ފުލުހުން ޕީޕީއެމްގެ އޮފީސް ކުރިމަތީ ސަފު އަތުރައި އޮފީސް ބަންދުކޮށްފި

ފުލުހުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ސަފުތައް އަތުރައި އެ އޮފީހުން މީހުންނަށް ނުނުކުމެވޭ ގޮތަށް އަދި އޮފީހަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން "މަގޭ ފުލެޓު ކޮބާ؟" މި ނަމުގައި މާލޭގައި ކޮންމެ ހުކުރުދުވަހެއްގައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މިއަދުގެ މުޒާހަރާ ހުއްޓުވުމަށް ގިނަ ޢަދަދެއްގެ ފުލުހުންދަނީ މަގުމަތީގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދަށް ވަދެވޭނެ ހުރިހާ މަގެއް ބަންދުކޮށް މުޒާހަރާގެ ތެރެއިން ބައެއް މީހުންވެސް މިހާރު ހައްޔަރުކޮށްފައިވެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު ޢަބްދުﷲ ރިފާޢުއާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުގެ އިތުރަށް މާލެ ސިޓީ ކައުންސިލަށް ޕީޕީއެމުން ވާދަކުރައްވާ ރަމީޒުވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އޭގެ އިތުރަށް މުޒާހަރާ ތެރެއަށް ވަދެ ފުލުހުން މުޒާހަރާ ރޫޅައިލަން ކުރި މަސައްކަތުގެ ތެރެއިން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާވެފައިވެއެވެ.
މިއަދު މާލޭގައި މުޒާހަރާކުރަން ޖާގަނުދޭނެކަމަށް ފުލުހުންނާއި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މުޒާހަރާކޮށްފިނަމަ މުޒާހަރާ ރޫޅައިލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ