ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އަދި ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެންބަރު އިބްރާހިމް އިސްމާއީލް (އިބްރާ) ސުޕްރީމް ކޯޓާ ދެކޮޅަށް އަބުރުގެ ދައުވާއެއް މިއަދު ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު ޖަސްޓިސް އިމާރާތުގެ ބޭރުގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓާ ދެކޮޅަށް ދައުވާކުރަނީ އޭނާއަކީ ގައުމު ހަލަބޮލިކަމަކަށް ވައްޓާލައި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެފައިވާތީ ކަމަށެވެ.
"އަޅުގަނޑުގެ ނަން ބަޔާންކޮށް އަޅުގަނޑަކީ މި ގައުމު ހަލަބޮލި ކަމަކަށް ވައްޓާލައި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި، މި ކަހަލަ އެންމެ ބޮޑެތި ހިޔާނާތުގެ ވާހަކަ ދައްކައި ސުޕްރީމް ކޯޓުން އަޅުގަނޑާ ދޭތެރޭ ބަޔާނެއް ނެރުއްވާފައި އޮތީ،" އިބްރާ ވިދާޅުވި އެވެ.
އެ ބަޔާން ސުޕްރީމް ކޯޓުން ނެރުނު އިރު އެކަމުގެ ހަގީގަތަކީ ކޮބައި ކަމެއް ނުވަތަ އެ މައްސަލައިގައި ހުރި ހެއްކާއި ގަރީނާތަކަކީ ކޮބައިކަން ސުޕްރީމް ކޯޓުން ބަލާފައި ނުވާ ކަމަށް އިބްރާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އާންމު ފަރުދަކާ ދެކޮޅަށް ސުޕްރީމް ކޯޓުން އެފަދަ ބަޔާނެއް ނެރެންޖެހޭނީ އެ މައްސަލައެއް ވަރަށް ބޮޑަށް ބަލާފައި ކަމަށާއި އެހެން ނޫން ނަމަ ސުޕްރީމް ކޯޓުގެ ގޮތުގައި ކޯޓު އޮތުމަށް އެކަށީގެންނުވާ ކަމަށެވެ.
ކ. ތުލުސްދޫގައި މި ސެޕްޓެމްބަރު ،2 ގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވެފައިވަނީ ފަނޑިޔާރުން ހުކުމްކުރައްވަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން މައިތިރިކުރެވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ. އިބްރާ އަށް ރައްދު ދީ ސުޕްރީމް ކޯޓުން ސެޕްޓެމްބަރު ،5 ގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިބްރާ ދެއްކެވި ވާހަކަތަކަކީ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުމަށް މަގުފަހިކޮށްދޭ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ކޯޓުތަކާއި ފަނޑިޔާރުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައިސިއްޔަތާއި ގަދަރަށް އިހާނާތްތެރިކަން ރައްދުވާ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނޫސްވެރިން ސުވާލުކުރުމުން، ތުލުސްދޫގައި ދައްކަވާފައިވާ ވާހަކަތަކަކީ ދޮގެއް ކަމެއް ވެސް އަދި ތެދެއް ކަމެއް ވެސް އިބްރާ ވިދާޅެއްނުވެ އެވެ. އަދި ވިދާޅުވީ މިއަދުގެ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ގޮތުން ވެސް ހިތުހުރި ވާހަކައެއް ދެއްކުން ކަމަށެވެ. އެކަމަކު ވިދާޅުވީ މުޅި މި މައްސަލައިގެ ސުވާލަކީ އޭނާ ދެއްކެވި ވާހަކައަކީ ގާނޫނާ ހިލާފު ކަމެއްތޯ ނުވަތަ ނޫންތޯ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ވެސް މިއަދު މީހުން ހިތުހުރި އެއްޗެއް ކިޔަމުން އެބަދޭ. އެ މީހަކަށް ފެންނަ ހިޔާލެއް ފާޅުކުރަމުން އެބަދޭ،" އިބްރާ ވިދާޅުވި އެވެ. "ދެން އަޅުގަނޑު އެއަކާ ދޭތެރޭ ދޮގެކޭ ތެދެކޭ ކިޔާކަށް ނޯންނާނެ ނޫންތޯ އަޅުގަނޑު އަޅުގަނޑު ދެއްކި ވާހަކަ އެހެރީ ރެކޯޑްކުރެވިފައި. އެއްޗެހި އެހެރީ ފެންނަން، އަޑުއިވެން. އެކަމަކު ސުވާލަކީ އަޅުގަނޑު ދެއްކި ވާހަކައަކީ ގާނޫނާ ހިލާފް ވާހަކައެއްތޯ."
މީގެ އިތުރުން އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓާ ދެކޮޅަށް ދައުވާކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުއްވީ އެއީ ކޯޓުގައި ހިންގޭނެ މައްސަލައެއް ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައްސަލަތައް ހުށަހެޅުމަށް އޮންނަ ތަނަކީ ސިވިލް ކޯޓު ކަމަށެވެ.
ސުޕްރީމް ކޯޓާ ދެކޮޅަށް އަބުރުގެ ދައުވާއެއް އިބްރާ ސިވިލް ކޯޓަށް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ