ފެންނަނީ މުއައްސަސާތަކުގެ އުއްމީދެއް ނެތް މިންވަރު: މައުމޫން

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތެދުވި ގިނަ އަދަދެއްގެ ވަކީލުން މަސައްކަތުން އެކަހެރިކުރި ކުރުމުން ފެނިގެންދަނީ މުއައްސަސާތަކުގެ އުންމީދު ގެއްލިފައިވާ މިންވަރުކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ނިކުތް 56 ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި ކުރެއްވި ޓްވީޓެއްގައެވެ.
ޑީޖޭއޭގެ ނިންމުމަށް ފާޑުވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތެދުވި ގިނަ އަދަދެއްގެ ވަކީލުން މަސައްކަތުން އެކަހެރިކުރި ކުރުމުން ފެނިގެންދަނީ މުއައްސަސާތަކުގެ އުންމީދު ގެއްލިފައިވާ މިންވަރުކަމަށެވެ.
މީގެ އިތުރަށް ޝަރުއީ ދާއިރާގެ ހިމާޔަތުގައި ނިކުތް 56 ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި އުއްތަމަ ފަނޑިޔާރާއިމެދު ފިޔަވަޅު އަޅައި އެކަން ކުރި ބަޔަކު ހައްޔަރު ކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ވަނީ ގާނޫނު އަސާސީ އާއި މުޅިން ހިލާފަށް 56 ވަކީލުން ސަސްޕެންޑް ކޮށްފައި ކަމަށާއި އެކަން ކުރި ބަޔަކު ހައްޔަރު ކުރުމަށް އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސް ގެ ކިބައިން އެދޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ގާނުނު އަސާސީއާއި ހިލާފަށް 54 ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި އުއްތަމަ ފަނޑިޔާރާމެދު ފިޔަވަޅު އެޅުމަށް ބައިނަލް އަގްވާމީ މުޖުމައުއަށް ގޮވާލައްވާ ކަމަށެވެ.
ޑީޖޭއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކީލުން ސަސްޕެންޑް ކުރީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ)އާ ހިލާފަށް، އަދި ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދާއި، އެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ގާނޫނީ ވަކީލުންގެ އިގުރާރާއި، އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދާއި، ކޯޓުތަކުގެ ގާނޫނާއި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށާއި އަދި ޤާނޫނުއަސާސީއާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ސަސްޕެންޑް ކުރި ވަކީލުން ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށެވެ.
ޑީޖޭއޭ އިން ސަސްޕެންޑް ކުރި ވަކީލުންނަކީ ކޯޓުތަކަށް އާންމުކޮށް ވަޑައިގެން ވަކާލާތު ކުރައްވާ ވަކީލުންނެވެ. މީގެ ތެރޭގައި ކޯޓު ތަކުގައި މިހާރު ހިނގަމުންދާ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުން ވެސް ހިމެނެއެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު އަބްދުﷲ އަފީފާއި، ހަސަން ލަތީފާއި، އަބްދުﷲ ޝާއިރު އާއި، އިބްރާހީމް ރިފްއަތާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ މޫސާ ސިރާޖާއި، މަހްފޫޒް ސައީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުގައި ހިމެނޭ ހިސާން ހުސައިނާއި، ނޫރުއްސަލާމާއި، މަސްތޫރު ހުސްނީއާއި، އަހްމަދު ޝަފީގާއި، މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމްގެ ގާނޫނީ ވަކީލް ފަރީޝާ އަބްދުﷲ އާއި، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ގާނޫނީ ވަކީލް އަލީ ޒާހިރު ހިމެނެއެވެ.
އަދި ވަކީލުންގެ ގޮތުގައި މަޝްހޫރު ބޭފުޅުން ކަމުގައިވާ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއާއި، މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ވެސް ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ