2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލްވެސް ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ތެދުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ.ޖަމީލް ރައީސް އާއި ދެކޮޅުވާނެ ކަން 100 އިންސައްތަ ޔަޤީން ވާކަމަށެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވާ އިރު، އޭނާއަކީ ސަރުކާރާއި ޕީޕީއެމްއަށް ފާޅުގައި ފާޑު ވިދާޅުވަމުން ގެންދެއްވުމުގެ ސަބަބުން، އޭނާއަކީ ޕީޕީއެމްގައި ހުރުމަށް ކުފޫ ހަމަނުވާ ބޭފުޅެއްގެ ގޮތުގައި ކަނޑައަޅައި، އެޕާޓީއިން ވަކިކޮށްފައިވާ ބޭފުޅެކެވެ. މަހްލޫފް ގެންދަވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވަނީ ފްރޭމް ކުރެވިފައި ކަމަށާއި، އޭނާވެސް ދޫކޮށްލުމަށް ފާޅުގައި ގޮވާލައްވަމުންނެވެ.
މީގެ އިތުރުން، ދާދި ފަހުން ޓީވީއެމްއަށް ދެއްވި ބަސްދީ ގަތުމެއްގައި ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް ވަނީ، ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން ކަނޑައަޅާފައިވާ ގޮތަށް، ޝަރީޢަތް ހިންގަންވާ މަގުން ކަންކަން ހިނގާކަމުގައިވާ ނަމަ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްއަށް އިންސާފު ލިބޭނެ ކަމަށް ދޭހަވާ މާނައަކުން ވާހަކަ ދައްކަވާފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ މައްޗަށް ކުރެވޭ ޝަރީޢަތާއ، އެކަމާ މެދު ދެކެނީ ކޮންގޮތަކަށްތޯ ނޫސްވެރިޔާ ސުވާލުކުރުމުން، ނާއިބު ރައީސް ވިދާޅުވީ ކޮންމެ ތަނެއްގައިވެސް ކަންކަން ރާވައި ހިންގަން ޖެހެނީ ވަކި ފަރުދަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ބިނާކޮށްފައި ނޫންކަމަށެވެ.
“ވަކި ފަރުދަކަށް، ވަކި ޖަމާޢަތަކަށް ނޫން ބަލަން ޖެހެނީ. އެއީ ރާއްޖެ ވޔަސް، ތަރައްޤީވަމުން އަންނަ ޤައުމަކަށް ވިޔަސް، ކުރިއަރަމުންދާ ޑިމޮކްރަސީއަކަށް ވިޔަސް، ނުވަތަ އެންމެ ބޮޑަށް ކުރިއަރާފައިވާ ޑިމޮކްރަސީއަކަށް ވިޔަސް. ވަކި ފަރުދަކަށް، ވަކި ޖަމާޢަތަކަށް ބިނާކޮށްފައެއް ނޫން ކަންކަން ބިނާކުރަން ޖެހޭނީ،” ނާއިބު ރައީސް ވިދާޅުވިއެވެ.
2018 ގެ ކުރިން ނާއިބު ރައީސް ޑރ.ޖަމީލްވެސް ރައީސް ޔާމީނާ ދެކޮޅަށް ތެދުވާނެ - މަހްލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ