މަޝްވަރާކުރަން މަޖުބޫރެއް ނުކުރެވޭނެ: މައުމޫން

އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރަންޖެހޭނެ ކަމަށް ބުނެ ސަރުކާރުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫންގެ ކެމްޕޭނަށް މ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު މާލޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މައުމޫން ވިދާޅުވީ އިހްލާސްތެރިކަމާއެކު ބަޔަކާ މަޝްވަރާކުރުމަށް އެދޭނަމަ މަޝްވަރާކުރުން އެއީ ރަނގަޅު ކަމެއް ކަަމަށާއި ނަމަވެސް މަޖުބޫރުކޮށްގެން މަޝްވަރާކުރަން ނުޖެހޭނެ ކަަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މުޒާހަރާކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ނަމަވެސް އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން މިދިޔަ ހުކުރު ދުވަހު ބާއްވާފައިވަނީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދިޔަ މުޒާހަރާއެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ދުވަހުގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށް މައުމޫން މިއަދު ވެސް ވިދާޅުވި އެވެ.
"އެއްވެސް އަނިޔާއެއް ނުވާ ގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް އެ ބޭފުޅުންގެ ވާޖިބު އަދާކުރެއްވީ. އެ ބޭފުޅުންގެ ވަރަށް ގިނަ މީހުންނަށް އަނިޔާވިކަމުގައި ވިޔަސް އެ ބޭފުޅުން މަސައްކަތް ކުރެއްވީ ރައްޔިތުންގެ ސަލާމަތަށްޓަކައި،" މައުމޫން ވިދާޅުވި އެވެ.
މިއަދަކީ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް ވާތީ ދުވަހާ ގުޅިގެން މައުމޫން ވިދާޅުވީ ނޫސްވެރިންގެ މަސްއޫލިއްޔަތަކީ ވަރަށް މުހިއްމު ގައުމީ މަސްއޫލިއްޔަތެއް ކަމަށެެވެ. އަދި ނޫސްވެރިކަން ކުރަން ވާނީ ވަކި ފަރާތަކަށް ބުރަ ނުވެ ރައްޔިތުންނަށް ކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
"ގިނަ ނޫސްވެރިން ރަނގަޅު، އެހެން ނަމަވެސް ބައެއް ނޫސްވެެރިން މިފެންނަނީ ވަކިފަރާތަކަށް މާބޮޑަށް ޖެހިގެން، ސިޔާސީ ކުލަވަރެއް ޖެހިގެން ހަބަރުތައް ވެސް ގެންނަތަން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ