ނުވަ އަހަރުގެ ކުއްޖަކަށް އެކިފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު ދަށު ކޯޓުން ސަލާމަތްވެފައި ވަނިކޮށް އޭނާ 14 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އދ. ގެ އަތޮޅުގެ ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކަށް 2014 ވަނަ އަހަރުން ފެށިގެން އެކިފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓެއްގައި މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ ދައުލަތުންނެވެ. ދައުވާލިބޭ މީހާގެ މައުލޫމާތު ހަބަރުގައި ހިމަނާފައި ނުވަނީ އަނިޔާލިބުނު ކުއްޖާގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އަނިޔާލިބުނު ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާ ކިޔައިި ދިނުމުގެ އިތުރުން އެ ކުއްޖާގެ މައިންބަފައިންނަށް އެ ކުއްޖާ ކިޔައިދީފައިވާ ވާހަކަތައް ދިމާވާ ކަމަށެވެ. އެ ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކަށް ބަލާއިރު އެއީ ހަގީގަތެއް ކަމަށް ގަބޫލު ކުރެވޭ މިންވަރަށް ތަފްސީލުތައް އެ ކުއްޖާ ކިޔައިދީފައިވާ ކަމަށާއި އެ ކުއްޖާގެ ބުނުމަށް ބާރު ލިބޭ އިތުރު ހެކި ވެސް އެބަހުރި ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އޭނާ 14 އަހަރަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.
ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން މަޒީދެވެ.
ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައި ކޯޓުން 14 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ