މެނޭޖަރުގެ ބުނެގެނެވެ. އަދި މައާފަށް އެދުނު ލިޔުންކޮޅު ތައްޔާރުކުރީ ވެސް އޭނާއެވެ.
"މޫނު ބުރުގާ އަޅައިގެން ހުރި ކުއްޖަކާ ގިވްއަވޭ ގިފްޓް ޕެކް ހަވާލުކުރާތަން ފޮޓޯ ނަގާފައި އެ ވަނީ، އަހަންނަށް އެނގިގެން އަހަރެންގެ ރުހުމުގައި. އެކަމަކު އެގޮތަށް އެކަމެއް ކުރެވުނުއިރަކު ވެސް އަހަންނަކަށް ނޭނގެއޭ ޝަރުމީލާއެއް ވުޖޫގައި ނެތްކަން،"
ދިވެހި ރައްޔިތުން ފުރަތަަމ ވެސް އެއީ ޝަރުމީލާ ނޫން ކަމަށް ފޭކު ކަމަށް ބުނި އިރަށް ފާޒިލް ބުނާ ގޮތުން އޭރުވެސް އޭނާ އަށް އެއީ ފޭކު މީހެއް ކަމެއް ނޭނގެއެވެ.
"މި މައްސަލާގައި އަހަރެން އާންމުންގެ ކިބައިން މައާފަށް އެދެން. އެގޮތަށް ކަންތައް ކުރެވުނީތީ، އަހަރެން އެންމެންގެ ކިބައިން ވެސް މައާފަށް އެދެން ބޭނުން،" ފާޒިލް މާފަށް އެދެމުން ބުނެފައިވެއެވެ.
އަދި މިކަންތައް ހިނގައި ގޮސްފައިވަނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަަމަށްވެސް ފާޒިލް ބުނެފައިވެއެވެ.
"ޝަރުމީލާ އަކީ އުޅޭ މީހެއް ނޫންކަން މިހާރު ހަމަ 100 ޕަސެންޓް ގެރެންޓީ މިދެނީ އަހަރެން. ގިވްއަވޭ އެއްޗިއްސަށް ވީގޮތެއް ވެސް ނޭނގޭ އަހަންނަކަށް މިހާރު. އެއީ އާ އެއްޗެހިތަކެއް ވެސް ނޫން. ހުސް ޔޫސްޑް އެއްޗެހި." ފާޒިލް އިތުރަށް ބުނެފައިވެއެވެ.
ފާޒިލް މިކަންތައް 'ބޮލުން ކަޓުވާލާ' މެނޭޖަރުގެ ބޮލަށް ޖެހި ނަމަވެސް މެނޭޖަރު އެކަން ދޮގު ކުރެއެވެ.
ދެން އޮތް ސުވާލަކީ ފިލާ އޮވެ، ފާޒިލް މި އެދުނު މާފު ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ތޯއެވެ؟ އެތައް ހާސް ދިވެހިންނެއް މޮޔަ ހައްދާލާފައި ފާޒިލް އަށް މިވަރުގެ މާފަކުން ފުއްދާލެވިދާނެތޯއެވެ؟ ނުވަތަ ފާޒިލް ގެ ވާހަކަ ދިވެހިން ގަބޫލު ކުރާނެތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ