ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ނިމޭނީ ފާރިސްއާ އެއްކޮޅަށް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވި އެވެ.
ފާރިސްގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިހާރު އަޑުއެހުންތައް ނިމިފައިވާ މައްސަލަ ފާރިސްއާ އެއްކޮޅަށް ނިމޭނެ އެވެ. އެ މައްސަލަ ފާރިސްއާ އެއްކޮޅަށް ނިމޭނެ ކަމަށް ގަބޫލު ކުރައްވަނީ ފާރިސްއާ އެއް މައްސަލައެއްގައި ހައްޔަރުކުރި އަހުމަދު ޝާފިއުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުން ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރިޝްވަތުގެ މައްސަލައަކީ އެއީ ޖިނާއީ ބޮޑު މައްސަލައެއް ނޫން ކަން ހައި ކޯޓުން ކަނޑައަޅުއްވާފައިވޭ. ޖިނާއީ ބޮޑެތި މައްސަލަތައް ނޫން އެހެން މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 15 ދުވަހަށް ކަމަށް. އަޅުގަނޑުމެން ނުދެކެން މިދެންނެވި މައްސަލައަށް ބަލާފައި ފާރިސްގެ މައްސަލަ ވެސް އެ ނޫން ގޮތަކަށް ނިމޭނެ ކަމަކަށް،" ޝާފިއު ދޫކޮށްލަން ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވައި، މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝާފިއު ދޫކޮށްލަން ހައި ކޯޓުން ތާއީދުކުރި ފަދައިން ފާރިސް ދޫކޮށްލަން ހައި ކޯޓުން އަމުރުކުރާނެ ކަމަށް ބެލެވޭ ސަބަބަކީ ހައި ކޯޓުން ނިންމާފައި އޮތް ނިންމުމަކާ ޚިލާފަށް އެ ކޯޓަށް އެހެން ނިންމުމެއް ނުނިންމޭނެތީ އެވެ. ހައި ކޯޓުން ނިންމާފައި ހުރި ނިންމުންތަކަށް އެ ކޯޓުން ތަބާވާން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެއް މަރުހަލާގެ ކޯޓަކުން އެކި ގޮތްގޮތަކަށް ނުނިންމޭނެ. ދަށު ކޯޓުތަކަށް ވެސް އެ މަރުހަލާގެ ކޯޓުތަކުން ނިންމާފައި ހުރި ނިންމުންތަކަށް ތަބާވާން ޖެހޭނެ. ދިވެހިރާއްޖޭގެ ހައި ކޯޓުން ވެސް ހަމައެގޮތަށް އަމަލު ކުރައްވަން ޖެހޭނެ. މިގޮތުން އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެ ހައި ކޯޓުން" އަންނަ ހަފުތާ އަށް ތާވަލް ކޮށްފައިވާ އެ މައްސަލައާ ގުޅިގެން މައުމޫން ވިދާޅުވި އެވެ.
'ގާނޫނު އޮތީ ފާރިސްއާ އެއްކޮޅަށް' ކަމަށް ވިދާޅުވެ، މައުމޫން ވިދާޅުވީ ފާރިސްގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗް ހައި ކޯޓުން ބަދަލުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އެކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ނިންމަން ޖެހޭނީ ކުރިން އެ މައްސަލަ ބެލި ބެންޗުން ކަމަށް މައުމޫން ވިދާޅުވި އެވެ.
ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ތުހުމަތާ ގުޅިގެން އެންމެ ފުރަތަމަ ދައުވާ ކުރިއިރު ރިިޝްވަތު ހިފުމުގެ ދައުވާ ކޮށްފައި އޮތުމަށް ފަހު އެ ދައުވާ ފަހުން އިސްލާހުކުރި މައްސަލައާ ގުޅިގެން މައުމޫން ވިދާޅުވީ އެ ދައުވާ އިސްލާހުކުރީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުން ކަމަށެވެ. އަދި ދައުވާ އިސްލާހު ކުރިއިރު ވެސް ތުހުމަތު ކުރާ ކުށް އެއްކޮށް ބަދަލުކުރީ ކަމަށާއި އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަދަލުތަކެއް ގެންނަން އެބަހުރި ގާނޫނު ހުއްދަ ކޮށްފައި. އެހެން ނަމަވެސް އެހެން ދައުވާއެއް ނުކުރެވޭނެ. އެންމެ ފުރަތަމަ ފާރިސްގެ މައްޗަށް ހުށަހެޅުނީ ރިޝްވަތު ހިފުމުގެ ދައުވާ. މިހާރު ކުރައްވާ ދައުވާއަކީ ރިޝްވަތު ހުށަހެޅުން. އެ ނުވާނެ ހަމަ އެ ދައުވާ އިސްލާހު ކުރީ ކަމަކަށް. އެހެންވީމަ މިހާރު ވިދާޅުވެވޭނެ ގާނޫނީ ހަމައެއް ނެތް ހަމަ އެ ދައުވާ ބަދަލު ކުރީއެކޭ. މިއޮތީ މުޅިން އާ ދައުވާއެއް ކުރައްވާފައި،" މައުމޫން ވިދާޅުވި އެވެ.
ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން، އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް އިސްތިއުނާފް ކުރަން ހައި ކޯޓަށް މިިހާރު ހުށަހަޅާފައިވާ ކަމަށް އެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ. އަދި އެ މައްސަލަ ނިމެންދެން، ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައިވާ ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޝާފިއުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމާ ގުޅިގެންނާއި ދައުވާ އަށް އިސްލާހު ގެނައި މައްސަލައާ ގުޅިގެން ފާރިސް މިނިވަން ކުރުމުގެ އަމުރަކަށް ދެ ފަހަރަށް ކްރިމިނަލް ކޯޓުގައި އެދުނަސް އެ މައްސަލަ ކޯޓުން ބަލައިގެންނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
ހައި ކޯޓުން ފާރިސް މިނިވަން ވާނެ ކަމަށް ގަބޫލުކުރަން: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ