ޕާސްޕޯޓު ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން އިސްތިއުނާފުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު އިސްތިއުނާފަށް ހުށައެޅުމުން އެމައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރަ ނިންމެވި ނިންމުން އެކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށައަޅައިފިއެވެ.
ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރާ ނިންމެވީ ކްރިމިނަލް ކޯޓުގެ އަމުރު ނެރުނުތާ 48 ގަޑިއިރު ހަމަވިފަހުން މައްސަލަ އިސްތިއުނާފަށް ހުށައަޅާފައިވާތީއެެވެ. ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރިކަން ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.
މިމައްސަލައިގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ މިމަހުގެ 11 ވަނައަށްވީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރުކަމަށެވެ. ޕާސްޓްޕޯޓް ދޫކޮށްލުމުން ޢަލީ ވަޙީދު އިނގިރޭސި ވިލާތަށް ވަޑައިގެންފައިވާއިރު ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތަށް 7 ދުވަހުގެ މުއްދަތެެއް ލިބޭނެއެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ، ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ