ސަރުކާރުން އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިކުރުވަމުންދާ ކަމަށް ބުނެ ދީނުގެ ހިމާޔަތަށް އަޑު އުފުލުމަށް ބޭއްވި މުޒާހަރާގައި ފަސް ޑިމާންޑެއް ސަރުކާރަށް ހުށަހަޅާފައިވީ ނަމަވެސް އެ ޑިމާންޑްތައް ފުރިހަމަކުރުމަށް އަދި މުއްދަތެއް ދީފައި ނުވާނެ ކަމަށް މަދަނީ އިއްތިހާދުން ބުނެފި އެވެ.
މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި ބޮޑު މުޒާހަރާގެ ޑިމާންޑްތަކާ ގުޅިގެން މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ އެ މުޒާހަރާގައި ހުށަހެޅި ބައެއް ޑިމާންޑްތަކަކީ ވަރަށް ބޮޑު ޑިމާންޑްތަކެއް ކަމަށެވެ. ބައެއް ޑިމާންޑްތައް ފުރިހަމަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭނެތީ، އެ ކަންތައްތަކަށް ވަގުތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން ސަރުކާރަށް ހުށަހަޅާފައިވާ ޑިމާންޑްތަކަކީ ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި ބުދުތައް ނައްތާލުމާއި އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަ ރައީސް މުހައްމަދު ނަޝީދު ކުށްވެރި ކުރައްވައި ރައްޔިތުންގެ ކުރިމަތީގައި އެ މަނިކުފާނު ވާހަކަ ދެއްކެވުމާއި އިޒްރޭލުގެ ފްލައިޓްތައް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދިނުމާއި ރާއްޖޭގައި ހަށި ވިއްކާ ތަންތަން ބަންދުކުރުމާއި އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ވަކި ސަރަހައްދުތަކަކީ ފަޅު ތަންތަން ކަނޑައަޅައި ބަނގުރާ ހުއްދަކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ވީހާ ވެސް އަވަހަކަށް އެކަންތައްތައް އިސްލާހުކޮށް، ރައްޔިތުން އުއްމީދުކުރި ގޮތަށް ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް. އެ ޑިމާންޑްތައް ސަރުކާރުން ފުރިހަމަކުރޭތޯ އަޅުގަނޑުމެން ވަރަށް ބޮޑަށް ދިރާސާކުރަމުން ގެންދާނަން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާގައި ބައިވެރިވި އެތައް ހާސް ރައްޔިތުންގެ ވިންދާ އެއްގޮތަށް އެ ޑިމާންޑްތައް ސަރުކާރުން ފުރިހަމަކޮށްދެމުން ނުދާނަމަ، މަދަނީ އިއްތިހާދުން ދެ ވަނަ ވިސްނުމަކަށް ދާނެ އެވެ. އެކަމަކު ފުރަތަމަ ވަގުތު ދޭނީ ސަރުކާރާ އެކު ސުލްހަވެރިކަމާ އެކު ވާހަކަ ދައްކައިގެން އެކަންތައް ފުރިހަމަކުރުމަށް ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
"މަޝްވަރާގެ އުސޫލުން އެކަން ނުވެއްޖިއްޔާ ރައްޔިތުން ގޮވައިގެން، ނޫނީ މިފަދަ ނަސްރުގެ މައިދާނަކަށް އެއްވުމާ މެދު ވިސްނާނީ. ފުރަތަމަ މަޝްވަރާގެ އުސޫލުން ވިސްނާނީ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މުޒާހަރާ ހުއްޓުވުމަށް ސަރުކާރާއި އެމްޑީޕީން ރޭވި ހުރިހާ ކަމެއް ފެއިލްވެ، ބޮޑު މުޒާހަރާ ނިންމާލާފައި ވަނީ ސުލްހަވެރިކަމާ އެކު، ބޭނުންވި މަގްސަދުތައް ވެސް ހާސިލްކުރުމަށް ފަހު އެވެ.
"އަޅުގަނޑުމެންގެ ހުރިހާ މަގްސަދެއް ހާސިލްވެގެން ދިޔަ. ސަރުކާރުން އެންމެ ކަންބޮޑުވީ މުޒާހަރާ އަށް ރައްޔިތުން ތާއީދުކޮށްފާނެތީ. ކިތަންމެހާ ރަނގަޅަކަށް ވެސް އަމަލާއި ބަހުން ތާއީދުކުރި. ސަރުކާރުން ދެން އެންމެ ކަންބޮޑުވީ ރައްޔިތުންގެ ތާއީދު ނެތްކަން ބޭރު ދުނިޔެ އަށް ހާމަވެދާނެތީ. ސަރުކާރުން ބޭނުންވި ގޮތަކަށް އެއްވެސް ކަމެއް އިއްޔެ ހާސިލެއް ނުވި،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު މުޒާހަރާއާ ދެކޮޅަށް އެމްޑީޕީން ކެމްޕޭންކޮށްގެން ބޭއްވި މުޒާހަރާ ފެއިލްވެ، އެތަކެއް ރައްޔިތުން އެއް ރޫހެއްގައި ދީން ހިމާޔަތްކުރަން ނުކުތުމަކީ ދިވެހިންގެ ގައުމިއްޔަތު ދައްކުވައިދިން ކަމަށެވެ. އެއްވެސް ޕާޓީއަކަށް ކުލައަކަށް ބެލުމެއް ނެތި ގިނަ ބަޔަކު އެއްވުމުން ދީނާއި ގައުމަކަށްޓަކައި ދިވެހިންގެ ލޯބި ސަރުކާރަށް އެނގިގެން ހިނގައްޖެ ކަމަށް ވެސް މަދަނީ އިއްތިހާދުން ބުންޏެވެ.
ޑިމާންޑްތައް ފުރިހަމަކުރުމަށް އަދި މުއްދަތެއް ނުދެން: މަދަނީ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ