އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މައްސަލަ ހައި ކޯޓުން ބަލައިގެންފި
ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ބަލައިގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އެންގީ އޭނާ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުންނެވެ. ޕާސްޕޯޓް ދޫކޮށްލި ރޭ އަލީ ވަހީދު ވަނީ ފުރައިވަޑައިިގެންފަ އެވެ.ޕާސްޕޯޓް ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވި އެވެ.އެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ އޭރު ނިންމެވީ، އަމުރު އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރަށްވުރެ ފަހުން ހުށަހެޅުމުން ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.އަލީ ވަހީދުގެ މައްޗަށް ކޮށްފައިވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ