ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅުގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އަށް އެމެރިކާއިން ދިން އެވޯޑާއެކު މާލެ ވަޑައިގެންނެވި ދުވަހު، އެމްޑީޕީން ހިންގި ހަރަކާތާ ގުޅިގެން އެ ޕާޓީ 25،000ރ. އިން ޖޫރިމަނާކުރައްވައިފި އެވެ.
ކޮމިޝަނަރު އޮފް އިލެކްޝަންސްގެ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ޝުއައިބު ޔޫސުފު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިންގި ހަރަކާތާ ގުޅިގެން އެމްޑީޕީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އަދި އެ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގަވާފައިވާ ކަމަށެވެ.
"އެ ޕާޓީ ޖޫރިމަނާކުރީ އެއްވެ އުޅުމުގެ ގަވައިދުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނުނަގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ މަރިޔާ އަހުމަދު ރާއްޖެ ވަޑައިގަތުމުން ހުޅުލެއާއި މާލޭގައި ހިންގި ހަރަކާތާ ގުޅިގެން. އެ ހަރަކާތަކީ ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 32 ވަނަ މާއްދާގެ ޅ. އާ ހިލާފަށް ކޮށްފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ހަބަރެއްގައި ވަނީ މާރިޔާ އަހުމަދު ދީދީ ވަޑައިގަތް ދުވަހު އެ ޕާޓީގެ މެމްބަރުން މަރުހަބާ ކިއުމުން އިލެކްޝަން ކޮމިޝަނަރު އެ ޕާޓީގައި އެއްވެސް އަހާލުމެއް ނެތި 25،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވާތީ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކޮމިޝަނަރަށް އެފަދަ މައްސަލަތަކުގައި އަމަލުކުރުމުގައި ވަކި އަތަކަށް ނުޖެހުމާއި މައްސަލައިގެ ނިޔާ އިއްވުމުގެ ކުރިން ކަމާ ގުޅޭ ފަރާތްތަކާ ވާހަކަދައްކައިގެން ކަންކަމުގެ ހަގީގަތް އޮޅުން ފިލުވުން ފަދަ އަސާސީ ހުނަރާއި އާދަކާދަތައް އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ ތެރެއަށް ވައްދައި ހަރުލުމަށް ބާރުއެޅުމާއި އަދި ކޮމިޝަނަރާ ޕާޓީގެ ފަރާތުން ބައްދަލުކޮށް އެކަންކަން އޮޅުން ފިލުވައިދިނުމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގަވައިދާ ހިލާފުވުގެން އެމްޑީޕީ ބައިލައްކަ ރުފިޔާ އިން މިދިޔަ އަހަރުގެ ކުރީކޮޅު ވެސް ޖޫރިމަނާ ކުރައްވާފައިވެ އެވެ.
މާރިޔާ އަހުމަދު ދީދީ މާލެ ވަޑައިގަތް ދުވަހު އެމްޑީޕީން ހިންގި ހަރަކާތާ ގުޅިގެން އެ ޕާޓީ 25،000ރ. އިން ޖޫރިމަނާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ