މުލީއާގެ ކައިރި އަށް އެއްވުމަށް ފުލުހުން އެހީތެރިވެދިން ކަމަށް ވިދާޅުވި ކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅައިފި

މިދިޔަ ޖެނުއަރީ މަހު ޑީއާރުޕީގެ ގިނަ އަދަދެއްގެ ބަޔަކު މުލީއާގޭ ދޮށަށް އެއްވުމުގައި ފުލުހުން އެހީތެރިވެދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި ޑިއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވި ކަމަށް ބުނެ އޭނާގެ މައްސަލަ ފުލުސް އޮފީހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އިއްޔެ ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޕީޖީ އޮފީހަށް ފޮނުވާފައިވާނީ ގަވާއިދާ ހިލާފް ތަނަކަށް އެއްވުމަށް ފުލުހުން އެހީތެރިވެދިން ކަމަށް އަލީ ވަހީދު ވިދާޅުވެފައިވާތީ އެ މައްސަލަ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މީގެ އިތުރުން ހަމަ އެ ރޭ އަލީ ވަހީދާއި އިތުރު ބަޔަކު ސިފައިންގެ ގޭޓް ކައިރިއަށް ގޮސް ގޭޓް ތެޅުވި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އެމްޑީޕީގެ ސަޕޯޓަރުންނާއި ޑީއާރުޕީގެ ސަޕޯޓަރުންނާ ދެމެދު މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ހަމަނުޖެހުމަށް ފަހު ވެސް އަލީ ވަހީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދު އަށް ގެންގޮސްފަ އެވެ.
އެކަމާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ މިއީ ސަރުކާރުން އޭނާ އަށް އެކި ގޮތްގޮތުން "ގޯނާ ކުރުމަށް" ކުރަމުންދާ ކަމެއް ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ މި މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް އޭނާގެ ގާނޫނީ ޓީމް ތައްޔާރަށް އޮތް ކަމަށެވެ.
"އަޅުގަނޑު އެއްވެސް ވަރަކަށް ޖެހިލުމެއް ނުވޭ. އަޅުގަނޑު ކޮށްފައިވާ ހުރިހާ ކަމެއް ވެސް ކޮށްފައި ހުންނާނީ ޕާޓީގެ [ޑިއާރުޕީގެ] ދިފާއުގައި، ޕާޓީގެ ހައްގުގައި. އެހެންކަމުން މިކަމުގައި އަޅުގަނޑަށް ޕާޓީގެ ފަރާތުން އެއްބާރުލުން ލިބޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ