ހަވީރު އޮންލައިންގެ އާ ޖީލުގެ ވެބްސައިޓާ އެކު އޮންލައިން ނޫސްވެރިކަން އާ ހަރުފަތަކަށް

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކިޔާ އޮންލައިން ނޫސް، ހަވީރު އޮންލައިންގެ އާ ޖީލުގެ ވެބްސައިޓް ބޮޑެތި ބަދަލުތަކަކާ އެކު މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.
މަހަކު ދޮޅު މިލިޔަނަށް ވުރެ ގިނަ ވިޒިޓްސް ލިބޭ ވެބްސައިޓްގައި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ މިހާރު ގެނެސްދީފައިވަނީ ވަރަށް ފަސޭހަކަމާ އެކު ބަލާލެވޭނެ ގޮތަށެވެ. އަދި އާއްމުންގެ ބައިވެރިވުން މި ވެބްސައިޓްގައި ވަރަށް ބޮޑަށް ވަނީ ހިމަނާފަ އެވެ.
ޔުނިކޯޑް ފޮންޓް ބޭނުންކޮށްފައިވާ ވެބްސައިޓަށް ކިޔުންތެރިންގެ ޚިޔާލު ފޮނުވުމާއި ޚިޔާލު ޝާއިއުކުރުމުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. މިގޮތުން ޝާއިއުކުރާ ކޮމެންޓަށް ޖަވާބުދެވޭނެ ފުރުސަތާއި އަދި ކޮމެންޓްކުރަނީ ރަޖިސްޓްރީކޮށްފައިވާ މީހެއް ނަމަ އެމީހާގެ ޚާއްސަ ޕްރޮފައިލް ޕޭޖުން އެ ކޮމެންޓްތައް ފެންނަން ހުރުން ފާހަގަކޮށްލެވެ އެވެ.
ރަޖިސްޓްރީ ނުކޮށް އަދި ކާކުކަން ނޭނގޭ ގޮތަށް ކޮމެންޓްކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ފާހަގަކުރެވޭ ކޮމެންޓްތަކަށް ވަނަ ނުވަތަ ބެޖް ދިނުމުގެ ފުރުސަތު ވެސް ހަވީރު އޮންލައިންގެ އާ ވެބްސައިޓްގައި ހިމެނެ އެވެ. އަދި ގިނައިން ކޮމެންޓް ޝާއިއުކުރާ މީހުންނަށް އެކި ދަރަޖަތަކުގައި ބެޖް ލިބި، އެކަން ފާހަގަކުރެވޭނެ އެވެ.
"ހަވީރު އޮންލައިންގެ އާ ވެބްސައިޓް މިއަދު މި ތައާރަފްކުރީ ވަރަށް ގިނަ އާ ފީޗާސްއާ އެކު. ޔޫޒާ އެންގޭޖްމެންޓް ވަރަށް ބޮޑުވާނެ ގޮތަށް ވިސްނައިގެން ވަރަށް ބޮޑެތި ބަދަލުތަކެއް މި ވަނީ ގެނެސްފައި. އޭގެ ތެރޭގައި ޓެގް ސިސްޓަމް، ކޮމެންޓިން އަށް އައި ބަދަލުތައް، ބެޖް ސިސްޓަމް، ލޮގިން ސިސްޓަމް ފާހަގަކުރެވޭނެ،" ވެބްސައިޓް ޑިވެލޮޕްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތް ކަމުގައިވާ އަހުމަދު އާސިފް ބުންޏެވެ.
ވެބްސައިޓްގެ ކުލަތަކާއި ހުސް ޖާގަ އާއި ނެވިގޭޝަން ގާއިމްކޮށްފައިވަނީ ކިއުންތެރިންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަށެވެ.
"މި ވެބްސައިޓްގެ ޑިޒައިން މަސައްކަތް މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ވަނީ ފަށާފައި. ހަވީރުން ބޭނުންވާ ގޮތަށް، ޔޫޒާ ފްރެންޑްލީ، ބަލާލަން ރީތި، ކޮންޓެންޓް ހޯދަން ފަސޭހަ ވެބްސައިޓެއްގެ ގޮތުގައި ޑިވެލޮޕްކުރެވިފައި މިހިރީ،" ވެބްސައިޓް ޑިޒައިންކުރި މާސްޓަޕީސް ސްޓޫޑިއޯގެ ފަރާތުން އަހުމަދު އީގާން ބުންޏެވެ. "މި ވެބްސައިޓާއި އެހެން ވެބްސައިޓްތަކުގެ ތަފާތު ވަރަށް ބޮޑަށް ފެންނާނެ."
ހަވީރު އޮންލައިންގެ އާ ވެބްސައިޓްގައި ދެ ގޮތަކަށް ރަޖިސްޓްރީކުރެވިދާނެ އެވެ. އެއްގޮތަކީ ފޭސްބުކް ބޭނުންކުރުމެވެ. އަނެއް ގޮތަކީ، ވަރަށް ކުރު ރެޖިސްޓްރޭޝަން ފޯމެއް ހަވީރު އޮންލައިންގައި ފުރުމެވެ. ރަޖިސްޓްރީކުރާ ކޮންމެ މީހަކަށް އެމީހެއްގެ ޚާއްސަ ޕްރޮފައިލް ޕޭޖެއް ލިބޭއިރު، އެޕޭޖުގައި ޕްރޮފައިލް ފޮޓޯ އާއި ޕްރައިވެސީ ސެޓިން ބަދަލުކުރެވޭ ގޮތަށް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހަވީރު އޮންލައިން އިން ކިޔުންތެރިންނަށް ޚާއްސަކޮށް ތައާރަފުކުރާ އެކި ޚިދުމަތްތައް ވެސް ފެންނާނީ އެމީހެއްގެ ޕްރޮފައިލް ޕޭޖުންނެވެ.
ފޮޓޯ އަދި ވީޑިއޯ ސެކްޝަން ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. ފޮޓޯތައް ބޮޑުވެފައި ފަސޭހަކަމާ އެކު ބްރައުޒްކޮށް އަދި ބޭނުން ނަމަ، ފޭސްބުކާއި ޓްވިޓާގައި ޝެއާކުރެވޭ ގޮތަށް ވަނީ ފަރުމާކޮށްފަ އެވެ. ވީޑިއޯ އަށް ބަލާއިރު ވަރަށް ފެންވަރު މަތިކޮށް އަދި ބޭނުން ނަމަ އެޗްޑީ ވީޑިއޯ ވެސް އޮންލައިންގައި ހިމެނޭ ގޮތަށް ވަނީ ވެބްސައިޓް ތައްޔާރުކޮށްފަ އެވެ.
ހަވީރު އޮންލައިންގެ އާ ވެބްސައިޓުގައި އިތުރު ބައިތައް ހިމަނައި އާއްމުންގެ ބައިވެރިވުން މިހާރަށް ވުރެ ވެސް ބޮޑުކުރުމަށް ވަނީ ތައްޔާރުވެފަ އެވެ.
"ލޯންޗުކުރުމުން ސައިޓް އަދި ނިމުނީއެއް ނޫން. މިހާރު މިއަޅާލީ ފިއުޗާ އަށް ފައުންޑޭޝަނެއް. މިއީ، ހަވީރު ނެކްސްޓް ޖެނެރޭޝަން އަށް ދަތުރުކުރުމުގެ ފެށުމެއް. މި ވެބްސައިޓް އަބަދުވެސް ޑިވެލޮޕްވަމުން އިތުރު ފީޗާސް ތައާރަފްވަމުން ދާނެ،" ވެބްސައިޓްގެ ޒުވާން ޑިވެލޮޕަރު އަހުމަދު އަލީ (އަޖާއިބު) ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ