ގައުމަށްޓަކައި ނޫން ގޮތަކަށް ސިފައިންނަށް އެއްވެސް އަމުރެއް ނުކުރާނަން: ރައީސް ނަޝީދު

ގައުމަށްޓަކައި ނޫން ގޮތަކަށް ސިފައިންނަށް އެއްވެސް އަމުރެއް ނުކުރައްވާނެ ކަމަށް ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
"މި ގައުމަށްޓަކައި ނޫން ގޮތަކަށް، މި ރާއްޖެއަށްޓަކައި ނޫން ގޮތަކަށް އަޅުގަނޑުގެ އެއްވެސް ކޮމާންޑެއް އެއްވެސް ބަހެއް [ސިފައިންނަކަށް] ނުނުކުންނާނެ،" ގިރިފުށީގައި ސިފައިންގެ އޮފިސަރުންގެ ތަމްރީނުކުރާ ވިންގު ހުޅުއްވާދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ވެރިކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ބާރަކީ ދިފާއީ ބާރުކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީ ތަންފީޒު ވަމުން އަންނަ އިރު މުހިއްމު މުއައްސަސާއެއްގެ މައްޗަށް މުއައްސަސާއަކުން ބާރު ފޯރުވައި، އަރައިގަނެ، އެބާވަތުގެ ވިސްނުމެއް ގެންގުޅުމަކީ ގައުމު ހިންގުމަށް ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އަދި ހަމައެކަނި ވެރިކަމަށްޓަކައި ސިފައިންގެ ގާތުގައި ވިދާޅުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ކަރާމާތައި ގަދަރާއި އިއްޒަތާއި ސަލާމަތް ހިފަހައްޓާ ބާރުތަކުގެ މައްޗަށް ގަވާއިދާއި ގާނޫނުތައް ހަދަމުންދާ އިރު، އަޅުގަނޑުމެންޓަކައި ފުރާނަ ދޫކޮށްލުމަށް ތިބި ބަޔަކީ ސިފައިންކަން ހަނދާންކުރަން ވެސް ރައީސް ގޮވާލެއްވި އެވެ. އަދި އެކަން އެންމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައި އޮންނަށް ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކޮންމެ ވެރިއަކު ވެސް ރާއްޖޭގެ ދިފާއަށްޓަކައި އަސްކަރީ ބާރުގެ ތަރައްގީ އަށް އެއިރެއްގައި ކުރަން ޖެހޭ ކަންތައްތައް ކުރަމުން އައިސްފައިވާ ކަމަށެވެ. އަދި މިހާރުގެ ތަރައްގީގެ ދުވެލީގެ މިންގަނޑާއި ރައްޔިތުންގެ ތަނަވަސްކަމާ އަޅާބަލާއިރު ސިފައިންގެ މުއައްސަސާ ކުރީގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސިފައިންގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ ރާއްޖޭގައި އެހެން މުއައްސަސާއެއްގައި ނުތިއްބަވައިހާ ގާބިލްކަމާއި ހުނަރާއި ފެންވަރު ތައުލީމީ ގޮތުން ވެސް ދުނިޔަވީ ދިރިއުޅުމުގެ ހަޔާތުގެ ތަޖުރިބާގެ ގޮތުން ވެސް، ހިތްވަރުގެ ގޮތުން ވެސް އެހެން ހުރިހާ މުއައްސަސާއެއްގެ ވެރިންނަށް ވުރެ ކުރިއަރައި ތިބޭ ބަޔަކަށް ހެދުމަކީ އަޅުގަނޑުމެންގެ މަގްސަދު،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސިފައިންގެ އޮފިސަރުން ތަމްރީނުކުރާ ވިންގު ހުޅުއްވައިދެއްވުމަށް ފަހު އެ ވިންގުގެ އާ އިމާރާތުގެ ބިންގާ ވެސް ރައީސް މިއަދު ވަނީ އަޅުއްވައިދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ އެ މަރުކަޒުން ކުރިއަށް އޮތް ތަނުގައި ތަމްރީނުވާނީ ހަމައެކަނި ދިވެހި ސިފައިން ނޫން ކަމަށާއި މި ސަރަހައްދުގެ ފާހަގަކުރެވޭ ތަނަކަށް ވެސް އެތަން ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އޮފިސަރުން ތަމްރީނުކުރާ މަރުކަޒުގެ ހަތަރު ބުރީގެ އާ އިމާރާތް ނިމޭ އިރު ތިން ކްލާސް ރޫމާއި 200 މީހުންގެ ޖާގައިގެ އެކޮމެޑޭޝަން ބްލޮކެއް ހުންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެ އިމާރާތް ކުރެވެންދެން އޮފިސަރުން ތަމްރީނު ކުރާ ވިންގު ހިންގާނީ ގިރިފުށީ ނޮންކޮމިޝަން ޓްރެއިނިން އެކަޑަމީގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެ މަރުކަޒުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް އަންނަ މަހު ފަށާ އިރު އަމާޒުކޮށްފައި ވަނީ ޖޫނިޔަ އޮފިސަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ