ރަމަޟާން މަހަކީ އަހަރުތެރޭގައި މުސްލިމުންނަށް އަންނަ އެންމެ އުފާވެރި މަސް: ރައީސް މައުމޫން

ރަމަޟާން މަހަކީ، އަހަރުތެރޭގައި މުސްލިމުންނަށް އަންނަ އެންމެ އުފާވެރި މަސް ކަމުގައި މައުމޫން ފައުންޑޭޝަންގެ ޗެއަމަން ރައީސް މައުމޫން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ މައުމޫން ފައުންޑޭޝަނުން ބޭއްވެވި މި އަހަރުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަހަރު ތެރޭގައި މުސްލިމުންނަށް އަންނަ އެންމެ އުފާވެރި މަހަކީ ރަމަޟާން މަސް ކަމަށާއި އެގޮތުން ރަމަޟާން މަހުގައި މުސްލިމުންކުރާ ހެޔޮކަންތައްތަކުގެ ސަވާބު މާތް ﷲ އެތައް ގުނަޔަކަށް އިތުރުކޮށްދެއްވުމާއި އަދި އެ މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކަކީ ވަރަށް މާތް ދުވަސްތަކަކާއި ރޭތަކެއް ކަމުގައި ލައްވައި ވަކިން ޚާއްޞަކޮށް ލައިލަތުލްޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް ކަމުގައި ލައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"މީގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި ފަރުޟު ނަމާދުތަކަށާއި ތަރާވީޙް ނަމާދަށާއި ދަމު ނަމާދަށް މިސްކިތަށްދާ މީހުންގެ ޢަދަދު ގިނަވުމުން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވުމުގެ ފުރުޞަތު ވެސް އެހެން މަސްމަހަށް ވުރެ ރަމަޟާން މަހު މާގިނަ. ހަމައެއާ އެކު ރަމަޟާން މަހުގެ ތެރޭގައި ޢާއިލާގެ މީހުން އެކުގައި ރޯދަވީއްލުމާއި ހާރުކެއުމާއި އަދި އެނޫން ކަންކަމުގައި ވެސް އެންމެން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލަން ލިބޭތީ ރަމަޟާން މަހަކީ ޢާއިލީ ގުޅުންތައް ވެސް އިތުރަށް ބަދަހިވެގެންދާ މަހެއް،" މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ އެ ހުރިހާ ގޮތަކުން ބަލާ އިރު ރަމަޟާން މަހަކީ އެހެން މަސްމަހަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ހިތްތަކުގައި އުފަލާއި ހިތްހަމަޖެހުމުގެ ޝުޢޫރުތައް އުފެދިގެންދާ މަހެއްކަމަށެވެ.
ރޭގެ ޖަލްސާގައި ޝައިހު މުޙަންމަދު ރަޝީދު އިބްރާހީމް "ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން" މައުޟޫޢުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ އެހީގައި ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަމާ ގުޅޭ ގޮތުން ވާހަކަ ފުޅު ދެއްކެވި އެވެ.
ރޭގެ ޖަލްސާގައި ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ބައްލަވައިލެއްވީ މާތް ﷲގެ އަޅުތަކުންގެ ސިފަތަކުގެ މައްޗަށެވެ. މުސްލިމުންގައި ހުންނަންވީ ސިފަތައް ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވާފައިވާ ކަމަށާއި އޭގެތެރޭގައި ނަމާދުގައި މަޑުމޮޅިވުމާއި، ބޭކާރު ވާހަކަތައް ދެއްކުމުން ދުރުހެލިވުމާއި، ޒަކާތް ދިނުމާއި ޢިއްފަތްތެރިކަން ރައްކާތެރިކުރުމާއި އަމާނާތްތަކަށް ރައްކާތެރިވުން ހިމެނޭކަމަށް ޑރ. ޒިޔާދު ވިދާޅުވި އެވެ.
ޖަލްސާ ނިމިގެން ދިޔައީ ރައީސް މައުމޫން ހައްދަވާފައިވާ މަދަޙައެއް ކަމުގައިވާ "މައުލާޔަ ޞައްލި ވަސައްލިމް"ގެ ވީޑިޔޯއެއް ދައްކާލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ